މަސްވެރިކަމާއި ގުޅޭ

breaking

މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ: ރައީސުލްޖުމްހޫރިއްޔާ

މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވަނީ  މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު ރިޒޯޓުތައް ބަންދުކޮށް، މުޅިރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، މަސްވެރިކަމުގެ ޞިނާޢަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވިކަމަށެވެ. އަދި މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އައިކަމަށާއި ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓިގެންދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަމުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، އެއް ޞިނާޢަތެއްގެ މައްޗަށް މުޅި އިޤްތިޞާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަންކަމަށާއި ކޯވިޑްގެ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށާފައިވާ މިދަނޑިވަޅުގައި، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަންކަމަށް އެނގިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ ޤައުމީ އާމްދަނީގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޞިނާޢަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިޤްތިޞާދީ ދެވަނަ ޞިނާޢަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަމެވެ. ނަމަވެސް ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މީގެ 40 އަހަރު ކުރިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފެށީ، ވަރަށް މުހިންމު މަޤްޞަދެއްގައިކަމަށެވެ. އެއީ، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި، މަސްވެރިން ކުރަމުން އައި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި މަސްވެރިންގެ ޤަދަރާއި ޢިއްޒަތް ހިފެހެއްޓުމަށްކަމަށާއި، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްޞާ އިތުރުކުރުމަށްޓަކައި، މަސްވެރިންނަށް ހިތްވަރުދީ، މަސްވެރިކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!