މަސްވެރިކަމާއި ގުޅޭ

160293233_437928463962297_4120141171139811293_n

ކަންނެލީގެ އަގު ކޮންޓްރޯލް ނުކޮށް ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަދޭން ތާއީދެއް ނުކުރަން: ބީކޭއެމްޔޫ

ބޮޑުކަންނެލީގެ އަގު ކޮންޓްރޯލް ނުކޮށް ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަދޭން ތާއީދެއް ނުކުރާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ، ރާއްޖެއިން އާންމުކޮށް ބާނާ ރީނދޫ އުރަހަ ކަންނެލީގެ އަގު ކޮންޓްރޯލް ކުރުމަށް އެ ޖަމްއިއްޔާއިން ހުށައަޅާފައިވާ އަގަށްވުރެ ދަށް ނުވާނެހެން ކަންނެލީގެ އަގު ކޮންޓްރޯލް ނުކޮށް ލޭނު މަސްވެރިކަމަށް ހުއްދަދޭން ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ތާއީދު ނުކުރާ ކަމަށެވެ. އަދި މިހާލަތުގައި ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަދީފިނަމަ ރާއްޖޭގެ ކަންނެލީގެ މަސްވެރިކަން ހަލާކުވުމުގެ ބިރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބޮޑުކަންނެލީގެ އަގު ކޮންޓްރޯލް ކުރުމަށް ބީކޭއެމްޔޫއިން ހުށައަޅާފައިވަނީ ކަންނެލި ކިލޯއެއް އެންމެ ދަށްވެގެން 80 ރުފިޔާއެވެ. ކަންނެލީގެ އަގު މިހާރު ހުރީ 85 ރުފިޔާާއާއި 95 ރުފިޔާއާ ދެމެދުގައެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް އަލުން ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައްދަލުވުުގައި، ލޭނު މަސްވެރިކަމާ ބެހޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ކަމާބެހޭ ގަވާއިދުތަކަށް ބަދަލު ގެނައުމަށްފަހު ދިވެހިންނަށް އެކަމުގެ ފައިދާ ލިބޭގޮތަށް ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފިޝަރީޒް މިިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، އަންނަ ޖޫން މަސް ހިސާބުގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް އަލުން ހުއްދަ ދެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ.

ލޭނުގެ މަސްވެރިކަމަކީ ލޯބޮޑު ކަންނެއްޔާއި ހިބަރު ބޭނުމަށް ހާއްސަކޮށްގެން ކުރާ މަސްވެރިކަމެކެވެ. ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު މީގެކުރިން 2010 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ހުޅުވައިލިއެވެ. ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ދޫކުރި ހުރިހާ ހުއްދައެއް ބާތިލުކޮށް 2019 ވަނަ އަހަރުން ފެށިގެން އެ މަސްވެރިކަން ވަނީ މަނާކޮށްފައެވެ. ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން ކުރަނީ އާންމުކޮށް ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދަށްވުރެ ބޭރުންނެވެ. އާންމުކޮށް ކަންނެލި ބާނަން ލޭނު އަޅަނީ 150 މޭލަށް ވުރެ ބޭރު ސަރަހައްދުގައިއެވެ. ލޭނު އަޅައިގެން އާންމުކޮށް ބާނާ ލޯބޮޑު ކަންނެއްޔަކީ ވަރަށް ފުނުގައި އުޅޭ މަހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!