މަސްވެރިކަމާއި ގުޅޭ

Thaavalha

މިދިޔަ ހަފްތާގައި ބައެއް ދޯނިތަކުން އެމުގެ ގޮތުގައި ތާވަޅަ އެއްލުމުން މަސްވެރިކަން ދަށްވި: މަސްވެރިން

ފާއިތުވި ހަފްތާގައި ކަނޑުމަހުގެ މަސްވެރިކަންކުރާ ބައެއް ދޯނިތަކުން ތާވަޅަ އެއްލުމުގެ ސަބަބުން މަސްވެރިކަން ދަށްވިކަމަށް ހުވަދޫ އަތޮޅުގެ ގިނަ މަސްވެރިން ބުނެފިއެވެ.

އިރުވައި މޫސުން ފެށުނު ފަހުން ހުވަދޫ އަތޮޅުގައި އެންމެ ރަގަޅަށް މަސްބޭނި ހަފްތާނިމި، މިދިޔަ އާދީއްތަ ދުވަހު މަސްވެރިކަން ކުރުމަށްފަހު ކުއްލިއަކަށް މަސްވެރިކަން ދަށްވެގެން ދިޔަކަމަށް މަސްވެރިން ބުނެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ބައެއް ދޯނިތަކުން "ތާވަޅާ" އެއްލުން ކަމަށް މަސްވެރިން މައުލޫމާތު ދެއެވެ.

ފެބްރުއަރީމަހުގެ 25ވީ ބުރާސްފަތި ދުވަހަކީ އާދަޔާ ޚިލާފަށް މަސްވެރިކަން ރަގަޅުވެ، ކޫއްޑޫއަށް އެއްދުވަހުން 609 ޓަނު މަސް ކިރުވި ދުވަހެކެވެ. މަސްވެރިން މައުލޫމާތު ދިންގޮތުގައި މި ފަހަކަށް އައިސް ހުވަދޫ އަތޮޅުގައި އެހާ ދަހި މަސްއައިންތައް ފެނިފައިނުވެއެވެ. ރަގަޅު އެމާއި އެކު ކަނޑަށް ނުކުން ގިނަ ދޯނިތަކުން ގިނަ އަދަދަކަށް މަސް ބޭނިއެވެ.

ތާވަޅަ އެއްލިކަމަށް މިހާތަނަށް އެގިފައިވަނީ ލ. ގަމު މަސްދޯންޏަކާއި ދޯންޏަކާއި ގއ. ކަނޑުހުޅުދޫ މަސް ދޯންޏެކެވެ.

ލ. ގަމު މަސްދޯންޏާއި ގުޅޭގޮތުން މަސްވެރިން އެމްވީއަށް މައުލޫމާތު ދިން މަސްވެރިން ބުނީ ލ. ގަމު ދޯންޏަކުން ތަވަޅު ހިފީ ގދ. އަތޮޅުގެ ފަޅުރަށެއްގެ ގޮޑުދޮށުން ކަމަށާއި އެދޯނިން ތާވަޅާ އުކައިގެން އުޅެނީ އާދީއްތަ ދުވަހަގައި ކަމަށެވެ.

"އެ ދޯނިން ތާވަޅަ ނެގީ ކެނދެރާ ކައިރީގައި އޮންނަ ފެންފުށި ކައިރިން. އެ މީހުންގެ ދޯނީގައި ކުޑަ އެންކޮޅެއް އޮތް. ދެން އެއާ އެކުގޮސް ފެންފުށީ ގޮނޑުދޮށުގައި އޮތް ތާވަޅަ އައިނެއް ނަގައިގެން އެމީހުން ގޮސް މަސްބޭނީ. ހީވަނީ އެއީ އާދީއްތަ ދުވަސްހެން" މައުލޫމާތު ދިން މަސްވެރިޔާ ބުންޏެވެ.

