މަސްވެރިކަމާއި ގުޅޭ

ފަށުވި ލިބާސް

ފަށުވިލިބާސް މަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަހިސާބުގައި ގިނައިން އުޅޭ ރީތިމަހެކެވެ.

މިއީ ފަތިކޮށް ފުޅާކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ކުޑަވެފައި ބޯކޮޅު ހުންނަނީ ވަށްކޮށެވެ. މިއީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްނޫން ކަމުގައި ވިޔަސް ފަޅުގައި ދާއަޅައިގެން ކުރާ ފަރުމަހުގެ މަސްވެރިކަމުގައި ހިފުނީމާ މަދުމަދުން ކައިއުޅެއެވެ.

މަހުގެ ކާނާއަކީ ގަލުފެއްސާއި، މޫދު ފެއްސެވެ. މިބާވަތުގެ މަސް ކުދި އައިން ހަދައިގެންނާއި ޖޯޑުޖޯޑަށް އަދި އެކަހެރިކޮށްވެސް އުޅޭތަން ފެނެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 27 އާއި 29 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 25 އާއި 28 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ހަނދުފަޅިބުރަށް ކަފިކޮށެވެ. މަހުގެ ދެފަރާތުުން ނިގޫ ކޮޅުގައި ތޫނު ދެ ކަށި ހުރެއެވެ.

މަހުގެ ކަންފަތުން ފެށިގެން މަތީ ބަޔާއި ބުރަކަށިމަތީ ކޮތަރިބައިގައި ނުލާއި، ރީނދޫ އަދި ކަޅުކުލައިގެ ރޮނގުތަކަކުން ކުރެހުން އަޅާފައި ހުރެއެވެ. މަހުގެ ބޮލުގައި ހުންނަ ރޮނގުތައް ހުންނަނީ ކަތިކޮށެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ އަޅިކުލައެވެ. މިކޮތަރިބައިގެ ބުޑުދަށް ހުންނަނީ ރީނދޫކުލައިގައެވެ. އަދި ކައިރިފަށް ހުންނަނީ ނޫކުލައިގައެވެ. ނިގޫފަތުގެ ބޮޑުބައެއް ހުންނަނީ ކަޅުކުލައިގައެވެ. މިއީ 38 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Lined surgeonfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!