މަސްވެރިކަމާއި ގުޅޭ

ދޮން މިޔަރު

ދޮން މިޔަރަކީ މެދުއިސްކޮޅެއްގެ މިޔަރެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި އުޅޭ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރެކެވެ. މިމިޔަރު އަތޮޅުންބޭރު މާކަނޑުތަކުގައިވެސް އުޅޭކަމަށްވެއެވެ. އަދި ބައެއްފަހަރު ވަރަށް ތިލަ ހިސާބުތަކުންވެސް ފެނެއެވެ. ރަށްރަށުގެ ކައިރީ މި ބާވަތުގެ ކުދި މިޔަރު ވަރަށް ގިނައިން އުޅެއެވެ، މިބާވަތުގެ މިޔަރު ގާތްގަޑަކަށް 140 މީޓަރު އަޑިންވެސް ހިފިފައިވާކަމަށްވެއެވެ. ދޮން މިޔަރު ވިހާފަހަރަކު ގާތްގަޑަކަށް 3 އާއި 6 އާ ދެމެދުގެ ޢަދަދަކަށް ވިހާކަމަށްވެއެވެ. އަދި ވިހާ ޅަމިޔަރުގެ އިސްކޮޅަކީ ގާތްގަޑަކަށް 45 ސެންޓިމީޓަރާއި 60 ސެންޓިމީޓަރާ ދެމެދެވެ. މިމިޔަރު އެންމެ ބޮޑުވަނީ ގާތްގަޑަކަށް 1.6 މީޓަރަށެވެ.

މިއީ އާދައިގެ ވަރަކަށް ފަލަ، އަދި ތުންކޮޅަށް ދިގު މިޔަރެކެވެ. މަތީބައިގެ ކުލައަކީ އަޅި ނުވަތަ އަޅި މުށި ކުލައެކެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. މިބާވަތުގެ މިޔަރުގެ ކަންފަތާއި، ބުރަކަށިމަތީގެ ދެވަނަ އުރަހައާއި، ނިގޫފަތުގެ ތިރީބައިގެ ކޮޅު ހުންނަނީ ކަޅުކުލައިގައެވެ. އަދި މިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހައާއި ނިގޫފަތުގެ މަތީބައިގެ ކައިރިފަށް ހުންނަނީ ކަޅުކުލައެއްގައެވެ. ދޮން މިޔަރުގެ ޢާއްމުކާނާއަކީ ކުދިމަހާއި ބޯވައެވެ.
މިބާވަތުގެ މިޔަރަކީ ކެއުމަށް ރަގަޅު އަދި މިޔަރު އުރަހައިގެ ވިޔަފާރިއަށް އުރަހަ ބޭނުންކުރި މިޔަރެކެވެ.

އިނގިރޭސި ނަން: Spottail shark

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!