މަސްވެރިކަމާއި ގުޅޭ

-09-08-03h19m05s132

މިދިޔަ އަހަރު އެންމެ ބޮޑަށް ކުރިއެރި ސިނާއަތަކީ މަސްވެރިކަން: ފިނޭންސް މިނިސްޓަރު

މިދިޔަ 2020 ވަނަ އަހަރު އެންމެ ބޮޑަށް ކުރިއެރި ސިނާއަތަކީ މަސްވެރިކަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މާ ބޮޑު އަސަރެއް ނުކޮށް، 2020 ވަނަ އަހަރު އެންމެ ބޮޑަށް ކުރިއެރި ސިނާއަތަކީ މަސްވެރިކަން ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް 10.2 އިންސައްތަ ކުރިއަރާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު މަސް އެކްޕޯޓްކުރި މިންވަރު ވެސް ވަނީ 2019 ވަނަ އަހަރަށް ވުރެ އިތުރުވެފައެވެ.

އަދި މި ހިނގާ 2021 ވަނަ އަހަރުގެ މިދާއިރާގެ ކުރިއެރުން ދެމެހެއްޓޭނެކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ފާއިތުވި 2 އަހަރު ގިނަ ޤައުމުތަކުގެ ބޯޑަރުތައް ބައްދުކޮށް ޤައުުމުތަކުގެ އިޤްތިސާދު އަނދަވަޅަކަށް ވެއްޓުނެވެ. މިގޮތުން ރާއްޖޭގެ އިޤްތިޞާދު އެ މަސައްކަތަކަށް ބިނާވެފައިވާ ފަތުރުވެރިކަން މުޅިން ހުއްޓުނުއިރު އިޤްތިޞާދު ހުއްޓުނަ ނުދީ ހިއްވަރު ކުރީ މަސްވެރިންނެވެ. މިކަން އެކި ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާވެސް ފާހަގަކުރެއްވިއެވެ.

މިގޮތުން ޤައުމުގެ އިޤްތިޞާދު އެއްކަމަކަށް ބަރޯސާ ވުމުގެ ހިތި ފެނިއްޖެކަމަށާއި މިއީ މަސްވެރިކަން ނަގާ ކޮޅަށް ޖަހަން ޖެހޭ ވަގުތުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ޤައުމީ އާމްދަނީގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޞިނާޢަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިޤްތިޞާދީ ދެވަނަ ޞިނާޢަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަމެވެ. ނަމަވެސް ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ." މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ކޮވިޑްގެ ސަބަބުން މުޅި ޤައުމުގެ އިޤްތިޞާދު ހުއްޓުނުއިރު ވިންދު ޖަހަޖަހައި އޮތީ ހަމައެކަނި މަސްވެރިކަން ކަމުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ބޭއްވި އެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ނަމަވެސް ހިތާމަޔަކީ ޤައުމުގެ އިޤްތިޞާދު އަނެއްކާވެސް ހަމައެކަނި ފަތުރުވެރިކަމާ ދިމާއަށް ބާރަށް މިސްރާބު ޖަހާފައިވާތަން ފެންނާތީއެވެ. މަސްވެރިކަން ކޮޅަށް ޖަހަން ޖެހިއްޖެ ކަމަށް ވިދާޅުވިޔަސް މަސްވެރިން މިހާރުވެސް ތިބީ އޭރުވެސް ތިބި ހާލުގައެވެ. މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެއެވެ. ކުރަނީ ހަމަ އެއް ޝަކުވާތަކެވެ. ޤައުމުގެ އިޤްތިޞާދު ހުއްޓުނުއިރު ވިންދު ޖަހަޖަހައި އޮތީ ހަމައެކަނި މަސްވެރިކަން ކަމަށް ވިދާޅުވިޔަސް މި ސިނާއަތަށް އެއްވެސް ކުރިއެރުމެއް ނާންނަކަމަށް މަސްވެރިންނާ އޮޑިވެރިން ދަނީ ބުނަމުންނެވެ. ސިޔާސީ ޕޯޑިއަމެއްގައި މިވާހަޔަ ނުދެއްކިޔަސް ދޯނިފަހަރުގެ ދިރުނބާ ކޮޅުގައި ތިބެ މަސްވެރިން ގެންދަނީ މިވާހަކަތައް ކޮންމެ ދުވަހަކުވެސް ދައްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!