މަސްވެރިކަމާއި ގުޅޭ

large_155068420817K519

މަސްވެރިޔާ ކާޑަށް 2 އަހަރު: ރައީސް ސޯލިހް ވިދާޅުވި އިނާޔަތް ނުލިބޭ، ބޭކާރު ކާޑެއް!!

"މަސްވެރިޔާ ކާޑު"ގެ ނަމުގައި މަސްވެރިންނަށް ޚާއްޞަކޮށް ކާޑެއް ތަޢާރަފްކުރީ 20 ފެބްރުއަރީ 2019 ގައެވެ. މި ކާޑު ތަޢާރަފްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ މި ކާޑުން ލިބޭނެ ޚިދުމަތްތަކާ ބެހޭގޮތުން އުންމީދުން ފުރިގެންވާ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. މިގޮތުން މި ކާޑުގެ ސަބަބުން މަސްވެރިންނަށް ޕެންޝަނާއި އެހެނިހެން ސްކީމްތަކުގައި ބައިވެރި ވެވޭނެ ކަމަށާއި އަދި ބޭންކުން ލޯނު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނުގެ މި ވާހަކަފުޅުތަކަކީ މަސްވެރިންނަށް އެތައް އުންމީދުތަކެއް ގެނެސްދިން ވާހަކަފުޅުތަކެވެ. މިކަމަކީ މަސްވެރިން ނުހަނު އުންމީދުކޮށްގެންތިބި ކަމެކެވެ. ސަބަބަކީ މަސްވެރިންނަށް ކިތަންމެ ގިނައިން ލާރި ލިބުނަސް މަސްވެރިޔަކަށް ވީތީ ބޭންކުން ލޯނެއްވެސް ނުލިބެއެވެ. އަދި މަސްވެރިޔަކަށް ވީތީ އެއްވެސް ކްރެޑިޓް ސްކީމަކުންވެސް އެއްޗެއް ނުލިބެއެވެ. ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ލިބޭ އެތައް އިނާއަތްތަކުން މަސްވެރިއަކަށް ވީތީ އޮތީ މަހުރޫމު ވެފައެވެ. އެހެންކަމުން މަސްވެރިޔާ ކާޑު ތަޢާރަފް ކުރުމުން މަސްވެރިން ދެކުނީ މި ހުރިހާ ދުވަހު ނުލިބި އޮތް އިނާޔަތްތަކަށް ނިމުމެއް އައީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފާހަކަފުޅަށް އިތުބާރުކޮށް ރާއްޖޭގެ އެތައް މަސްވެރިންނާއި އޮޑިވެރިން މި ކާޑު ހެއްދިއެވެ. މިގޮތުން 2500 އަށްވުރެ ގިނަ ކާޑު ހެއްދިއެވެ.

ނަމަވެސް ކަންވީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ނޫނެވެ. މަސްވެރިޔާ ކާޑު ތަޢާރަފްކުރިތާ 2 އަހަރު ވީއިރުވެސް މި ކާޑުން ލިބޭނެކަމަށް ވިދާޅުވި އެއްވެސް އިނާޔަތެއް ނުލިބުނެވެ. މަސްވެރިންނަށް ޚާއްޞަކޮށްގެން ލޯނެއް ތަޢާރަފް ނުކުރެވުނެވެ. އެއްވެސް ކުރެޑިޓް ސްކީމަކުން ފުރުޞަތެއްވެސް ނުލިބެއެވެ. އެންމެ ކުޑަމިނުން ސަރުކާރުގެ ކުންފުނި، އެސްޓީއޯގެ ކްރެޑިޓް ސްކީމުންވެސް މަސްވެރިންނަށް ފުރުޞަތެއް ނުދެއެވެ.

މީގެ ކުރިން މަސްވެރިންގެ އަތަށް ލިބެމުން އައި ނަގުދު ފައިސާ ބޭންކަށް ޖަމާކުރުމުން ފައިސާ ނެގުމަށް ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހުނެވެ. ކޮންމެ ރަށެއްގައި ބޭންކެއް ނެތުމުގެ ސަބަބުން ފައިސާ ނަގަން ދަތުރު ހަދާ ބޭންކު ހުންނަ ރަށްރަށަށް ދާން ޖެހުނެވެ. މަސްވެރިން މި ސްކީމްގައި ބައިވެރިވީ އިތުރު އިނާޔަތް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މަސްވެރިޔާ ކާޑަކީ މަސްވެރިންނަށް ޖެހުނު ބޮޑު ތަކުލީފެއް ކަމަށް މަސްވެރިންނާއި އޮޑިވެރިން ދެކެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އެންމެ އާދައިގެ ވިސާ ކާޑެކޭ މަސްވެރިޔާ ކާޑެކޭ ވަކި ތަފާތެއް ނެތެވެ. ހަމައެކަނި ފަރާތަކީ ކާޑުގެ ނަމެވެ. މިކަމަކީ މަސްވެރިންނަށް ލިބެމުން އައި ފައިސާ "އޮޅުވާލައިގެން" ބޭންކަށް ވެއްދުމަށް ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއް ކަމަށް ގިނަ މަސްވެރިން ސިފަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!