މަސްވެރިކަމާއި ގުޅޭ

ރަންދުވެލި ދޯނި
ރަންދުވެލި ދޯނި

ކުންފުނިތަކުން ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ސަރުކާރުން ކަނޑައަޅަންޖެހޭ: ކެޔޮޅު ސަޢީދު

ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތެކެވެ.

ފަހަކަށް އައިސް އެންމެ ބޮޑަށް އިތުރުވެގެން ދިޔައީ ބޮޑުކަންނެލީގެ މަސްވެރިންނެވެ. ކަންނެލީގެ މަސްވެރިކަމަށް ވަންނަ ފަރާތްތައް އިތުރުވަމުން އައިސްފައިވަނީ އެއީވެސް ރަނގަޅު ނަފާއެއް ލިބޭ ކަމަކަށްވުމުންނެވެ. އެހެން ނަމަވެސް މިފަހުން ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ޝަކުރާތައްވަނީ އިތުރުވެފައެވެ. އަދި މި މަސްވެރިކަމުގައި ކުރިމަގެއް ނެތް ކަމަށް ބުނާ ފަރާތްތައްވެސް ދަނީ އިތުރުވަމުންނެވެ.

މިކަމާއި ގުޅޭގޮތުން މި މަސްވެރިކަމުގެ ތަޖުރިބާހުރި ފަރާތެއްކަމުގައިވާ އއ. ރަސްދޫ ރަންދުވެލި ދޯނީގެ ކެޔޮޅު އަދި އޮޑިވެރިޔާ މުޙައްމަދު ސައީދުއާއި މަސްވެރިން އެމްވީއިން ވާހަކަދައްކާލީމެވެ. ސަޢީދުގެ ކެޔޮޅު ކަމުގައި ރަންދުވެލި ދޯނިން ވަނީ މިދިޔަ އަހަރު އެންމެ ގިނައިން ކަންނެލި ބާނައިގެން އެވޯޑް ހާސިލް ކޮށްފައެވެ.

މުޙައްމަދު ސައީދު  ބޮޑު ކަންނެލީގެ މަސްވެރިކަމަށް ވަނީ 2008 ވަނަ އަހަރުއެވެ. އޭގެކުރިން އޭނާ އުޅުނީ ރިސޯޓު ވަޒީފާގައެވެ.

ސައީދު ބުނީ މިދާއިރާއަށް ވަންނަން ނިންމީ މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް އޭރު ލިބެމުން އައި ދާއިރާއަކަށްވުމުން ކަމަށެވެ.

"ރިސޯޓް ދާއިރާއަކީ އުމުރުންވަކި ހިސާބަކަށް ދިޔައީމައި ވަޒީފާގައި ގޮސް ހުންނަން އުނދަގޫ ދާއިރާއެއް، ކޮންމެ ދުވަހަކުވެސް ޑިއުޓީ އޮންނާނެ، އީދެއް ހައްޖެއް ނޯންނާނެ، އެހެން ނަމަވެސް މަސްވެރިކަމަކީ އަމިއްލަ މިނިވަންކަމާއި އެކު މަސައްކަތްކޮށްލަން ލިބޭ ދާއިރާއެއް. އެހެންވެ މަސްވެރިކަމަށް ބަދަލުވީ." ސައީދު ބުންޏެވެ.

ސައީދުގެ ރަންދުވެލި ދޯންޏަކީ ފާހަގަކޮށްލެވޭ ދޯންޏެކެވެ. މި ދޯނިންވަނީ މިދިޔަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ކިރުވި ދޯނީގެ އެވޯޑް ހޯދާފައެވެ. މި އެވޯޑު އެދޯނިން ހާސިލްކުރީ ކުންފުނިތަކަށް މިދިޔަ އަހަރު 154 ޓަނު ބޮޑުކަންނެލި ކިރުވައިގެންނެވެ. މި ދޯނީގައި 24 މީހުން މަހަށްދެއެވެ.

ސައީދު ބުނީ ކަންނެލީގެ މަސްވެރިކަން މިހާރު ކުރަމުންދަނީ ގިނަ ގޮންޖެހުންތަކާއި އެކު ކަމަށެވެ. އެގޮތުން މަސް ކިރަން ޖެހޭ އަގާއި މަސްވެރިކަމަށް ނިކުންނަން ކުރަން ޖެހޭ ހޭދައާ ނުބައްދަލު ކަމަށެވެ.

