މަސްވެރިކަމާއި ގުޅޭ

irushan (5)

އިރުޝާންގެ މަސައްކަތުން އިހަވަންދޫގެ މަސްވެރިކަމުގެ ދާއިރާ ގިނަ ބައެއްގެ ސަމާލުކަމަށް

ސޯޝަލް މީޑިއާ އެކި ޕްލެޓް ފޯމްތަކާއި އެކު މަސްވެރިކަންވެސް ޕްރޮމޯޓް ކުރުމަށް މިވަތީ ތަފާތު އެކި މަގުތަށް ފަހިވެފައެވެ. މިފަދަ ވަސީލަތްތަކުގެ ބޭނުން ހިފައިގެން މަސްވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ފަރާތްތަށްވެސް ދަނީ އުފެދެމުންނެވެ.

އިރުޝާން

އެގޮތުން ފާހަގަކޮށްލެވޭ އެއް ފަރާތަކީ ހއ. އިހަވަންދޫއަށް އުފަން އިރުޝާންއެވެ. ރަށު ސްކޫލްގައި ވަޒީފާ އަދާކުރާ އިރުޝާން ދަނީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އިހަވަންދޫގެ މަސްވެރިކަން ޕްރަމޯޓް ކުރަމުންނެވެ.  "މަސްވެރި އިހަވަންދޫ" ގެ ނަމުގައި ފޭސްބުކް ޕޭޖަކުން އޭނާ ފެށި މި މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެގޮތުން މަސްވެރިކަން ކުރާ އުޅައްތަކާއި ގުޅޭ މައުލޫމާތުތަކާއި މަސްވެރިންނަށް ބޭނުންވާނެ ތަފާތު އެކި މައުލޫމާތުތަށް މި ޕޭޖު މެވެރިކޮށް ދަނީ އާއްމުންނާއި ހިއްސާކުރަމުންނެވެ. އަދި ރަށުގެ އޮޑިފަހަރުގެ ތަފްސީލް ވަރަށް ފުރިހަމައަށް މި ޕޭޖުން ގެނެސްދެއެވެ.

"ރަށަކީ މަސްވެރި ރަށެއް، ދެން ސޯޝަލް މީޑިއާގައި ރަށުގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާތަނެއްް ނުފެނޭ، އެހެންވެ ހިތަށް އެރީ މިފަދަ ކަމެއް ކުރަން،" އިރުޝާން ބުންޏެވެ.

އިރުޝާން އިސްވެ ފެށި މި މަސައްކަތް ގިނަބަޔަކު ބަލައިގަނެ އެތައް ބައެއްގެ ތައުރީފް ލިބެން ފެށުމުން މި މަސައްކަތް އިތުރަށް ފުޅާކުރުމަށް އޭނާ އަށް އިތުރު ހިއްވަރެއް ލިބުނެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އެކި ކަހަލަ މައުލޫމާތުތައް ހިއްސާ ކުރުމަށާއި، އަދި އެކި ކަހަލަ މައުލޫމާތުތައް ސާފުކުރުމަށްވެސް މަސްވެރިން އިހަވަންދޫ ޕޭޖަށް ކޮންޓެކްޓް ކުރާ ކަމަށް އިރުޝާން ބުންޏެވެ.

"ހުންނާނެ އެކި ރަށްރަށުގެ މަސްވެރިންގެ މައުލޫމާތުތަށްވެސް ހިއްސާކުރަން، އަދި މަސްވެރި އޮޑިފަހަރުތަކާއި ގުޅޭ މައުލޫމާތާއި، މަސްވެރިކަމާއި ގުޅޭ ތަފާތު އެކި މައުލޫމާތުތަށް ހިއްސާކުރަމުން މިދަނީ، ވަރަށް ބޮޑު ތަރުޙީބެއް ލިބޭ،" އިރުޝާން ބުންޏެވެ.

ފޭސްބްކް ޕޭޖެއްގެ ޒަރިއްޔާއިން ފެށި މި މަސައްކަތް ފުޅާވެ "މަސްވެރި އިހަވަންދޫ"ގެ ނަމުގައި މިހާރު ވަނީ މަދަނީ ޖަމްއިއްޔެއް ރަޖިސްޓްރީ ކޮއްފައެވެ. މި ޖަމްއިއްޔާގެ އެއް މަސްއޫލުވެރިޔަކީ އިރުޝާނެވެ. އަނެއް މަސްޢޫލުވެރިޔަކީ މަޝްހޫރު ވިޔަފާރިވެރިޔާ އޮމެގާ އަހުމަދު ނަސީރެވެ.

"މަސްވެރިންނަށް ބޮޑެތި ޕްރޮގްރާމްތަށް ހިންގާ، މަސްވެރިންނަށް ބޭނުންވާ ބައެއްް ވަސީލަތްތަށްވެސް ހޯދަދޭން ބޭނުންވޭ، މިފަދަ ކަންތައްތައްް ކުރުމަށް ފަސޭހަވަނީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ކަމަށްވާތީ މިހާރު ޖަމިއްޔާއެއްގެ ގޮތުގައިވެސް މިވަނީ ރަޖިސްޓްރީކޮށްފައި،" އިރުޝާން ބުންޏެވެ.

އިރުޝާން އަކީ މޮޅު ފޮޓޯގްރާފަރެކެވެ. ސޯޝަލް މީޑިއާއަށް ދޫކޮއްލާ ފޮޓޯތަކުން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

މިޖަމްއިއްޔާއިން އިހަވަންދޫގެ ތަރައްޤީއަށާއި މަސްވެރިކަމަށް ގެންދަނީ ގިނަ ކަންތައް ކުރަމުންނެވެ. އެޖަމްއިއްޔާއިން ހިންގާ މިފަދަ ކަންކަމުގެ މަޢުލޫމާތު މަސްވެރި އިހަވަންދޫގެ ފޭސްބުކް ޕޭޖުން ފެންނަން އެބަހުއްޓެވެ.

އިރުޝާނަކީ ސްޕޯޓްސް ފިޝިންގގައި ރާއްޖޭގެ އުތުރުން މަޝްހޫރު ޒުވާނެކެވެ. ވަޒީފާގެ ޑިއުޓީ ގަޑި ނިމުމުން ގިނަ ވަގުތު އޭނާ ހޭދަކުރަނީ މަސްވެރިކަމުގައި ކަނޑުމަތީގައެވެ.

ސްޕޯޓްސް ފިޝިންގގެ އިތުރުން އޭނާއަކީ ފްރީޑައިވް ކޮއްގެން މަސްހިފަން ކުޅަދާނަ ހުނަރުވެރިއެކެވެ. މިފަދަ އެތައް ފޮޓޯތަކެއް އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ފެންނަން އެބަހުއްޓެވެ.

އިރުޝާން އިސްވެހުރި ފެށި މަސައްކަތުން އިހަވަންދޫ މިހާރު ވަނީ މުޅި ރާއްޖެއަށް ދައްކާލާފައެވެ. އިހަވަންދޫއަކީ ކިހާވަރެއްގެ މަސްވެރި ރަށެއްކަން "މަސްވެރި އިހަވަންްދޫ" ފޭޖުން އެނގިގެންދެއެވެ. އެ ޕޭޖުގައިވާ ހިތްގައިމު ފޮޓޯތަކުން އެތައް ބައެއްގެ ސަމާލުކަން އެރަށަށް ހުއްޓިގެންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!