މަސްވެރިކަމާއި ގުޅޭ

masverinnn

މަސްވެރިންގެ ނޫހަށް ކާމިޔާބު 1 އަހަރު

މަސްވެރިންގެ ޚަބަރުތައް ގެނެސްދިނުމަށް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ އޮންލައިން ނޫސް "މަސްވެރިން.އެމްވީ" އެއްއަހަރުވީއެވެ. މިވީ އެއްއަހަރު ދުވަހުގެ ތެރޭގައި މި ނޫހަށް ރައްޔިތުންގެ ފަރާތުން ލިބިފައިވަނީ ހީވެސްނުކުރާފަދަ ބޮޑު ތަރުޚީބެކެވެ. މަސްވެރިންނާއި އޮޑިވެރިންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމަކީ މި ނޫސް މިހާ ކުރިއަރައިގެން ދިޔަ މައިގަނޑު ސަބަބެވެ. މިކަމަށްޓަކައި ހުރިހާ ރައްޔިތުންނާއި މަސްވެރިންނާއި އޮޑިވެރިންނަށް މަސްވެރިން އެމްވީގެ ނިއުސްޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ފާއިތުވި 1 އަހަރު ދުވަސްތެރޭގައި ވަކިކޮޅަކަށް ނުޖެހި މި ނޫހުން ހަމަހަމަ ކަމާއެކު ޚަބަރާއި މަޢުލޫމާތު ގެނެސްދެވުމަކީ މި ނޫސް ރައްޔިތުން ބަލައިގަތް އެއް ސަބަބުކަމުގައި އަޅުގަނޑުމެން ދެކެމެވެ.

މަސްވެރިން އެމްވީގެ ކާމިޔާބު 1 އަހަރު ދުވަހުގެ ތެރޭގައި މިނޫހުގެ ހުރިހާ ބައިތަކަށްވެސް ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ޚަބަރާ މަޢުލޫމާތުގެ އިތުރުން މަސްދޯނިފަރަހާއި މަސްމަހާމެއްސާއި ޤާނޫނާ ޤަވާއިދާއި، މަސްވެރިޔާ އަދި ރިޕޯޓްގެ އިތުރުން މަސްވެރިންގެ އަޑަކީ އެންމެ މަޤްބޫލް ބައިތަކެވެ. މީގެތެރެއިން މި ބަލާލަނީ ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި އެންމެ މަޤްބޫލް 3 ބަޔަށެވެ.

މަސްދޯނިފަހަރު

"މަސްދޯނިފަހަރު" މިބަޔަކީ ރާއްޖޭގައި މަސްވެރިކަމަށް ރަޖިސްޓްރީކޮށްގެން ދުއްވާ މަސްދޯނިފަހަރާ ބެހޭ މަޢުލޫމާތު ގެނެސްދިނުމަށް ޚާއްޞަ ބައެކެވެ. މިބައިގައި މަސްދޯނިފަހަރުގެ ފޮޓޯގެ އިތުރުން ދޯނީގެ ހުރިހާ މަޢުލޫމާތެއް ހިމެނިފައިވާނެއެވެ. މައުލޫމާތުތައް ހިމަނާފައިވާނީ ދޯނީގެ އޮޑިވެރިޔާ ނުވަތަ ކެޔޮޅު ޚިއްސާކުރާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ރާއްޖޭގައި މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ދޯނިފަހަރުގެ މަޢުލޫމާތު މިބައިގައި ހިމެނުމަށް އަޅުގަނޑުމެން މަަސައްކަތް ކުރާނަމެވެ.

މަސްމަހާމެހި

"މަސްމަހާމެހި" މިބަޔަކީ ރާއްޖޭގައި އުޅޭ މަހާބެހޭ މަޢުލޫމާތު ޚިއްޞާކުރުމަށް ޚާއްޞަ ބައެކެވެ. މަހުގެ ފޮޓޯއާއެކު މިބައިގައި ގެނެސްދޭ މަޢުލޫމާތަކީ އާންމުންގެ މެދުގައި ވަރަށް މަޤްބޫލް ބައެކެވެ. ޚާއްޞަކޮށް ސްކޫލްކުދިންގެ މެދުގައި މިބައިގެ މަޤްބޫލްކަން ބޮޑެވެ. "މަސްމަހާމެހި" މި ބައިގައި ހިމަނާ ގިނަ މަޢުލޫމާތުތަކަކީ މެރިން ރިސާޗް ސެންޓަރާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން 1997 ވަނަ އަހަރު ނެރުނު "ރާއްޖޭގައި އުޅޭ މަހާބެހޭ މަޢުލޫމާތު" މި ފޮތުން ނަގާފައިވާ މަޢުލޫމާތެވެ. ނަމަވެސް ޒަމާނަށް ފެތޭގޮތަށް ބައެއް މަސްމަހާ ބެހޭ މަޢުލޫމާތު ގެނެސްދީފައި ވާނެއެވެ.

މަސްވެރިޔާ

"މަސްވެރިޔާ" މިބަޔަކީ ވަރަށް މަޤްބޫލް ބައެކެވެ. މިބައިގައި ހިމެނެނީ ކެޔޮޅުންނާއި އޮޑިވެރިންނާއި އަދި މަސްވެރިންގެ ޕްރޮފައިލް ރިޕޯޓެވެ. މިވީ 1 އަހަރު ދުވަހުގެތެރޭގައި މިބަޔަށް މައުލޫމާތު ދިނުމަށް އެއްވެސް މަސްވެރިޔަކު ދެކޮޅުހަދާފަ ނުވާކަން އުފަލާއެކު ފާހަގަކުރަމެވެ. މިބައިގައި ހިމަނާ މަޢުލޫމާތަކީ މަސްވެރިޔާގެ ތަޖުރިބާއާއި އެފަރާތުން ޚިއްޞާ ކުރާ މަޢުލޫމާތެވެ.

މީގެއިތުރުން ޤާނޫނާ ޤަވާއިދާއި، ފޮޓޯއާއި ވީޑިއީގެ ބަޔަކީވެސް ވަރަށް މަޤްބޫލް ބައިތަކެވެ. ކުރިއަށްއޮތް ތާންގައިވެސް މަސްވެރިންނާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަކާ ގުޅިގެން މި ނޫސް އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރާނެވާހަކަ ދަންނަވަމެވެ. އަދި ދިމާވާ ގޮންޖެހުންތަކަށް ބެލުމެއްނެތި ތެދުވެރިކަމާ ހަމަހަމައަކާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެ ވާހަކަ ދަންނަމެވެ.

މަސްވެރިން އެމްވީއާ އެއްވެސް މަޢުލޫމާތެއް ޚިއްސާކުރައްވަން ބޭނުންފުޅު ނަމަ މި ނޫހުގެ ހޮޓްލައިން 7787161 މި ނަމްބަރަށް ގުޅުއްވުން އެދެމެވެ. ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް މެސެޖް ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!