މަސްވެރިކަމާއި ގުޅޭ

195408_16deadc2-d_

އެމެރިކާއިން މަސްވެރިކަމުގެ ތަމްރީން ހޯދި ކެޔޮޅަށް ޒުވާނުންގެ ޤައުމީ އިނާމު!

މަސްވެރިކަމަށް އޮންނަ ޝައުގުވެރިކަމާއި އެކު އުމުރުން އެންމެ 8 އަހަރުން ފެށިގެން ޔަމާން ވަނީ މަހަށްދާން ފަށާފައެވެ. އޭރު މަހަށް ދިޔައީ ބައްޕައާއި އެކު އެހެން މީހުން އެމަސައްކަތް ކުރާތަން ބެލުމަށެވެ.

ލ.މުންޑުއަށް އުފަން، މިހާރު އެއަތޮޅު ގަމުގައި ދިރިއުޅޭ ޔަމާންގެ އުމުރުން މިހާރު 26 އަހަރު ފުރިފައިވާއިރު، އޭނާއަކީ ޒުވާން ކެޔޮޅެކެވެ. ޔަމާން ބުނީ ކިޔަވާ ނިންމައިގެން ވަޒީފާއަކަށްދާން ހިޔާރުކުރީ މަސްވެރިކަމުގެ ދާއިރާ ކަމަށެވެ. ސަބަބަކީ މި މަސައްކަތަކީ އޭނާ އެންމެ ކުޑައިރުން ފެށިގެން އެންމެ ކުރަން ބޭނުންވާ މަސައްކަތަށްވުމެވެ.

"ބައްޕައަކީ ކެޔޮޅެއް، ދެން އެހެންވީމަ ބައްްޕަ ފަރާތުން އައި އިންޓަރެސްޓެއް އެއީ، ފުރަތަމަ 8 އަހަރުގަ ދާން ފެށީ، އޭރު ގޮސް ހަމަ ބަލަން އިންނަނީ މަސްވެރިކަމުގައި މީހުން އުޅޭގޮތް، އެހެން ގޮސް ބޮަޑަށް ހިތް ޖެހުނީ،" ޔަމާން ބުންޏެވެ.

ސްކޫލް ނިންމި ގޮތަށް ޔަމާން ދިޔައީ މަހަށެވެ. ދެން އެއަށްފަހު އޭނާ ނިންމީ މަސްވެރިކަމުގެ ދާއިރާއިން ކިޔެވުމަށެވެ. އެގޮތުން މޯލްޑިވްސް ފިޝަރމެން އެސޯސިއޭޝަންއިން ހިންގި ކެޔޮޅުން ތަމްރީން ކުރާ، މާސްޓަރ ފިޝަމޭން ކޯސް އޭނާވަނީ ފުރިހަމަކޮށްފައެވެ.

"ބައިވަރު މޮޑިއުލްސް ހިމެނޭ އެ ކޯހުގައި، ކެޔޮޅެއްގެ މަޤާމްގައި ހުންނަ އިރު އެނގެން ޖެހޭ ހުރިހާ ކަމެއް މި ކޯހުގައި ކިޔަވައިދޭ، މިއީ ގާތްގަނޑަކަށް 7 މަސް ދުވަހުގެ ކޯހެއް،" ޔަމާން ބުންޏެވެ.

މި ކޯހަކީ ބޭރުގެ ފަރާތްތަކާއި ގުޅިގެން ހިންގި ކޯހެކެވެ. މި ކޯހުން އެންމެ ފާހަގަކޮށްލެވޭ 2 ބައިވެރިންގެ ތެރޭގައި ޔަމާން ހިމެނުނެވެ. މިއާ އެކު އެމެރިކާއަށް ގޮަސް އެޤައުމުގައި މަސްވެރިކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ޔަމާންއަށް ލިބުނެވެ.

"އެމެރިކާގައި 3 މަސް ދުވަސް ވަންދެން އުޅުނިން، އެމެރިކާގެ ސިއޭޓަލްގެ ވެސްޓު ޕޯޓުގައެއީ، އެކޮޅުގެ ޖަމިއްޔާއަކާއި ގުޅިގެން އެއީ،" ޔަމާން ބުންޏެވެ.

ޔަމާން އެމެރިކާގެ މަސްބޯޓެއްގައި ތަމްރީން ހަދަނީ

ޔަމާން ބުނީ ކެޔޮޅުކަން ކުރަން ފެށިތާ މިހާރު 5 އަހަރުވެފައިވާއިރު، އޭނާ ކެޔޮޅެއްގެ ގޮތުގައި މަސައްކަތްކުރަން ފެށިއިރު އުމުރުން އެންމެ 21 އަހަރެވެ.

މަސްވެރިކަމުގެ ދާއިރާއިން ޔަމަންވަނީ މިއަހަރު ޒުވާނުންގެ އެވޯޑު ހާސިލްކޮށްފައެވެ. މި އެވޯޑަކީ އެކި ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ދޭ ޤައުމީ އެވޯޑެކެވެ.

"މިފަދަ އެވޯޑެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް، މަސްވެރިކަމުން ހާސިލްކުރަން ބޭނުންވި އެވޯޑެއް މިއީ، މި ހޯދުނު ކާމިޔާބީތައް ބަލައިގަންނަ ދުވަހެއް އެއީ ވަރަށް ެދެކެން ބޭނުންވި ދުވަހެއް" ޔަމާން ބުންޏެވެ.

ކެޔޮޅުކަން ކުރަމުން ލިބުނު އާމްދަނީއިން ޔަމާން މިހާރު ތައްޔާރުވަމުންދަނީ އަމިއްލަ ދޯންޏެއް މަސްވެރިކަމަށް ނެރުމަށެވެ. އެގޮތުން މަސް ދޯނި މިހާރު ބަނދެ ނިމިފައިވާއިރު، މި ދޯންޏަށް ދީފައިވާ ނަމަކީ "ގުރުވަ-2"އެވެ.

"މިއީ ހަމަ އަމިއްލަ މަސައްކަތް، އެންމެ އެހީވީ ބައްޕަ މި މަސައްކަތުގައި، މިއަންނަ މަސްތެރޭ މި ދޯނި ޓެސްޓަށް ދުއްވާ، އަންނަ މަސް ނިމޭ ހިސާބު މަސްވެރިކަމަށް ބޭނުން ކުރަން ފެށޭނެ ކަމަށް ލަފާ ކުރެވެނީ،" ޔަމާން ބުންޏެވެ.

ޔަމާންގެ އަމިއްލަ މަސްދޯނި ގުރުވަ-2

ޔަމާން ބުނީ މަސްވެރިކަމަށް ޒަމާނީ ބަދަލުތަކެއް އަންނަމުންދާއިރު، މަސް ކިރާ ކުންފުނިތަކަށް ކުރިއެރުން ނުލިބުމަކީ މިދާއިރާއަށް ހުރި އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި މި ކަންތައްތަކަށް އަވަސް ހައްލެއް ބޭނުންވާކަން ޔަމާން ފާހަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!