މަސްވެރިކަމާއި ގުޅޭ

ޗައިނާގެ މަސް ބޯޓުތަކެއްް
ޗައިނާގެ މަސް ބޯޓުތަކެއްް

ޕަޕުއާ ނިއު ގިނީގައި ފިޝަރީ އިންޑަސްޓްރިއަލް ޕާކެއް ތަރައްޤީކުރުމަށް ޗައިނާއިން 200 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް

ޕަޕުއާ ނިއު ގިނީގައި 'ފިޝަރީ އިންޑަސްޓްރިއަލް ޕާކު' އެއް ތަރައްޤީކުރުމަށް ޗައިނާއިން 200 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

އޮސްޓްރޭލިއާއާއި 100 ނޯޓިކަލް މޭލު ދުރުގައި އޮންނަ ޕަޕުއާ ނިއު ގިނީގެ ދާރޫ ޓައުންގައި ތަރައްޤީކުރާ މި ފިޝަރީ އިންޑަސްޓްރިއަލް ޕާކު ތަރައްޤީކުރަނީ ޗައިނާގެ ފޫޖިއަން ޖޮންގްހޮންގް ފިޝަރީ ކޮމްޕެނީގެ ފަރާތުންނެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި މިދިޔަމަހުގެ ތެރޭވަނީ ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެނީ ޗައިނާގެ ސަރުކާރުންނެވެ.

ޕްރޮކްޓާއި ގުޅޭ މާ ގިނަ ތަފްސީލްތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގުއި 'ފިޝަރީ އިންޑަސްޓްރިއަލް ޕާކު' ތަރައްޤީވެގެންދިޔުމުން އެ ސަރަޙައްދުގައި ބާނާ މަސް މިތަނުން ގަނެ މަސް ޕްރޮސެސްކުރާނެއެވެ.

ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ މަރކޭޓަށްވުމުން މި މަޝްރޫޢާއި އެކު ޕަޕުއާ ނިއު ގިނީއަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ޗައިނާއިން ޕަޕުއާ ނިއު ގިނީއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ހާމަކުރެއެވެ.

އެހެންނަމަވެސް މި އެއްބަސްވުމާއި އެކު ގިނަ ބައެއްގެ ކަންބޮޑުވުންވަނީ އުފެދިފައެވެ. ސަބަބަކީ މި މަޝްރޫޢާއި އެކު ޗައިނާގެ ކުންފުނިތަކުގެ ބާރު އެހިސާބުގައި ގަދަވެގެންދާނެތީއެވެ.

ޕަޕުއާ ނިއު ގިނީގެ ދާރު ވިލެޖު

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްހަމަޖެހިފައިވަނީ އޮސްޓްރޭލިއާ އާއި ޕަޕުއާ ނިއު ގިނީއާއި ދެބައި މީހުން ހިއްސާވާ ކަނޑުގެ ސަރަޙައްދެއްގައެވެ.

ޓޮރެސް ސްޓްރެއިޓްގެ ނަން ދީފައިވާ މި ސަރަޙައްދުން މިހާރު މަސް ބޭނުމަށް ކަނޑައަޅާފައިވާ އުސޫލަކީ ޕަޕުއާ ނިއު ގިނީގެ ބޯޓުތަކަށް އޮސްޓްރޭލިއާގެ ކަނޑުގެ ސަރަޙައްދުން 25 އިންސައްތަ އާ ހަމަށް ޓްރޮޕިކަލް ލޮޕްސްޓަރ އަދި 40 އިންސައްތަ އާއި ހަމައަށް ސްޕެނިޝް މެކެރަލް ބޭނުމުގެ ހުއްދަ އޮވެއެވެ.

އެހެން ނަމަވެސް މިހާތަނަށްވެސް އެދަދާއި ގާތްކުރާ މިންވަރަށްވެސް ޕަޕިއާ ނިއު ގިނީގެ ބޯޓުތަކަށް މަސް ނުބޭނެއެވެ. އެހެންނަމަވެސް ފިޝަރީ އިންޑަސްޓްރިއަލް ޕާކު ތަރައްޤީވެގެން ދިޔުމުން މިކަމަށްވެސް ބަދަލުތައް އަންނާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!