މަސްވެރިކަމާއި ގުޅޭ

F98E754E-D427-4056-8752-0A977F0677DD

އުމުރުން 16 އަހަރުގައި ކެޔޮޅަކަށްވެ، މަސްވެރިކަމުގައި އުޅޭތާ 31 އަހަރު!

އާއްމުކޮށް މީހުންނަށް ވިސްނިފައި އޮންނަ ގޮތުން މަސްވެރިކަން ކުރަނީ އަތޮޅުތެރޭގެ މީހުންނެވެ. އެމަސައްކަތަކީ މާލެއަށް އުފަން މާލޭ ރަށްވެހިން ކުރަން ދަށް ވަޒީފާއެކެވެ.

އެހެން ނަމަވެސް މި ވިސްނުން ބަދަލުކުރުމަށް މަސައްކަތްކުރާ ޒުވާނުންވެސް މިހާރު މި ދާއިރާގައި ދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ފަރާތަކީ އަބްދުﷲ ރަޝީދެވެ. މާލެއަށް އުފަން މާލޭ ރަށްވެއްސެއް ކަމަށްވާ އަބްދުﷲ ރަޝީދު މަހަށް ދާން ފެށިއިރު އުމުރުން އެންމެ 13 އަހަރެވެ. އަބްދުﷲ ރަޝީދު މަހަށްދާން ފެށީ ބައްޕަައާއި އެކުއެވެ. ބައްޕައަކީ ކެޔޮޅަކަށްވުމުން ބައްޕައާއި އެކު މަސްވެރިކަން ދަސްކުރިއެވެ. މަސްވެރިކަމަށް ބޮޑު ޝައުގުވެރިކަމެއް ހުރުމުން އެދާއިރާއިން ކުރިއަށްދާން އަބްދުﷲ ރަޝީދު ގަދައަޅާ މަސައްކަތްކުރިއެވެ.

"މަސްވެރިކަމަށް ނިކުމެވުނީ، ދިރިއުޅުމުގެ ހާލަތުވެސް ހުރިގޮތުން، ބައްޕަ އެކަނި އޭރު މަސައްކަތްކުރަން ހުރީ އާއިލާގައި، އެހެންވެ ބައްޕަ އެކަނި އެހާ ބުރަކޮށް އުޅޭތަން ބަލަން ބޭނުންނުވާތީ މަސްވެރިކަމަށް ނިކުތީ،" އަބްދުﷲ ރަޝީދު ބުންޏެވެ.

އަބްދުﷲ ރަޝީދު ކުރި ބުރަ މަސައްކަތާއި އެކު އުމުރުން އެންމެ 16 އަހަރުގައި ކެޔޮޅެއްގެ ގޮތުގައި މަސައްކަތްކުރަން ފެށިއެވެ. މިހާތަނަށް 8 ދޯންޏެއްގައި ކެޔޮޅުކަން ވަނީ ކޮށްފައެވެ. އޭނާ މިހާރު ދުއްވަނީ ރ. އިނގުރައިދޫ ދޯންޏެއް ކަމަށްވާ 'ހަމްދު-6' މާލެއަށް ގެނެސްގެނެވެ.

ކެޔޮޅުކަން ކުރާތާ ގިނަ ޒަމާންތަކެއް ވެފައިވާއިރު، އޭނާވަނީ މިދާއިރާއިން އެވޯޑްވެސް ހާސިލްކޮށްފައެވެ. އެގޮތުން 2000 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ހޮވި އެންމެ ޒުވާން ކެޔޮޅުގެ އެވޯޑްވެސް ހާސިލްކޮށްފައިވެއެވެ.

އަބްދުﷲ ރަޝީދުގެ އުމުރުން މިހާރު 44 އަހަރުވެފައިވާއިރު، މި ދާއިރާއިން އިތުރަށް ކުރިއަށްދާން އޭނާ ބޭނުންވެއެވެ. އެގޮތުން އަމިއްލަ ދޯންޏެއް މަސްވެރިކަމަށް ނެރެން ބޭނުންވެއެވެ. މިކަމަށް ލޯނެއް ބޭނުންވާއިރު، އެފަދަ މަގެއް ފަހިވެފައިނުވާ ކަން އޭނާ ފާހަގަކުރިއެވެ.

"މިކަމުން ކުރިއަށްދާން، ލޯނެއް އެއްޗެއްވެސް ލިބޭނެ ގޮތެއް ނެތް، އަމިއްލަ ބިމެއްް އަމިއްލަ ރަޖިސްޓްރީއެއްވެސް ނެތް، އެއްވެސް ސަރުކާރަކުން އެއްވެސް ކުރިއެރުމެއް ހޯދައިދީފައެއް ނުވޭ،" އަބްދުﷲ ރަޝީދު ބުންޏެވެ.

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް އަބްދުﷲ ރަޝީދު ދަނީ ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ ޔޫނިއަންގެ ސެކެރަޓަރީގެ މަޤާމްވެސް އޭނާވަނީކޮށްފައެވެ. އެހެންނަމަވެސް މި ދާއިރާ ކުރިއަރުވަން ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަން އޭނާ ފާހަގަކުރެއެވެ.

"ޒުވާނުން ނިކުމެ ރަނގަޅު އާމްދަނީއެއް ހޯދައިގެން އުޅެވޭނެ ދާއިރާއެއް މިއީ، އެކަމަކު ދާއިރާ އޮތީ ހިފެހެއްްޓިފައި، އާމްދަނީއެއް ރަނގަޅު ނަފާއެއްް ލިބެން އޮތް މަގުތަށް އޮތީ ހަނިކޮށްފަ، ބަންދުކޮށްފައި،" އަބްދުﷲ ރަޝީދު ބުންޏެވެ.

އަބްދުﷲ ރަޝީދު ފާހަގަކުރިގޮތުގައި މިއީ ޒުވާނުން ނިކުންނަން ރަނގަޅު ދާއިރާއެއް ކަމަށެވެ. އަބްދުﷲ ރަޝީދުގެ 5 ދަރިން ތިބިއިރު، މަސްވެރިކަމުން ލިބޭ ނަފާއިން މާލޭގައި ތަނަވަސް ދިރިއުޅުމެއް އުޅެވޭކަންވެސް އޭނާ ފާހަގަކުރިއެވެ.

މި ދާއިރާގެ ކުރިމަގަށް ގިނަ ގޮންޖެހުންތަކެއް ހުރި އިރު، ދާއިރާ ކުރިއެރުވުމަށް ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ. އުއްމީދަކީ މަހުގެ އަގަށް ހެޔޮ ބަދަލުތަކެއް އައިސް މި ދާއިރާއަށް ކުރިއެރުން ލިބިގެން ދިޔުން ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!