ފާނަ އާލާކޮށް އުފެއްދުމަށްޓަކައި ސަރަޙައްދީ ހެޗަރީތަކެއް ޤާއިމްކުރުމަށް ނިންމާފައިވާ ފ. ދަރަނބޫދޫ، ތ.ވަންދޫ، ހއ. ފިއްލަދޫ، މ. ވޭވަށުގެ ރަށު ކައުންސިލްތަކާއި އެ އަތޮޅުތަކުގެ އަތޮޅު ކައުންސިލްތަކަށް މޯލްޑިވްސް މެރިން ރިސަރޗު އިންސްޓިޓިއުޓު ގެ ފަރާތުން 'މެރިކަލްޗަރ އެކްސްޕޯޝަރ ޕްރޮގްރާމް' އެއް ހިންގައިފިއެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާތެއް ޤާއިމްކުރުމަށް، މޯލްޑިވްސް މެރިން ރިސަރޗު އިންސްޓިޓިއުޓުގެ ފަރާތުން ސަސްޓެއިނަބަލް ފިޝަރީޒް ޑިވެލޮޕްމަންޓު ޕްރޮގްރާމުގެ އެހީއާއި އެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާނަ އާލާކޮށް އުފެއްދުމަށްޓަކައި ރާއްޖޭގައި ސަރަޙައްދީ ހެޗަރީތަކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
މެރިން ރިސަރޗު އިންސްޓިޓިއުޓުން ބުނީ ސަރަޙައްދީ ހެޗަރީތައް ޤާއިމްކުރުމަށް ނިންމާފައިވާ ރަށް ރަށަށް އަމާޒުކޮށް ހިންގާފައިވާ 'މެރިކަލްޗަރ އެކްސްޕޯޝަރ ޕްރޮގްރާމް'ގެ މަޤްސަދަކީ، މެރިކަލްޗަރ ސިނާއަތަށް އަހުލުވެރިކުރުމުގެ ގޮތުން މިމިސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ މި އިންސްޓިޓިއުޓްއިން ކ. މަނިޔަފުށީގައި ހިންގާ މެރިކަލްޗަރގެ އަމަލީ މަސައްކަތްތައް ގާތުން ބަލައިލުމުގެ ފުރުސަތު ދިނުން ކަމަށެވެ.
ސަރަޙައްދީ 4 ހެޗަރީއެއް ޤާއިމްކުރުމުގެ ބޭނުމަކީ، މިއީ ފާނައަށް އަމާޒުކޮށްގެން ކުރާ މަސައްކަތަކަށްވާއިރު، މާރކެޓަށް ބޭނުންވާ ވަރަށް، އަބަދުވެސް ބާޒާރުގައި އެ އުފެއްދުން ލިބެން ހުންނާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށް މެރިން ރިސަރޗު އިންސްޓިޓިއުޓުން ބުނެއެވެ.