މަސްވެރިކަމާއި ގުޅޭ

Image 2020-12-14 at 08.57.36 (3)

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއަރުވަން ޓަކި ނުޖަހާ އެންމެ ދޮރެއްވެސް ނުބާއްވާނަން: ކީޕަރު އިމްރާން

ރާއްޖޭގައި މައިގަނޑުގޮތެއްގައި ކޮށް އުޅެނީ ކަޅުބިލަމަހުގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މި ދެ ބާވަތުގެ މަސްވެރިކަމަކީ ވަރަށް ތަފާތު ދެ މަސްވެރިކަމެކެވެ. މަސް ބާނާ ގޮތްވެސް މަސް ބޭނުމަށް ބޭނުންކުރާ އަލާތްތައްވެސް ތަފާތެވެ. އެގޮތުން ކަޅުބިލަމަސް ދޮށީގައި ބާނާއިރު، ކަންނެލި ބާނަނީ ނަނުގައެވެ.

ކަންނެލި މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ދޯނިފަހަރު ރާއްޖޭގައި އޮވެއެވެ. ރާއްޖެއިން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ކަންނެލި ބޭރުވެސް ކުރެއެވެ. މިއީ ދުނިޔޭގެ ބާޒާރުގައިވެސް މަޤްބޫލް މަހުގެ ބާވަތެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި މަސްވެރިކަން ކުރަމުން ދިޔަނަމަވެސް މި މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ކުޑަ ކަމަށް ބުނާ ކަންނެލީގެ މަސްވެރިން ގިނައެވެ. އެފަރާތްތަކުގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ.

ކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް ދާދިފަހުން މިވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފައެވެ. އަދި މިދިޔަ މަސްވެރިންގެ ދުވަހު މިވަނީ މި ޖަމިއްޔާގެ އިފްތިތާހީ ޖަލްސާ ކަނޑުމަތީގައި ތަފާތުގޮތަކަށް ބާއްވާފައެވެ. މިއީ ރާއްޖޭގެ ކަނޑުމަތީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާއެވެ. އެންމެ ގިނަ ދޯނި ބައިވެރިވެރިވެގެން ހިންގި އެންމެ ބޮޑު ހަރަކާތެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އިމްރާން ވާހަކަ ދައްކަނީ

މި ޖަލްސާގައި ކަންނެލި މަސްވެރިންގެ ވަރަށް ފުރިހަމަ އަގުލަބުއްޔަތަކުން އެ ޖަމިއްޔާގެ ނައިބު ރައީސަކަށް ހޮވުނީ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދެވެ. އިމްރާންއަކީ މަސްވެރި އާއިލާއަކަށް ނިސްބަތްވާ މަސްވެރިކަމުގައިވެސް ގިނަ ވަގުތު ހޭދަކުރާ ފަރާތެކެވެ. އިމްރާނަކީ އޮޑިވެރިއެކެވެ.

އިމްރާންގެ "އަސަރީ" ދޯނި

އދ. މަހިބަނދޫއަށް ނިސްބަތްވާ އިމްރާންގެ ބައްޕަގެ ކަންނެލީގެ މަސްވެރިކަން ކުރާ 2 ދޯނި އޮވެއެވެ. އަދި އިމްރާންގެ އަމިއްލަ ދޯންޏެއްވެސް އޮވެއެވެ. މި ތިން ދޯނިވެސް ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ އިމްރާނެވެ. މީގެން ކޮންމެ ދޯންޏެއްގައި ގާތްގަނޑަކަށް 25 މަސްވެރިން އުޅެއެވެ.

އިމްރާންގެ ބައްޕަގެ ދޯންޏެއްކަށްވާ އަސުރުމާ-3

މަސްވެރިން އެމްވީއާއި ވާހަކަދައްކަމުން އިމްރާންވަނީ ކަންނެލީގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ދަތިތައް ހިއްސާކޮށްފައެވެ. އެގޮތުން ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމަށް ފާހަގަކުރެއެވެ. އަދި މިފަދަ މައްސަލަތަށް ގިނަވެ، އެކަމަށް ހައްލު ހޯދުމަށް ޔޫނިއަންއެއް އުފެއްދީކަމަށް އިމްރާން ބުންޏެވެ.

