މަސްވެރިކަމާއި ގުޅޭ

Randhuveli

އެންމެ ގިނައިން ބޮޑުކަންނެލި ކިރުވި ދޯނީގެ އެވޯޑް ރަސްދޫ "ރަންދުވެލި" ދޯންޏަށް

މިދިޔަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ކިރުވި ދޯނީގެ އެވޯޑް އއ. ރަސްދޫ ރަންދުވެލި ދޯނިން ހޯދައިފިއެވެ.

މި އެވޯޑު އެދޯނިން ހާސިލްކުރީ ކުންފުނިތަކަށް މިދިޔަ އަހަރު 154 ޓަނު ބޮޑުކަންނެލި ކިރުވައިގެންނެވެ.

24 މަސްވެރިން ހަރަކާތްތެރިވާ މި ދޯނީގެ ކެޔޮޅަކީ އއ. ރަސްދޫ މުހައްމަދު ސައީދެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން ރަންދުވެލި ދޯނީގެ ކެޔޮޅު މުޙައްމަދު ސައީދު ބުނީ މިދިޔަ އަހަރަކީ ކަންނެލީގެ މަސްވެރިކަން ވަރަށް ރަނގަޅު އަހަރެއް ކަމަށާއި ކުންފުނިތަކަށް ކަންނެލި ކިރިކަމަށް ފެންނަން އޮތް އަދަދުގެ އިތުރުން ބައެއް ރިސޯޓްތަކަށްވެސް ކަންނެލި ކިރާފައިވާނެ ކަމަށެވެ. މިގޮތުން ކުންފުނިތަކަށް ކިރުވި ކަންނެލީގެ ކޮންމެ 5 ޓަނަކުން ޓަނެއް ރިޖެކްޓް ކަންނެލީގެ ގޮތުގައި ރިސޯޓްތަކަށާއި އެހެން ތަންތަނަށް ކިރާފައިވާކަމަށް ކެޔޮޅު ބުންޏެވެ.

"އަޅުގަނޑުމެން މަސްވެރިންގެ ދުވަސް ފާހަގަ ކުރާއިރު މިއަދު މިތިބީ ވަރަށް ހާލުގަ. ދުވަހަކު ކަންނެލި ނުކިރާހާ ދަށް އަގެއްގައި މިހާރު ކަންނެލި ކިރަމުން މިދަނީ. މިއަގުގައި ކިރައިގެން ލިބޭ އާމްދާނީން ދެކޮޅުވެސް ނުޖެހޭ." ކެޔޮޅު ސައީދު ބުންޏެވެ.

އެންމެ ގިނަ ކަންނެލި ކިރުވައިގެން ރަންދުވެލި ދޯނިން މިއަހަރުގެ އެވޯޑް ހޯދިއިރު ދޮށީގެ މަސްވެރިކަމުން އެންމެ ގިނައިން މަސް ކިރުވި ދޯނީގެ އެވޯޑް ހާސިލް ކުރީ ގދ މަޑަވެލީ ކަމަނަ ދޯނިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!