މަސްވެރިކަމާއި ގުޅޭ

ހަލުވިމަސް

މިއީ ހަނދީގެ ގިނަބާވަތްތަކާއި ޚިލާފަށް ތަންކޮޅެއް ދިގުކޮށް ހުންނަމަހެކެވެ. ހަލުވިމަހަކީ ރާއްޖޭގެ މަސްވެރިން ގިނައިން ބާނާ އުޅޭބާވަތެކެވެ. މިބާވަތް ވަރަށް ގިނައިން ބައިބަޔަށް، ރަށްރަށުގެ ބޭރުމައްޗަށާއި، ފަޅުފަޅާއި ވިލުވިލަށް ވަދެ އުޅެއެވެ. މިމަސް ޢާއްމުގޮތެއްގައި އުޅެނީ 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިމަސް އެންމެ ބޮޑުވަނީ 85 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ކުދިމަހާއި ބޯވަދިލަމަކާއި ކަކުނިފާޑުގެ ސޫތްޕެވެ. ހަލުވިމަހުގައި ކުދި ޅުނބުތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށްފަރާތުން ކަރުތާފަތްގަޑުގެ ތިރީގައިހުންނަ ކޮތަރިބައިގެ ކައިރީގައިވާ ކުޑަކުޑަ ތަންކޮޅެއްޕިޔަވާ އެހެނިހެން ހިސާބުތަކުގައިވެސް ހުޅުނބު ހުރެއެވެ. މަހުގެ ކަންފަތްގަޑު މަހުގެ ބޮލަށްވުރެ ދިގުވާނެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 19 އާއި 22 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި ވަކިން ހުންނަ 2 ހަރުކަށްޓަށްފަހު 1 ހަރުކަށްޓާއި 14 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިކުލައަކަށްދާ މުށިކުލައެކެވެ. ބަނޑުދޮށްފަރާތާއި އަރިމަތި ހުންނަނީ ރިހިހުދު ކުލައިގައެވެ. މަހުގެ ކަރުތާފަތްގަޑުގެ
މަތީބައިގެ ކޮޅުގައި ކަޅު ކުޑަލަޕެއް ފާޅުކޮށް ފެންނަންހުރެއެވެ.

އިނގިރޭސި ނަން: bigeye trevally

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!