މަސްވެރިކަމާއި ގުޅޭ

ރަތް މޮޅު (ދޮން ފާނަ) - ފޮޓޯ: ރަސްމަގު 4

ފާނައިގެ ހަޔާތުގެ ބުރާއި ފާނައިގެ ޚާއްޞަ ސިފަތައް

ފާނައިގެ ބާވަތްތަކަކީ ޙަޔަވީގޮތުން ގިނަ ތަފާތުތަކެއް އެކުލެވޭ، ދަރިމައިވެ އާލާވާ ގޮތްވެސް އެއްބާވަތާއި އަނެއް ބާވަތާ ދެމެދު ތަފާތު މަހެކެވެ. ނަމަވެސް، ދަރިމައިވުމުގެ މަރުޙަލާގައި، ފާނައިގެ ގިނަ ބާވަތްތަކުގެ މެދުގައި އެއްގޮތް ކަންތައްތަކެއް ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.

ފާނައިގެ ގިނަ ބާވަތްތަކަކީ އަންހެން މަހުގެ ގޮތުގައި ފުރާވަރަށް އަރާ އުމުރުގެ ވަކިހިސާބަކުން ފިރިހެން މަހަކަށް ޖިންސު ބަދަލުވާ ބާވަތްތަކެކެވެ. ނަމަވެސް ފާނައިގެ ބައެއް ބާވަތްތަކަކީ މިފަދައިން ޖިންސު ބަދަލުކުރާ ބާވަތްތަކެއް ނޫނެވެ. ފާނަ ޖިންސު ބަދަލުވުމަށް އަސަރު ކުރުވާ އެންމެ މުހިންމު އެއް ކަމަކީ، ބިސްދޫކުރަން ޖަމާވާ ފާނައިގެ ޖަމާވުންތަކުގައި ފިރިހެން މަސް ނިސްބަތުން ތިބި މިންވަރެވެ. ފާނައިގެ ގިނަ ބާވަތްތަކަކީ އުމުރު ދިގު، ލަހުން ބޮޑުވާ އަދި ލަހުން ފުރާވަރަށް އަރާ ބާވަތެއްގެ މަހެކެވެ.

އެހެންނަމަވެސް ޕްލެކްޓްރޮޕޯމަސް ޖީނަސްއަށް ނިސްބަތްވާ ބާވަތްތަކަކީ ފާނައިގެ އެހެން ބާވަތްތަކާ އަޅައި ބަލާއިރު، ނިސްބަތުން އަވަހަށް ބޮޑުވެ، އަވަހަށް ފުރާވަރަށް އަރާ ބާވަތްތަކެކެވެ. ފާނައިގެ ސައިޒާއި ފުރާވަރަށް އަރާ ސައިޒް ފާނައިގެ ބާވަތްތަކުގެ މެދުގައްޔާއި، އެއްބާވަތުގެ ވަކިވަކި ފާނައިގެ މެދުގައިވެސް ތަފާތުވެއެވެ.

ފާނައަކީ އައިން ހަދައިގެން އުޅޭ މަހެއް ނޫނެވެ. އެހެންނަމަވެސް، ފާނައިގެ ގިނަ ބާވަތްތައް ބިސްދޫކުރުމަށް އެއް ސަރަޙައްދަކަށް ޖަމާވެ އުޅެއެވެ. މިގޮތަށް ޖަމާވާ ޖަމާވުންތަކުގެ ސައިޒް ފާނައިގެ އެކި ބާވަތްތަކުގެ މެދުގައި ތަފާތެވެ. އަދި ފާނައިގެ ބައެއް ބާވަތްތައް އަބަދުވެސް ޖަމާވަނީ އެއް ސަރަޙައްދަކަށެވެ. މިފަދަ ޖަމާވުންތައް ހަނދުގެ ދައުރުވުމާ ގުޅިފައިވެއެވެ. އަދި އާންމު ގޮތެއްގައި ފާނަ ބިންދޫކުރުމަށް ޖަމާވަނީ ހަނދުފޮއި އަދި ކަޅުފޮއި ދުވަސްވަރުގައެވެ. މިފަދަ ޖަމާވުންތައް މަދު ދުވަސްކޮޅަކަށް ނުވަތަ އެތައް ހަފްތާއަކަށް ވެސް ދިގުދެމިގެންދެއެވެ.

ރަތް މޮޅު (ދޮން ފާނަ) - ފޮޓޯ: ރަސްމަގު 4

މިގޮތަށް ބިސް ދޫކުރުމަށް ޖަމާވާ އަންހެން ފާނަ ބިސްތައް ލޮނުގަނޑުގެ ތެރެއަށް ދޫކޮށްލައެވެ. އަދި ބިހާއި، ފިރިހެން ފާނަ ދޫކުރާ ދަރިފަނި ލޮނުގަނޑުގެ ތެރޭގައި ގުޅި، ކަނޑުގެ އޮޔާއެކު ދަތުރުކުރެއެވެ. ބިސްފީވެ، އުފަންވާ ފާނައިގެ ޅަ ފަނި ވެސް ޅަ ފާނައަށް ބަދަލުވަންދެން އޮޔާއެކު ދަތުރުކުރެއެވެ. ފާނައިގެ ފަނި ޅަ ފާނައަށް ބަދަލުވުމުން، މުރަކަ ފަރުތަކާއި ޗަސްބިން އަދި މޫދު ވިނަ ފަދަ ޅަ ފާނަ އާލާވުމަށް މަގުފަހި ކޮށްދޭ މާޙައުލުތަކުގައި ވަޒަންވެރިވެއެވެ. ފާނަ ބޮޑުވުމުން ފަރުތަކުގެ ފުން ހިސާބުތަކަށް ދަތުރުކުރެއެވެ. ބޮޑެތި ފާނަ އާންމު ގޮތެއްގައި އުޅެނީ އެކަހެރިކޮށެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!