މަސްވެރިކަމާއި ގުޅޭ

ހިޔަނި ދަންބޮޑު

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި 30 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ.

ދަންބޮޑުގެ އެހެން ބާވަތްތަކެކޭ އެއްފަދައިން ދުވާލުގެ ވަގުތުތަކުގައި ގަލުގެ ހޮހަޅަތަކުގައްޔާއި އެކި ގާގަލުގެ ނިވަލުގައި އުޅޭ، ރޭގަޑު ބޭރަށް ކުމެއުޅޭ މަހެކެވެ. މިއީ ދިވެހި މަސްވެރިން ކުރާ ރޭގަޑު ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ އެހެނަސް ޢާއްމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއްނޫނެވެ. މަހުގެ އަނގައާއި ލޯ ބޮޑެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތުގެ ހަރުކަށިތަކުގެ ތެރެއިން 3 ވަނަ ކަށްޓަކީ އެހެނިހެން ކަށިތަކަށްވުރެ ފަލަކޮށް އަދި ގަދަކޮށް ހުންނަ ކަށްޓެކެވެ.

މަހުގެ މަތީބައިގެ ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ ގަދަ ނޫކުލައެއްގައެވެ. މަހުގައި ހުންނަނީ ރަތްމުށި ކުލައެކެވެ. މަހުގެ މަތީބައިގައި ހުންނަނީ ކަޅުކުލައެކެވެ. އަދި މަހުގެ ކޮތަރިތަކާއި ނިގޫފަތުގެ ކޮޅު ހުންނަނީވެސް ކަޅުކުލައިގައެވެ. މަހުގެ ކޮތަރިތަކުގައި ހުންނަ ކަޅުކުލައާއި މަހުގެ މަތީބައިގެ ފަނޑުކަމަށް ވިސްނާ މިމަހަށް ، އިގިރޭސިބަހުން ކިޔާއުޅޭ ނަމާއި ގުޅޭގޮތުން މިމަހަށް "ހިޔަނި ދަންބޮޑު" ކިޔާ ނަންދީފައިވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ބޮޑެތި ފަނިފަކުސައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Shadowfin soldierfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!