މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.
އެއީ 17:15 އިން 21:30 އަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު މެންދުރުން ފަހުން ފެށިގެން މާލެ ސަރަހައްދަށްވެސް ވަނީ ވާރޭ ވެހެމުންނެވެ. މޫސުމާއި ގުޅޭ ގައުމީ އިދާރާއިން ވަނީ އޭރު ހުދު ސަމާލުވެސް ނެރެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފުޓާއި ދެމެދުގައި ކަމަށް މެޓުން ބުނެއެވެ.
މިހާރު ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކަމުގައިވާ "ބުރުނު" ނަކަތުގެ ދުވަސްތަކެވެ. މިމަހުގެ 22ވަނަ ދުވަހުން އަންނަމަހުގެ 5ވަނަ ދުވަހަށް ކުރައަށްދާ ބުރުނު ނަކަތް ފެށޭއިރު ވިއްސާރަވެފައި ވައި ގަދަވާނެއެވެ. އެހެން ނަމަވެސް ނަކަތް ނިމޭއިރު މޫސުން ރަނގަޅުވާނެއެވެ.