މަސްވެރިކަމާއި ގުޅޭ

Tholhi

ތޮޅި: ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށްހެރި، މަރުގެހާލަތު މެދުވެރިކުރުވާ މަހެއް

މީގެ ހަތްވަރަކަށް އަހަރުކުރިން ފާނައިގެ މަސްވެރިކަމުގައި އުޅުނު ދުވާފަރު މަސްވެރިއެއްގެ ކަންފަތައް ތޮޅިއެއް ހެރި ލަންކާގައި ފަރުވާދެމުން ދަނިކޮށް ނިޔާވިއެވެ. އަދި މީގެ ތިންވަރަކަށް އަހަރުކުރިން ލަނޑާނެގުމުގައި ހަރަކާތްތެރިވަނިކޮށް ނ.މާޅެންދޫ މަސްވެރިއެއްގެ ކަރަށް ތޮޅިއެއް ހެރުމުގެ ސަބަބުންވެސް ވަނީ ހޮސްޕިޓަލްއަށް ގެންދިއުމުގެ މަގުމަތީގައި ނިޔާވެފައެވެ.

ތޮޅި ހަށިގަނޑަށް ހެރުމުގެ ސަބަބުން ފުރާނަ ދިއުމުގެ ހާދިސާތަކުގެ އިތުރުން ފުރާނަޔަށް ނުރައްކާވާ ޒާތުގެ އަނިޔާތަކަކީ ނިސްބަތުން ރާއްޖޭގައި އާންމު ކަމެކޭ ބުނެވިދާނެއެވެ. އަދި ތޮޅީގެ ސަބަބުން ދިމާވާ ނުރައްކާތެރި ހަމަލަތަކަށް ބަލާއިރު މިއީ މިއަށްވުރެ ނުރައްކާތެރި މަހެއްގެ ގޮތުގައި ވެސް ސިފަވެއެވެ. އެގޮތުން ތޮޅި ފުންމައިގެން އަންނަ ވަގޮތުގައި އޭގެ ބާރުމިން ގަޑިއަކު 37 މޭލު ހުރެއެވެ.  ތޮޅީގެ ހަމަލާ އަމާޒުވެގެން ރިޕޯރޓްކޮށްފައިވާ އެހެން ހާދިސާތަކުގެ ތެރޭގައި ފައިގެ ފަލަމަސްގަނޑަށް އަމާޒުވުމާއި، މެއަށް ހެރުމުގެ ސަބަބުން ފުއްޕާމެއަށް ގެއްލުން ލިބުމާއި ނޭފަތް އަދި ލޮލަށް ތޮޅީގެ ތުންގަނޑު ހެރުން ހިމެނެއެވެ.

މީހެއްގެ ކަރަށް ހެރުނު ތޮޅިއެއްގެ ތުންގަނޑު ނަގާފައި- ފޮޓޯ/ އައިޖީއެމްއެޗް

ތޮޅިއަކީ މަސްމީރު، ދިވެހިންގެ މެދުގައި ކެއުމަށް އާންމުކޮށް ބޭނުންކުރާ މަހަކަށް ވިޔަސް، ދިވެހި ކަނޑުތަކުގައި ދިވެހިންނަށް އެންމެ ނުރައްކާ މަހަކީ އަދި ކަނޑުގެ ދިރުމަކީ ތޮޅީގެ ބާވަތްތައް ކަމުގައި ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ތޮޅީގެ ސަބަބުން ފުރާނައަށް ނުރައްކާފަދަ ހާދިސާތަކަކީ ދުނިޔޭގެ އެހެން ހިސާބުގެ މަސްވެރިންނަށް ވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކެކެވެ. މީގެތެރޭގައި ފާއިތުވެދިޔަ އަހަރުގެ ކުރީކޮޅު އިންޑޮނޭޝިއާގެ ޒުވާނެއްގެ ކަރަށް އެރި ތޮޅީގެ ހަމަލާގައި ކަރުންވަދެ، ބޮލުގެ އެނެއްފަރާތުން ފޫދުއްވާލާފައި ނުކުތް ހާދިސާ ދުނިޔޭގެ މަޝްއޫރު ނޫސްތަކުން ވަނީ ގެނެސްދީފައިއެވެ. ނަމަވެސް މިހާދިސާގައި އެޒުވާނާވަނީ ސަލާމަތްވެފައިއެވެ. މީގެ އިތުރުންވެސް މަސްވެރިންނާއި، ރާޅާ އަޅާ މީހުންނާއި، ޑައިވަރުން އަދި މޫދުގައި އެހެން ކަންކަންކުރުމުގައި ތޮޅީގެ ހަމަލަ އަމާޒުވެފައިވާ ކަމުގައި ރެކޯރޑްކުރެވިފައިވެއެވެ.

