މަސްވެރިކަމާއި ގުޅޭ

ހިބަރުގެ ޙަޔަވިއްޔާތާއި، ތަބީޢަތް އަދި ދިރިއުޅޭ މާޙައުލު

ހިބަރަކީ ދުނިޔޭގެ ހުރިހާ ކަނޑުތަކެއްގައިވެސް އުޅޭ ބާވަތެކެވެ.

މިގޮތުން ދުނިޔޭގެ ދެބައިހަމަ (އިކުއޭޓަރ) ސަރަޙައްދުގެ ހޫނު ކަނޑުތަކާއި، މެދުމިންވަރަކަށް ހޫނު (ސަބްޓްރޮޕިކަލް) އަދި ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގައި ހިބަރުގެ ބާވަތްތައް އުޅެއެވެ. އަދި މި ބާވަތްތަކަކީ ކަނޑުގެ މަތީ ފަށަލައިގައި އުޅޭ ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ މަހެކެވެ.

ޖުމުލަ ގޮތެއްގައި ހިބަރުގެ އާއިލާގެ ބާވަތްތަކަކީ ކަނޑުގެ ސަތުޙުން 200 މީޓަރު ފުނުގައި އުޅޭ މަހެއް ކަމުގައިވިއަސް، ވަކިވަކި ބާވަތްތައް އުޅޭ ސަރަޙައްދުތަކާއި ފުންމިން ތަފާތުވެއެވެ. ހިބަރުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖެއިން ފެންނަ ދެ އާއިލާ ކަމަށްވާ، ފަންގަނޑު ހިބަރާއި މަސްހިބަރު ހިމެނޭ އިސްޓިއޮޕޮރިޑޭ (Istiophoridae) އަދި ތުންގަނޑު ހިބަރު ހިމެނޭ، ޒިފީޑިއޭ (Xiphiidea) އާއިލާގެ ބާވަތްތައް އެންމެ އާންމުކޮށް ފެންނަނީ ހޫނު ކަނޑުތަކުންނެވެ.

ހިބަރަކީ ކަނޑުގެ މާޙައުލުގެ ކާނާގެ ހަރުފަތްތަކުގެ (ފުޑް ޕިރަމިޑްގެ) އެންމެ މަތީގައިވާ (އޭޕެކްސް ޕްރިޑޭޓަރ)، އަދި އެސޮރުމެންގެ ކާނާގެ ގޮތުގައި ވަރަށް ގިނަ ބާވަތްތަކެއް ހިމެނޭ މަހެކެވެ. ހިބަރު އާއިލާގެ ކާނާގެ ތެރޭގައި ކަޅުބިލަމަސް، ރީނދޫއުރަހަ ކަންނެލި، ލޯބޮޑު ކަންނެލި، ފިޔަލަ، ފުޅަނގި، ފަރުތޮޅި ފަދަ މަސްތައް ހިމެނެއެވެ. އަދި އައްސޭރިފަށާ ކައިރި ސަރަޙައްދުތަކުގައި ނަމަ، މުށިމަސް ފަދަ ބާވަތްތައް މިސޮރުމެން ކައިއުޅެއެވެ.

ހިބަރުގެ ބާވަތްތަކުގެ ކާނާ ދެނެގަތުމަށްޓަކައި، މަހުގެ ގޮހޮރު ބަލައިގެން ހެދުނު ދިރާސާތަކަކުން ދެއްކި ގޮތުގައި ބޯވަދިލަމަހުގެ ބާވަތްތަކަކީވެސް ކާނާގެ ގޮތުގައި ހިބަރަށް މުހިންމު ބާވަތްތަކެކެވެ. އެހެންނަމަވެސް، ކާނާގެ ތެރޭގައި ހިމެނޭ ވަކި ވަކި ބާވަތްތަކާއި، އެ ބާވަތްތައް ކާނާގެ ތެރޭގައި ހިމެނޭ މިންވަރު، ހިބަރު އާއިލާގެ އެކި ބާވަތްތަކުގެ މެދުގައި އަދި އެކި މޫސުމަށް ބިނާކޮށް ތަފާތުވެއެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!