"ބޮޑު ކަންނެލީގެ މަސްވެރިކަމަށް މާ ބޮޑު އަޅާލުމެއް ނެތް، މަސްވެރިކަމަކީ ރާއްޖޭގައި ކަޅުބިލަމަހުގެ މަސްވެރިކަން، ރާއްޖޭގެ މަސްވެރިކަމޭ ބުނެފިއްޔާ ބޭނުންކުރާ ފޮޓޯތަށްވެސް ހުންނާނެ ކަޅުބިލަމުގެ މަސްވެރިކަމުގެ ފޮޓޯތައް، ކަންނެލީގެ މަސްވެރިކަން މިހާރަށްވުރެ ބޮޑަށް ކުރިއަރުވާ މިދާއިރާ ތަރައްޤީކުރަން ޔޫނިއަންނެއް ހެދީ،" އިމްރާން ބުންޏެވެ.

އިމްރާން ފާހަގަކުރިގޮތުގައި ކަންނެލި މަސްވެރިކަމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި ކަންނެލީގެ މަސްވެރިކަމުގެ ކުރިމަގު އޮތީ ވަރަށް ބަނަކޮށް ކަމަށާއި ކަންނެލީގެ މަސްވެރިކަމުގެ އަގު ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ދަމުންދާ ކަމަށެވެ.

އިމްރާން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކަނޑުމަތީގައި

އިމްރާން ބުނީ މިހާރު ކަންނެލީގެ މަސްވެރިކަން އޮތް ހާލަތަށް ބަލާއިރު، މިކަމުގައި ހަރަކާތްތެރިވާ މަސްދޯނިތައް އިތުރުވެގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ޒުވާނުންވެސް މި މަސްވެރިކަމަށް ނުވަންނާނެ ކަމަށް އިމްރާން ބުންޏެވެ.

މިފްކޯއިން މިހާރު ބޮޑުކަންނެލި ގަތުން ހުއްޓާލާފައިވާ އިރު، މިއާއެކުވެސް ގިނަ ގޮންޖެހުންތަކެއް ކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ކަމަށް އިމްރާން ބުންޏެވެ. އަދި ސަރުކާރުން ކަންނެލީގެ މަސްވެރިކަމަކީ ފައިދާ ހުރި މަސްވެރިކަމެއް ނޫންކަމަށް ބުނަމުންދާ އިރު، ކަންނެލި މަސް އެކްސްޕޯޓު ކުރާ ބޮޑެތި ކުންފުނިތައް ރާއްޖޭގައި އޮޕަރޭޓްކުރަމުންދަނީ ކީއްވެގެން ކަމާއި މެދު އިމްރާން ވަނީ ސުވާލު އުފައްދާފައެވެ.

"މިފްކޯއަށް ކަންނެލި ގަނެގެން ކީއްވެގެން ފައިދާ ނުވާންވީ؟ ކަންނެލި މަސްވެރިކަމުން ފެކްޓަރީތަކަށް ފައިދާ ނުވާ ނަމަކަ ރާއްޖޭގައި 50 މިލިއަން ޑޮލަރުގެ އިންވެސްޓުކޮށްގެން ބޮޑެތި ފެކްޓަރީއެއް ނާޅާނެ އެހެން ބަޔަކު، އެހެންވީމަ ސަރުކާރުން ބޮޑު ކަންނެލި ބޭރުކޮށްގެން ފައިދާ ނުވާނެއޭ ބުނީމަ، ޤަބޫލެއް ނުކުރެވޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން މުޙައްމަދު ވަނީ ފުޓްބޯޅަ ކެރިއަރުގައި އޭނާގެ ރަން ޒަމާނުގައިވެސް ކަންނެއްޔަށް ގޮސްފަ

އިމްރާން ބުނީ ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ޔޫނިއަންގެ ފަރާތުން ކުރާނެ ކަމަށެވެ. އަދި ވަކި ވަކި ފަރާތްތަކުގެ އަޑުވެސް ޔޫނިއަން އިން އުފުލާނެ ކަމަށެވެ. އިމްރާން ބުނީ ކަންނެލީގެ މަސްވެރިކަން ކުރިއަރުވަން ޓަކި ނުޖަހާނެ ދޮރެއް ނޯންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!