މަސްވެރިކަމާއި ގުޅޭ

އިހީގެ އުމުރު ދިގު، ނަމަވެސް ފުރާވަރަށް އަރަނީ ލަހުން

އިހީގެ ބާވަތްތަކުގެ އުމުރު ދިގު ނަމަވެސް އެއީ ލަހުން ފުރާވަރަށް އަރާ ބާވަތެކެވެ. އިހި ބޮޑުވަމުން ދިޔަ ނަމަވެސް އޭގެ ތޮށިގަނޑު، ހަށިގަނޑާއެކު ބޮޑުވަމުންނެއް ނުދެއެވެ. އެހެންކަމުން އިހީގެ ހަށިގަނޑު، ތޮށިގަނޑަށްވުރެ ބޮޑުވުމުން، އެ ތޮށިގަނޑު ދޫކޮށްލައި، އާ ތޮށިގަނޑެއް އޭގައި އުފެދެއެވެ.

މިގޮތުން، ދަރިމައިވުމަށް ތައްޔާރު ވުމުގެ ގޮތުން ވެސް އަންހެން އިހި ތޮށިގަނޑު ދޫކޮށްލައެވެ.

އިހީގެ ކާނާގެ ގޮތުގައި ގޮޅާ، ރިނދަލި އަދި ކަކުނި ފާޑުގެ މައިކަށި ނުހުންނަ ސޫތްޕާއި މޫދުފެހި ހިމެނެއެވެ. މީގެ އިތުރުން ލޮނުގަނޑުގެ ތެރޭގައި ދަތުރު ކުރާ، އޮޔާއެކު ދާ ކުދި ސޫފިތައް ވެސް ޅަފުރައިގެ އިިހި ކާން ބޭނުން ކުރެއެވެ.

އިހީގެ ވަކި ބާވަތްތައް ހެދިބޮޑުވާގޮތް ތަފާތެވެ. އެއީ އެކި ވައްތަރުގެ އިއްސަށް ކާނާ ލިބޭ ވަރާއި ލޮނުގަނޑުގެ ފިނިހޫނުމިން އަދި އޮއިދެމޭ މިންވަރު ތަފާތުވުން ހިމެނެއެވެ.

އިހީގެ ބައެއް ބާވަތްތަކަކީ، އޭގެ ތޮބީއަތުގައި އެކުގައި ބައި ހަދައިގެން އުޅުމުގެ ސިފަ ހުންނަ ބާވަތްތަކެވެ. މިގޮތަށް ގިނަ އަދަދެއްގެ އިހި އެއްތަނެއްގައި ޖަމާވެ އުޅެނީ، އެހެން ސޫފީގެ ފަރާތުން ކުރިމަތިވާ ނުރައްކާ ކުޑަ ކުރުމަށް ކަމަށް ބެލެވެއެވެ.

އިހީގެ ހަޔާތުގެ ބުރުގެ އެކި މަރުހަލާގައި، ތަފާތު މަސްމަސް ކާނާގެ ގޮތުގައި އިހި ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ފާނަ، މިޔަރު އަދި ބޯވަ ހިމެނެއެވެ. މީގެ އިތުރުން ރޮނޑާއި މަޑިވެސް އިހި ޝިކާރަކޮށްގެން ކައެވެ.

ދިވެހި ރާއްޖޭގައި ރިކޯޑު ކުރެވިފައިވާ އިހީގެ ބާވަތްތަކަކީ، ޕެލިނުރިޑޭ (ސްޕައިނީ ލޮބްސްޓާ)، ސްކިލަރިޑޭ (ސްލިޕާ ލޮބްސްޓާ) އަދި އެނޮޕްލޮމެޓޮޕިޑޭ (ރީފް ލޮބްސްޓާ)ގެ އާއިލައަށް ނިސްބަތްވާ ބާވަތްތަކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!