މަސްވެރިކަމާއި ގުޅޭ

ގޮރުވާލި - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ގޮރުވާލި

ގޮރުވާއްޔަކީ ރާއްޖޭގެ ތިލަފަޅުފަޅުގައްޔާއި ވިލުވިލުގައި ގިނައިން އުޅޭ މަހެކެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. ވަރަށް ފަސޭހަކަމާއެކު ބުޅީގައި ގަންނަމަހެކެވެ. ގޮރުވާލި ޢާއްމުކޮށް ގިނައިން އުޅެނީ ކުދިއައިން ހަދައިގެން ބައިބަޔަށެވެ. މިމަހަށް ގޮރުވާލީގެ ނަމުން ނަންދެވިފައިވަނީ އޭގެ ފަސްގަޑުގައި ހުންނަ ވަހެއްގެ ސަބަބުންކަމަށް ގިނަމީހުން ބުނެއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 54 ސެންޓިމީޓަރަށެވެ.

ގޮރުވާއްޔަކީ ވަރަށް ފަތިކޮށް ބޮލަށް ހިމަކޮށް ހުންނަ ބާރަށްދުވާ މަހެކެވެ. މަހުގެ ކަރުގަޑުގެ ފުރަތަމަ ބުރުގެ ތިރީބައިގައި 15 އާއި 19 އާދެމެދުގެ ޢަދަދަކަށް ކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރީގައި 6 ހަރުކަށިހުރެއެވެ. ދެވަނަކޮތުރީގައި 1 ހަރުކަށްޓާއެކު 20 އާއި 24 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި ވަކިވަކިން ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު ހަރުކަށްޓާއެކު 20 އާއި 24 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ މަތީކޮތަރިބައި ބަނޑުދަށްފަރާތު ކޮތަރިބަޔަށްވުރެ ކުރުވާނެއެވެ.

މަހުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ކުދިތިކިތަކެއް ފާޅުކޮށް ފެންނަންހުރެއެވެ. ބައެއް ކުދިމަހުގައި މިފާހަގައެއް ނުހުރެއެވެ. މިތިކިތަކުގެ ޢަދަދު މަހުގެ ބޮޑުމިނުން އިތުރުވަމުންދެއެވެ. މަހުގެ ޢާއްމު ކާނާއަކީ ކުދިމަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Smallspotted dart

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!