މަސްވެރިކަމާއި ގުޅޭ

Image_3-1200x428

އެންސިސްއިން ހުސްވި އަހަރު މަސްވެރިންގެއަތުން ގަތް މަހުގެ އަދަދު ވަނީ އިތުރުވެފައި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން އެންސިސް ފިޝަރީޒްއަކީ ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

މިހާރު ރާއްޖޭގައި މަސްވެރިންގެ އަތުން އެންމެ ގިނަ އަދަދަކަށް މަސް ގަންނަމުންދާ އަމިއްލަ ކުންފުންޏަކީ އެންސިސްއޭ ބުނުމަކުން ކުށަކަށް ނުވާނެއެވެ. މިހާރު އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެ، ދޭ ޙިދުމަތްތައް އިތުރުވެ ބިޔަ ވިޔަފާރިއަކަށްވެފައިވީ ނަމަވެސް އެންސިސް ފެށިގެން އައީ ވަރަށް ކުޑަކޮށެވެ.

މަސްވެރިކަމުގެ ސިނާއަތުގައި އެންސިސް ފިޝަރީޒްއިން ހަރަކާތްތެރިވަމުން އަންނަތާ މިހާރު 19 އަހަރުވަނީއެވެ. ވިޔަފާރި ފެށިގެން އައި އިރު އެންސިސް އަކީ ހަމައެކަނި ކަންނެލި އެކްސްޕޯޓް ކުރާ ކުންފުންޏެކެވެ.

2010ވަނަ އަހަރު އެސްއެމްއީ ކުންފުނިތަކަށް ކަޅުބިލަމަސް ބޭރުކުރުމުގެ ހުއްދަ ސަރުކާރުން ދިނުމާއި އެކު އެކުންފުނިންދަނީ ކަޅުބިލަމަސްވެސް ރާއްޖެއިން އެކްސްޕޯޓްކުރަމުންނެވެ. އަދި މި ހުއްދައިގެ ދަށުން ދަޅުގައި މަސް ބަންދުކޮށްގެން ރާއްޖެއިން ބޭރުކުރުމުގެ ހުއްދަވެސް އެ ކުންފުންޏަށްވަނީ ލިބިގެން ގޮސްފައެވެ. މިއާ އެކު 2019ވަނަ އަހަރު އެންސިސްއިންވަނީ

ދަޅުގައި މަސް ބަންދުކުރެވޭ އަމިއްލަ ކާރުހާނާއެއްވެސް ހުޅުމާލޭގައި ހުޅުވާފައެވެ.

ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން މަސްވެރިން އެމްވީއާއި ވާހަކަދައްކަވަމުން އެންސިސްގެ ޖެނެރަލް މެނޭޖަރ ހުސެއިން އަފީފް ވިދާޅުވީ، ކުންފުންޏަށް ލިބެމުންދާ ކުރިއެރުންތައް އެކުންފުނިން މަސް އެކްސްޕޯޓްކުރާ މިންވަރަށް ބަލާލުމުންވެސް އެނގިގެންދާނެ ކަމަށެވެ.

" 2007 ހިސާބު 50 ޓަނު ނުވަތަ 70 ޓަނު މަސް ބޭރުކުރަމުން އައި، 2010ވަނަ އަހަރު މަހެއްގެ މައްޗަށް 200 ޓަނު ބޭރުކުރަމުން އައީ، 2015 އާއި ހިސާބަށް އައި އިރު، 300ޓަނުގެ މަސް ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓްކުރަމުން ދަނީ"، އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ކޯވިޑާއި ގުޅިގެން ކުންފުންޏަށް ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށެވެ. އެހެން ނަމަވެސް އެހާލަތުގައިވެސް އެންސިސްއިން ދިޔައީ މަސްވެރިންގެ އަތުން މަސް ގަންނަމުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު މަސްވެރިންގެ އަތުން މަސް ގަތް އަދަދު ވަނީ އިތުރުވެފައިކަން އަފީފު ފާހަގަކުރެއްވިއެވެ.

" 2018 އާއި 2017 އާއި އަޅާބަލާއި، މަސްވެރިންގެ އަތުން މިދިޔަ އަހަރުތެރޭ މަސް ގަތް އަދަދުވަނީ އިތުރުވެފައި، އެހެން ނަމަވެސް މަސް އެކްސްޕޯޓް ކުރެވިފައިވާ މިންވަރުވަނީ މިދިޔަ އަހަރު ދަށްވެފައި، " އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އެކުންފުންޏަށް މަސް ކިރަން އަންނަ މަސް ދޯނި ފަހަރުތަށް ގެންނަ މަސް ކޮންމެ ކޮލިޓީއެއްގައި ކަމުގައިވެސް އެމަސް އެކުންފުނިން ގަންނަ ކަމަށެވެ. ބޭނުންވަނީ އަންނަ ދޯނީތަކުން ގެންނަ ހުރިހާ މަހެއް ގަނެފައި، އައިސް އަޅާފަ އަނބުރާ މަހަށް ފުރުވާލުންކަމަށް އަފީފް ވިދާޅުވިއެވެ.

އެންސިސް ފިޝަރީޒްއަކީ މިއަދު، މި ރާއްޖޭގައި އޮތް އެންމެ ކާމިޔާބު މަސް ބޭރުކުރާ ކުންފުންޏެވެ. އެންސިސް ފިޝަރީޒްއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ނަމޫނާ ދައްކަމުން އަންނަ ކުންފުންޏެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!