މަސްވެރިކަމާއި ގުޅޭ

ދެލައްހިކާ - ފޮޓޯ: ރިސާޗްގޭޓް

ދެލައްހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ވަރަށް މަދުން ފެންނަ ކުޑަ އިސްކޮޅެއްގެ މަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 10 ސެންޓިމީޓަރަށެވެ. މިހިކާ އާދަވެގެން އުޅެނީ ފުންހިސާބުތަކުގައެވެ. ވީމާ ފަރުފަޅުތަކުގެ ބޭރަށް މޫދަށްއެރި އުޅޭމީހުންނަށް މިބާވަތުގެ ހިކާ ވަރަށް ނުފެންނާނެއެވެ. މިއީ ރީތި ހިކައެކެވެ. ދިވެހިން މިބާވަތުގެ ހިކާ ކައެއް ނުއުޅެއެވެ. މިއީ ތަދުމަހެއްކަމުން އެކްއޭރިއަމް ތަކުގައި މަސްގެންގުޅޭ ފަރާތްތަކުން މިބާވަތުގެ ހިކާ ގެންގުޅުމަށް ޝައުޤުހުރެއެވެ. މަހުގެ ކާނާއަކީ ކަކުނިފާޑުގެ ސޫތްޕެވެ. މަހުގެ ބުރަކަށިމަތީ ކޮތަރީގައި 12 ހަރުކަށްޓާއެކު 9 ނުވަތަ 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ.

މަހުގެ ކަރުތާފަތުގެ މަތީ ކަނުގައި ފާޅުކޮށް ހުންނަ ކަޅުކުލައިގެ ލަފެއްހުރެއެވެ. އަދި ނިގޫފަތުގެ ބުޑުދަށުގައިވެސް ފަނޑުރަތްކުލައިގެ ލަފެއް ފާޅުކޮށް ހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ދޮން ނާރިނގުކުލައެވެ. ބަނޑުދަށް ހުންނަނީ، ފަނޑު ފިޔާތޮށި ކުލައެއްގައެވެ. ދެއަރިމަތީގައި ލޮލުން ފެށިގެން ނިގުލަށް ރަތްކުލައިގެ ފަނޑުރޮނގެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ މަތީކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހަށްކިޔާ ސައިންޓިފިކް ނަމާއި ގުޅުވައިގެން، މަހުގައި ފާހަގަކުރެވޭ ސިފަތަކަށް ވިސްނާ "ދެލައްހިކާ” ކިޔާ ނަންދީފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Two spot slender hogfish

 

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!