"ވަރަށް ދަށް ހާލަތެއް މިހާރު މި އޮތީ، ކަންނެލީގެ އަގު މިހާރު މިއުޅެނީ ވަރަށް ދަށުގައި، މިހާ ދަށް އަގަކަށް މަސް ކިރުވައިގެން ކިހިނެތް މަހަށްދާނީ؟ ކިހިނެތްތޯ މިހެން މަސް ކިރުވައިގެން ކައިބޮއި ހަދާނީ؟" ސައީދު ސުވާލުކުރިއެވެ.

ސައީދު ބުނީ ކަންނެލި ގަންނާނެ އަގެއް ކަނޑައެޅުން އަމިއްލަ ކުންފުނިތަކަށް ދޫކޮށްލާފައި އޮތުމުން އެ ކުންފުނިތަކުން ކަންތައްތައް ކުރަނީ އެމީހުންގެ ވިޔަފާރިއަށް އެންމެ ބޮޑު ފައިދާއެއް ވާނެ ގޮތަށް ކަމަށެވެ.

މިކަމަށް އޮތް އެއް ހައްލަކީ ދުނިޔޭގެ ބާޒާރުގައި ކަންނެލި މަހުގެ އަގުތަކަށް ބަލާއި، ރާއްޖޭގެ ކުންފުނިތަކުން މަސް ގަނެވޭނެ އެންމެ ދަށް ރޭޓެއް ސަރުކާރުން ކަނޑައެޅައިދިނުން ކަމަށް ސައީދު ބުންޏެވެ.

"އެކި ދުވަސްދުވަހު އެކި އަގުތަކަށް މިހުންނަނީ އަގުތަކަށް، އެދުވަހެއްގައި ކުންފުނިތަކުން ބޭނުންވާ އަގެއްގައި މަސް މި ގަންނަނީ، ކުރީގެ އާއްމު  ރޭޓްތައް އުޅެނީ 120 އާއި 80 އާއި ދެމެދުގައި، އެކަމަކު މިހާރުގެ އާއްމު ރޭޓަކީ 50 ރުފިޔާ 40 ރުފިޔާ، މަހަށް ދާން ކުރަންޖެހޭ ހޭދަ މިހާރުވަނީ ބޮޑުވެފައި، އެކަމަކު ލިބޭ އާމްދަނީ މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި،" ސައީދު ބުންޏެވެ.

ސައީދުބުނީ މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރާއި އެކު ބޮޑު ކަންނެލީގެ މަސްވެރިންގެ ޖަމިއްޔާއިން ކުރަމުންދާ މަޝްވަރާތަކުގައި، މިފްކޯގެ ދަށުގައި އޮންނަ ކަނޑުއޮތްގިރިން އަލުން ކަންނެލި ގަންނަން ފަށަން ތައްޔާރުވަމުންވާކަމަށް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެރަށުގެ ބަނދަރަކީ ބޭނުންކުރެވޭ ހާލަތުގައި އޮތް ބަނދަރެއް ނޫން ކަމަށާއި، އެރަށުގެ ބަނދަރު މަރާމާތުކޮށް އެރަށަށް ކަންނެލި ކިރުވޭނެ ދުވަހެއް އަދި ނޭއްގޭ ކަމަށް ސައީދު ބުންޏެވެ.

"ބަޖެޓުގައި އެކަން ހިމަނާފައި ހުރި ނަމަވެސް އެކަން ވާނެ ދުވަހެއް ނޭގެ، އެކަމެއް ވަންދެން މިގޮތަށް މަޑުކޮށްގެން މި މަސްވެރިކަން ކުރެވޭކަށް ނެތް،" ސައީދު ބުންޏެވެ.

ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތައް މިހާރު އެންމެ އަޑު ހަރުކޮށް ބުނަމުންދަނީ ސަރުކާރުން މިމަސްވެރިކަމަށް އަޅާ ނުލާ ކަމަށެވެ. އަދި މި މަސްވެރިކަން ކުރިއެރުވުމަށްވެސް ސަރުކާރުން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށްވެސް ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!