މަސްވެރިކަމާއި ގުޅޭ

Masveringe Adu

މަސްވެރި ބޮޑެތި ރަށްރަށުން ސަރުކާރަށް ނޫނެކޭ ބުނުން. "މަސްވެރިން ސަރުކާރަށް ދިން އިންޒާރެއް"

މިދިޔަ މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީންނެވެ. މި އިންތިހާބުގައި ގިނަ ކަންތައްތަކެއް ފާހަގަވެގެން ދިޔައެވެ. އެއީ ޒަމާނުއްސުރެ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުމާއި މަސްވެރި ބޮޑެތި އަތޮޅުތަކާއި ބޮޑެތި ރަށްރަށުގެ ގޮނޑިތައް ސަރުކާރަށް ގެއްލުމެވެ. މަސްވެރިކަމަށް އެންމެ މަޝްހޫރު ދެ އަތޮޅު ކަމަށްވާ ގދ އަތޮޅާއި ގއ އަތޮޅުގެ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނީއެވެ. މިނޫންވެސް ބޮޑެތި އަތޮޅުތަކާއި ކުރިން އެމްޑީޕީގެ ސާފު މެޖޯރިޓީ އޮންނަ ކައުންސިލްތައް ބޮޑު ތަނުން ފެއިލްވީއެވެ.

ވޯޓުލީ ދުވަހު ނޫން އަނެއް ދުވަހު ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބު ކުރައްވަމުން ވަނީ މަސްވެރި ގިނަ ރަށްރަށުން ސަރުކާރަށް ނޫނެކޭ ބުނި ސަބަބު ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައެވެ. އެއީ މަސްވެރިކަމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލު މަސްވެރިން ބަލައި ނުގަތް ކަމަށެވެ. އަދި މަސް ގަންނަ އަގަށް ސަރުކާރުން ގެނައި ބަދަލު މަސްވެރިން ބަލައި ނުގަތްކަމަށް ވޯޓުން ސާފުވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެެ.

"މިސާލަކަށް ބައެއް މަސްވެރި ދާއިރާތައް އެބަހުރި ސަރުކާރަށް ގެއްލިފައި، ވަރަށް ބޮޑަށް ކުރީގައި ތާއީދުއޮތް ގއ އަތޮޅާއި ގދ އަތޮޅުގެ އިތުރުން ހއ. އިހަވަންދޫ ކަހަލަ ތަންތަނުން އެބަހުރި، ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަޔަތަށް އަޅުގަނޑުމެން ގެނައި ބަދަލުތަކެއް، މީގެން ކުރިން، އެއީ އަގަށް ގެނައި ބަދަލުތަކެއް، އޭރު ގަންނަމުން އައި އަގަށް ވުރެ ދަށްކޮށް ސަރުކާރުން ގަންނަން ފެށީ، އެއީ ދެކޮޅު ނުޖެހި މިފްކޯ ގެއްލުންވަމުންދާތީ" ރައީސް ސޯލިހް ވިދާޅުވިއެވެ.

މަސްވެރިންގެ މުހިންމު ކަމާބެހޭ ގޮތުން ރައީސް ސޯލިހު ވަނީ ތަފާތު އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން މިދިޔަ އަހަރު މަސްވެރިންގެ ދުވަހު އެމަނިކުފާނު ދެއްވި ހިތާބުގައި ވަނީ "މިއީ މަސްވެރިކަން ނަގާ ކޮޅަށް ޖަހަންވީ ވަގުތު"ކަމަށް ވިދާޅުވެފައެވެ. ކޮވިޑްގެ ނުރައްކާ ހާލަތުގައި މުޅި ޤައުމު ހުއްޓިފައި އޮތްއިރު ވިންދު ޖަހަޖަހައި އޮތީ ހަމައެކަނި މަސްވެރިކަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މަސްވެރިކަމަށް އިންވެސްޓްނުކޮށް ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާ ވުމުގެ ހިތި ނަތީޖާ ކޮވިޑްގެ ވަބާއިން ސާފުވެއްޖެކަމަށާއި އެހެން ކަމުން މިއީ މަސްވެރިކަމަށް އިންވެސްޓުކޮށް މަސްވެރިކަން ކުރިއަރުވަންވީ ވަގުތުކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިއީ ހަމައެކަނި ވިދާޅުވި ބަސްފުޅެކެވެ. އަމަލީ ސިފައެއް ނުފެނެއެވެ. މަސްވެރިން އުަޅެނީ ކުރިން އުޅުނު ހާލަތަށްވުރެ ނިކަމެތި ހާލެއްގައެވެ. މަހުގެ އަގު ދަށްވެއްޖެއެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ކިރޭނެ ގޮތެއް ނެތެވެ. އެކަށީގެންވާ މިންވަރަށް އައިސް ލިބޭނެ އިންތިޒާމެއް ނެތެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މި ވައުދުތަށް ފުއްދުމަށް މަަސައްކަތް ކުރައްވަމުން ނުގެންދަވާކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ. ކޮންމެއަކަސް މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާ ނަމަ 2023 ގަ އޮންނަ ރިޔާސީ އިންތިހާބުން އެތަން ފެންނާނެއެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން އެކަން ސާފުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!