މަސްވެރިކަމާއި ގުޅޭ

ފަނި ހަނދި

ފަނިހަންޖަކީ ރާއްޖޭގެ ވިލުވިލާއި ފަޅުފަޅުގައި ވަރަށް ގިނައިން އުޅޭމަހެކެވެ. މިމަސް ޢާއްމުކޮށް އުޅެނީ 40 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ.
ގިނައިން އުޅެނީ ކުދި އައިން ހަދައިގެންނެވެ. މިއީ ނަނު އެއްލައިގެން ޢާއްމުކޮށް ބާނާ އުޅޭމަހެކެވެ. ދިވެހިން ކެއުމަށް ބޭނުންކުރާ މީރުމަހެކެވެ. ރަށްރަށުގެ ތިލަފަޅުތަކަށް މުށިމަސް، ނުވަތަ ކުންބަޅަ ވަދެފައި އޮންނައިރު ކާނާހޯދުމުގެގޮތުން ވަރަށް ތިލައަށް ފަނިހަނދިއަރައެވެ. ދިރޭމަހެއް ޖަހައިގެން ނަނުދޫކުރުމުން ވަރަށް ފަސޭހައިން މިމަސްބޭނެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 21 އާއި 24 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިންހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއެކު 17 އާއި 20 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މިއީ ފަތިކޮށްހުންނަ ވަރަށް ބާރަށް ދުވާ މަހެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިނޫކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ރިހިކުލައެވެ. ތަފާތުގޮތްގޮތަށް އަތުރާލެވިފައިވާ ކަޅުކުލައިގެ ތިކިތަކެއް މަހުގެ ބޮލުގައްޔާއި ހަށިގަނޑުގެ އެކިތަންތާގައި ހުރެއެވެ. މަހުގެ މަތީބައިގެ
ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ ނޫކުލައެވެ.

އިނގިރޭސި ނަން: : Bluefin trevally

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!