މަސްވެރިކަމާއި ގުޅޭ

Iruvaru Masreys 2021

އިރުވަރު އަހަރީ މަސްރޭހުގެ މީޑިއާ ޕާޓްނަރަކަށް މަސްވެރިން.އެމްވީ!

އިރުވަރު އަހަރީ މަސްރޭހުގެ މީޑިއާ ޕާޓްނަރަކަށް މަސްވެރިން.އެމްވީ ހަމަޖައްސައިފިއެވެ.

މި މަސްރޭހަކީ އިރުވަރު އޮންލައިން ނޫހުގެ 1 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި މަސްރޭސް އޮންނާނީ މިއަހަރުގެ މަސްވެރިންގެ ދުވަހު ތ. ވަންދޫގައެވެ. މި މަސްރޭހަކީ އިރުވަރު ނޫހަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި، ރަށްރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި މުބާރާތް ހިންގާނީ އިރުވަރު ނޫހާއި ވަންދޫ ކައުންސިލާއި ގުޅިގެންނެވެ.

"މަސްވެރިން އެމްވީއަކީ ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން ހިންގާ ހަމައެކަނި ނޫސް. މަސްވެރިންނާ ގުޅޭ، މަސްވެރިކަމާ ގުޅޭ ވަރަށް ގިނަ މައުލޫމާތު އެ ނޫހުން އެބަ ގެނެސްދޭ. ޚަބަރާ މައުލޫމާތުގެ އިތުރުން ރާއްޖޭގެ ހުރިހާ ދޯނިފަހާއި މަސްތަކާ ބެހޭ މަޢުލޫމާތު ވަރަށް ތަފްސީލުކޮށް އެބަ ގެނެސްދޭ. އެހެންވީމަ މަސްވެރިކަމާ ގުޅުންހުރި މިފަދަ ހަރަކާތެއް ކުރިއަށްގެންދާއިރު މީޑިއާ ޕާޓްނަރަކަށް މަސްވެރިންގެ މީޑިއާއަށްވުރެ އެކަށޭނެ މީޑިއާއެއް ނެތް. މިފުރުޞަތުގައި މަސްވެރިން އެމްވީއަށާއި މަސްރޭހުގެ ސްޕޮންސަރުންނަށް ޝުކުރު އަދާކުރަން. އަދި ވަންދޫ ކައުންސިލަށްވެސް ޝުކުރު އަދާކުރަން." އިރުވަރު ނޫހުގެ އެސިސްޓެންޓް މާކެޓިންގ މެނޭޖަރު އައިޝަތު ހަމީދު ވިދާޅުވިއެވެ.

މުބާރާތް ކުރިއަށްދާނީ "ދިވެހި މަސްވެރިންގެ ޖަމްއިއްޔާ"އާއި ވަންދޫގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ވޭލިއަންޓް ކްލަބް ވަންދޫ' ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "މަސްވެރިން.އެމްވީ" ހަމަޖައްސާފައިވާއިރު މުބާރާތުގެ އެންޓަޓައިން ޕާޓްނަރަކީ ހަބޭސް ބޮޑުބެރު ގުރޫޕެވެ. މުބާރާތް ކުރިއަށްދާ ވަގުތު ހަބޭސް ބޮޑުބެރު ގްރޫޕްގެ ހުށައެޅުންތައް ރަށުގެ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިރުވަރު އަހަރީ މަސްރޭހުގެ އެންޓަޓައިން ޕާޓްނަރަކަށް ހަބޭސްއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ހަބޭސް
މުބާރާތުގެ ސްޕޮންސަރުންނަކީ ރާޢްޖޭގެ އެންމެ ބޮޑު މަސް ކުންފުނި މިފްކޯގެ "ފަސްމީރު" ބްރޭންޑާއި ރާއްޖެއިން އެންމެ ފުޅާކޮށް ބޮޑުކަންނެލި ބޭރުކުރާ އެންސިސްގެ "އެންޒީ" އާއި އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަމުގެ ސާމާނު ވިއްކާ "ހައި ފިޝިންގ ޓެކަލްސް" އެވެ. 
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!