މަސްވެރިކަމާއި ގުޅޭ

kudey

ކަނޑޫދޫ ކުޑޭ: ދަނޑުވެރިކަމުން މަސްވެރިކަމަށް

ތ. ކަނޑޫދޫއަކީ ދަނޑުވެރިކަމަށް ރާއްޖޭގައި ނަން މަޝްޙޫރު ރަށެކެވެ. އެރަށުގެ އާބާދީގެ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ އެއީއެވެ.

ރަށަކީ ދަނޑުވެރި ރަށަކަށް ވުމުން އެރަށުގައި މަހަށްދާ މަސް ދޯންޏެއްވެސް ނޯވެއެވެ. އެހެން ނަމަވެސް ކަނޑޫދޫގައި ފުޅާ ދާއިރާއެއްގައި މަސް ކައްކާ ފަރާތެއް އުޅެއެވެ. އޭނާ ދަނީ މި މަސައްކަތް ދުވަހަކަށް ވުރެ ދުވަހެއް ފުޅާ ކުރަމުންނެވެ.

ރަށުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންވެސް ކުރާ މުޙައްމަދު އާދަމް ނުވަތަ އާއްމު ނަމުން ނަމަ ކުޑޭ ބުނީ ރަށުގައި މަސް ދޯންޏެއް ނެތަސް ދޯނިފަހަރަށް ގުޅައިގެން އެރަށަށް ގެނެސް މަސް ގަންނަ ކަމަށެވެ. އަދި މަސް ގަންނަނީވެސް އަގުބޮޑުކޮށް ކަމަށް ކުޑޭ ބުންޏެވެ.

"މަސް ހޯދުމުގައި ހުރޭ ދަތިތަކެއް، އެކަމް އާއްމުކޮށްގެން މަސް ގަންނާނީ މަސް ދޯނިތަށް އާދޭ މި ރަށަށް، ކައިރި ރަށްރަށަށް ވުރެ އަގުބޮޑުކޮށް މި ގަންނަނީ،" ކުޑޭ ބުންޏެވެ.

މަސް ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް މި މަސައްކަތް ކުރުމުގައި އޭނާގެ ހުރި ޝައުގުވެރިކަމަކަށް ފަނޑުކަމެއް ނާދެއެވެ. ކުޑޭ ދަނީ މަހުގެ އެކި އުފެއްދުންތައް އުފައްދާ ބާޒާރަށް ނެރެމުންނެވެ. މާލެއަށާއި އަތޮޅުތެރޭގެ އެކި ހިސާބުތަކަށް އޭނާ ދަނީ އެއުފެއްްދުންތަށް ވިއްކަމުންނެވެ. އެގޮތުން ވަޅޯ މަހާއި، ވެކިއުމް މަހާއި ރިހާކުރު ދަނީ ބާޒާރަށް ނެރެމުންނެވެ.

"އެންމެ ޑިމާންޑު ބޮޑީ ރިހާކުރަށް، ވަރަށް ކޮލިޓީވާނެ މި ރިހާކުރު، ފެށުނީއްސުރެ މި ވިއްކަނީވެސް 250 ރުފިޔާއަށް، ޑިމާންޑާއި އެއްވަރަށް ނުހެދިފައި އޮންނަނީ،" ކުޑޭ ބުންޏެވެ.

މަސް ކެއްކުމުގެ މަސައްކަތް ކުރާތާ މިހާރު 2 އަހަރެއްހާ ދުވަސްވެފައިވާއިރު، ކުޑޭ މި މަސައްކަތް ކުރުމުގައި ބިދޭސީ އެއްވެސް މުވައްޒަފެއް ނުގެންގުޅެއެވެ. ދާއިމީކޮށް ދިވެހި 2 މުވައްޒަފުން ގެންގުޅޭއިރު، ރަށު މީހުން ދުވަހު މުސާރައަށް އެކި ކަހަލަ މަސައްކަތްތަށް ކޮށްދޭ ކަން ކުޑޭ ފާހަަގަކުރެއެވެ.

"ބިދޭސީއެއްގެ ބޭނުމެއް ނުޖެހޭ އަދި، މަސައްކަތް ކޮށްދޭނެ ދިވެހިން ލިބޭ، މަސް ގަންނަ ދުވަހު އަންނާނީ މަސް ކެނޑުމާއި، މަސް ސާފުކޮށް ކަށި ނަގަން އަންނާނެ އަންހެންވެރިން، އެއީ ދުވަހު މުސާރައަށް،" ކުޑޭ ބުންޏެވެ.

ކުޑޭގެ ވިސްނުން ހުރީ ކުރިމަގުގައި މިދާއިރާއިން އިތުރަށް ކުރިއަށްދާށެވެ. އަދި މުޅި އެ އަތޮޅުގައިވެސް މި މަސައްކަތް އެންމެ ފުޅާކޮށް ކުރާ މީހުންގެ ތެރޭގައި ހިމެނިގެން ދިޔުމަށެވެ.

"އަތޮޅުނެތް ފެންވަރަށް މިކަން ކުރަން ބޭނުންވަނީ، ހަމަ މަސް ބަންދުކޮށްގެން ބޭރަށް ފޮނުވަންވެސް ވިސްނަން، އެހިސާބަށް ވިޔަފާރި ފުޅާ ކުރަން ބޭނުންވަނީ،" ކުޑޭ ބުންޏެވެ.

މަސްވެރިކަމާއި ގުޅުން ހުރި ތަފާތު އެކި މަސައްކަތްތަށް ހުރިއިރު، ކުޑޭގެ ވާހަކަައިންވެސް އެނގެނީ މިފަދަ މަސައްކަތެއް ކުރުމަށް ރަށަކީ މަސްވެރި ރަށަކަށް ވާކަށް ނުޖެހެއެވެ. އަދި މަސައްކަތް ކުރުމަށް ބިދޭސީން ގެންގުޅޭކަށްވެސް ނުޖެހެއެވެ.

ކުޑޭގެ މި މަސައްކަތާއި އެކު ކަނޑޫދޫ މިރުސް މަޝްހޫރުވީ ގޮތަށް "ކަނޑޫދޫ ރިހާކުރު" މަޝްހޫރު ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!