މަސްވެރިކަމާއި ގުޅޭ

ކެޔޮޅު ޝަފީގު
ކެޔޮޅު ޝަފީގު

އަމިއްލަ ބޮޑެތި ކުންފުނިތައް ދެކުނަށް ގެންނަން ޖެހޭ، މަސްކިރުވަން ކޫއްޑޫ ނޫން ގޮތެއް ބޭނުންވޭ: ކެޔޮޅު ޝަފީޤް

ރާއްޖޭގެ ދެކުނުގައި ގިނަ އަދަދެއްގެ މަސް ދޯނިތައް އޮންނައިރު މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ކިރާނެ ގޮތެއް ނެތުމެވެ.

ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ މަރަދޫއަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ގިނަ އަދަދަކަށް ޒަމާނީ މަސް ދޯނިތައް އެރަށުގައި އޮވެއެވެ.

ދެކުނުގެ މަސްވެރިންނަށް ހުރި ދަތިތަކާއި ގުޅޭގޮތުން މަރަދޫ ކޮންކޯރޑް ދޯނީގެ ކެޔޮޅު އިބްރާޙިމް ޝަފީޤާއި މަސްވެރިން އެމްވީއިން ވާހަކަދައްކާލީމެވެ.

އުމުރުން 51 އަހަރުގެ އިބްރާޙިމް ޝަފީޤް މަހަށް ދާތާ މިހާރު ގާތްގަނޑަކަށް 33 އަހަރުވަނީއެވެ. މަސް ދޯނީގައި އެންމެ އާދައިގެ މަސައްކަތް ކުރަން އެޅެމުންގޮސް މިހާރު ދޯނީގެ ކެޔޮޅުކަން ކުރާތާވެސް 30 އަހަރުވަނީއެވެ.

މަސްވެރިކަމުގައި ޝަފީޤުވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މަސްވެރިކަމާއި ގުޅުން ހުރި ގިނަ އެވޯޑްތަކެއްވެސް ޝަފީޤުވަނީ ހޯދާފައެވެ. އެގޮތުން 2007 ވަނަ އަހަރާއި 2013ވަނަ އަހަރު އެންމެ ގިނައިން މަސް ބޭނި ދޯނީގެ ކެޔޮޅަކީ އޭނާއެވެ. އަދި 2012ވަނަ އަހަރާއި 2014ވަނަ އަހަރު 2 ވަނައަށް އެންމެ ގިނަ އަދަދަކަށް މަސް ބޭނި ދޯނީގެ ކެޔޮޅަކީވެސް ޝަފީޤެވެ.

އޭނާ ވަނީ މަހަށްދާން ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ކެޔޮޅުކަން ކުރަން ފަށާފައެވެ.

" މަސްވެރިކަމުގެ އެންމެ ދަށުން ފަށައިގެން މިހާ ހިސާބަށް މި އާދެވުނީ، އޭރު ދަނީ ވަރަށް ކުދި ކުދި ދޯނިތަކުގައި، އޭރު ފުޅި ނާޅައި ފީނަނީ، ދެން އަހަންނަށް ވަރަށް އަޑިއަށް ފުޅި ނާޅާ ފީނޭ، އެހެން ވީމަ ވަރަށް ގިނަ މީހުންގެ ސަމާލުކަން ލިބުނު، އެއާ އެކު ކެޔޮޅަކަށް މި ވެވުނީ،" ޝަފީޤް ބުންޏެވެ.

ޝަފީޤް ފާހަގަކުރިގޮތުގައި ފާއިތުވީ އަހަރުތަކުގައި މަސްވެރިކަމަށްވަނީ ގިނަ ކުރިއެރުންތަކެއް އައިސްފައެވެ. މަސް ދޯނިތައް ސައިޒުން ބޮޑެތިވެ، ބޭނޭ މަހުގެ އަދަދުވެސް ވަނީ އިތުރުވެފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ.

ޝަފީޤްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދެކުނުގައި މަސް ކިރަން ހުރި ދަތިތަކެވެ. އެގޮތުން ކޫއްޑޫ ނޫން ގޮތެއް ދެކުނަށް ބޭނުންވާ ކަމަށް ބުންޏެވެ.

" އަމިއްލަ ކުންފުނިތައް އެބަ އަންނަން ޖެހޭ ދެކުނަށް، ސަރުކާރުންވެސް އެބަ މަސައްކަތް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ގެނައުމަށް، އޭރުން މަސްވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ، ޒުވާނުންވެސް މަހަށް ނިކުންނަ އަދަދު އިތުރުވާނެ،" ޝަފީޤް ބުންޏެވެ.

ކޮންކޯޑް ދޯނި މަސްބާނަނީ

ޝަފީޤް ބުނީ ގިނަ އަދަދެއްގެ ޒުވާނުން މަސްވެރިކަމަށް ނިކުންނަމުން ދިޔަ ނަމަވެސް، މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވެފައިވުމަކީ ޒުވާނުން މި މަސައްކަތުގައި ދެމިތިބުމަށް އެޅޭ ހުރަހެއް ކަމަށެވެ.

ޝަފީޤް ފާހަގަކުރިގޮތުގައި މަސް ދޯނިތައް ތަރައްޤީވެގެން ދިޔުމާއި އެކު ދޯނީގެ ޙަރަދުތައް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑީސެލްގެ އަގުވެސް ބޮޑުވަމުން ދާއިރު، މަހުގެ އަގުވެސް ދަނީ ދަށަށް ކަންވެސް ޝަފީޤް ފާހަގަކުރިއެވެ.

މަސްވެރިންގެ ގިނަ ކަންބޮޑުވަންތަކެއް އެބަހުއްޓެވެ. މަސްވެރިކަން ތަރައްޤީކުރަން ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެދޭ އަޙައްމިއްޔަތުކަން މަސްވެރިކަން އިޝްތިހާރު ކުރުމަށްވެސް ދޭން ޖެހޭނެ ކަމަށް މަސްވެރިންދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!