މެރިން ރިސާރޗް ސެންޓަރުގެ ފިޝަސް އޮފް ދަ މޯލްޑިވްސްގައި ތޮޅީގެ މައިގަނޑު ދެ އާއިލާއެއް ވާކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ފަންގަނޑުތޮޅި އާއިލާގެ އިތުރުން އޮނުގަނޑު ތޮޅި ޢާއިލާ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތޮޅި ނިސްބަތްވާ އާއިލާކަމުގައިވާ (Belonidae) ގައި 47 ތޮޅީގެ ވައްތަރުވާކަމަށް ހޯދިފައިވެއެވެ. ތޮޅީގެ ވައްތަރުތައް ކަނޑުގެ އިތުރުން މީރުފެން އެކުލެވޭ ކޯރުތަކާއި އެފަދަ އެހެން އެއްގަމުގެ ސަރަހައްދުގައިވެސް ދިރިއުޅެއެވެ.

ތޮޅީގެ ސަބަބުން ކުރިމަތިވާ ހާދިސާތަކަކީ ގަސްތުގައި އިންސާނުންނަށް ގެއްލުން ދިނުމުގެ ގޮތުން އަމާޒުވާ ހަމަލާތަކެއް ނޫނެއެވެ. ނަމަވެސް މޫދުގެ ފެންގަނޑަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރޭގަނޑުގެ ވަގުތުގައި މޫދުގައި ހަރަކާތްތެރިވުމުގައި އަލި ކުރެވޭ ގޮތަކުން ތޮޅި ފުންމައިގެން ގޮސް ހަށިގަނޑުގެ ތަނަކަށް ހެރި ލިބޭ އަނިޔާއެވެ.

ތޮޅި ފުންމައިގެން އަންނަ ވަގުތުގައި ގަޔަށް ތޮރުފިގެން ވަނުމުން ލިބޭ އަނިޔާގެ އިތުރުން ކަނޑުގައި ދިރިއުޅޭ ޖަރާސީމްއެއްކަމަށްވާ ވިބްރިއޯ ވުލްނިފިކަސް (Vibrio vulnificus) އަދި އެފަދަ އެހެނިއެހެން ބެކްޓީރިއާއަކީ މިފަދަ ހަމަލާތަކުގެ ސަބަބުން ހަށިގަނޑުގައި ސެކަންޑަރީ އިންފެކްޝަންހެދި ހާލަތު ގޯސްވާން މެދުވެރިވާ ސަބަބެކެވެ. އަދި މިފަދަ ހަމަލާއެއްގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށް ވަޒަންކުރުމުގެ ބަދަލުގައި ތޮޅިއެއް ގައިގެ ތަނެއް ފޫއަޅުވައި ގޮސްފިނަމަ ވީ އެންމެ އަވަހަކަށް ސިއްހީފަރުވާ ހޯދުން މުހިންމެއެވެ. އަދި ތޮޅި ފުމުއުޅޭ ހިސާބަކަށް ރޭގަނޑު ނުފީނުމަކީ މުހިންމުކަމެވެ.

އަދި ރޭގަނޑު ޑައިވްކުރުމާއި ފީނުމުގައި ބައްތީގެ އަލި ކަނޑުގެ ސަތަހަ އަދި ދެފެންދޭތެރެއަށް ވާގޮތަށް ނުކުރުމާއި ހަށިގަނޑު ނިވާކުރުމަށް ބޯ ފޭރާމެއް ލައިގެން ރޭނގަނޑު ފީނުން ނުވަތަ ޑައިވްކުރުމަކީ ކުރެވިދާނެކަމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!