ގއ. ކަނޑުހުޅުދޫ ދޯނިން ތަވަޅަ އެއްލައިންގެން މަސްބޭނިކަން އެގުނީ އެ ދޯންޏާއި އެއް އައިނަކުން މަސް ބޭނި ދޯންޏަކަށެވެ. މައުލޫމާތު ސިއްރުކުރަން އެދި އެދޯނިން މައުލޫމާތު ދިން މަސްވެރިޔާ ބުނީ ގއ. ކަނޑުހުޅޫދޫ ދޯންޏާއި އެކުއެކީ އައިނަށްއަރާ މަސްބާނަމުން ދިޔަ ވަގުތު، އެދޯނިން ބޭނި މަސްތައް ކައިފައިހުރި އެމުގެ ތެރޭގައި ތާވަޅަ ފެނުނު ކަމަށެވެ. މިއާއެކު، ދޯނީގެ ކެޔޮޅު އެކަމާއި ހިތްހަމަނުޖެހިގެން "ސެޓް" މެދުވެރިކޮށް އެދޯންޏަށްގޮވާ ތާވަޅަ ނޭއްލުމަށް އެދުނުކަމަށްވެސް މައުލޫމާތު ދިން މަސްވެރިޔާ ބުންޏެވެ.

"ދެދޯނި އެއްކޮށް އައިނަށްލީ. ދެން ވަރަށް ކައިރީގައި ތިބެ މަސް ބާނަމުން ދިޔައީ. އަހަރުމެން ބޭނި މަސްތައް ކައިފައި ހުރި އެމުގެ ތެރޭގައި ތާވަޅަ ފެނުނު. ކެޔޮޅު އެ ދޯންޏަސް ސެޓުން ގޮވާ ތާވަޅަ ނޭއްލުމަށްވެސް އެދުނު" މަސްވެރިޔާ ބުންޏެވެ.

ތާވަޅަ އެމުގެ ގޮތުގައި ބޭނުންކޮށްގެން މަސް ބޭނުމަކީ މަސްވެރިކަން ހަލާކުވާ ކަމެކެވެ. ތާވަޅަކީ ކަށިގިނަ، ހުޅުނބުތައް ވަރުގަދަ އެމުގެ ބާވަތެކެވެ. އެހެންކަމުން، ތާވަޅަ ކެއުމުން މަސްތަކަށް ހަޖަމްކުރުމުގެ މައްސަލަ ދިމާވާކަމަށް ބުނެވެއެވެ.

ކަނދުފަތިތަކުގެ ކައިރީގައި ތާވަޅަ އުކައިގެން މަސްވެރިކަންކުރުމަކީ މަސްވެރިކަމުގެ އާންމު ގަވައިދުގެ22 ވަނަ މާއްދާގެ ށ. ދަށުން މަނާކަމެއްނަމަވެސް، މާކަނޑުގައި ހިނގާ މަސްއައިނަށް ތާވަޅަ އުކައިގެން މަސްބޭނުން މަނާ ނުކުރެއެވެ. އެހެންނަމަވެސް، ތާވަޅަ ބޭނުންކޮށްގެން މަސްވެރިކަން ކުރުމަކީ މަސްވެރިކަމަށް ގެއްލުންވާ ކަމެއްކަމުގައި ހުރިހާ މަސްވެރިންވެސް އިއްތިފާގުވާއިރު، މަސްވެރިން އަމިއްލައަށް މަސްވެރިކަމަށް ގެއްލުންވާގޮތަށް އަމަލުކޮށްގެން ނުވާނެކަމަށް ގިނަ މަސްވެރިންދަނީ ބުނަމުންނެވެ. އަދި ތާވަޅަ އެއްލައިގެން މަސްވެރިކަން ކުރާ ދޯނިތަކަށް ފިޔަވަޅު އެޅުމަށްވެސް މަސްވެރިންދަނީ ގޮވަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މިދިޔަ ހަފްތާ ޅ.ނައިފަރު މަސް ދޯނންޏެއްވެސްވަނީ ޅ.ފާދޫ ބޮޔަށް ތާވަޅު އުކާފައި.މަނާ ކަމެއް ކަމަށް އެމީީހުން ކައިރި އަހަރެމެން ބުނިން!އެއްބަޔަކު މިކަންކަން ހުއްޓުވަން އުޅެގެން ކިހިނެއްތޯ ހުއްޓުވާނީ

Comments are closed.