މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ ހަފުތާގައި ދޫކުރަން ފަށާނެ ކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އެ ފަހަރު 15 މިލިއަން ރުފިޔާއާ ކައިރި އަދަދެއް ދޫކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިހާރު ނުދެވި ހުރި 13 ދުވަހުގެ ފައިސާއަށްވާ 33 މިލިއަން ރުފިޔާ އަންނަ ހަފުތާގައި ދޫކުރަން ފަށާނެ ކަމަށެވެ.
ދުވާލެއްގެ މައްޗަށް މަސްވެރިން 200 ޓަނުގެ މަސް ބާނާނަމަ އާއްމުކޮށް ދުވާލެއްގެ މައްޗަށް 5 މިލިއަން ރުފިޔާ މިފްކޯ އިން މަސްވެރިންނަށް ދޫކުރާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
"ފާއިތުވި ތިން އަހަރު ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރީ އެއް އަގެއްގައި. އެހެންވެ ބޮޑެތި އަދަދު ތަކުން މަސް ގަންނައިރު ކޭޝް ފްލޯ މެނޭޖު ކުރަން ދަތި ތަކެއް ހުރޭ،" ފައުޒީ ވިދާޅުވި އެވެ.
މިފްކޯއަށް ބޭންކް ތަކުން ދީފައިވާ "އޯވަޑްރާފްޓް" ތަކަށް ކުރިން ފައިސާ ދައްކަމުން ނުދިއުމުގެ ސަބަބުން އެ ލޯނަށް ބަދަލު ވެފައިވާ ކަމަށާއި އެ ފައިސާ ދެއްކުމަށް ޚާއްޞަ އިންތިޒާމެއްގެ ދަށުން މަސައްކަތް ފަށާފައިވާކަންވެސް ފައުޒީ ވަނީ ފާހަގަ ކުރައްވާފައެވެ.
"އޯވަޑްރާފްޓް ފެސިލިޓީ ތަކަށް ވެސް ފައިސާ ދައްކަމުން މިދަނީ. ބޭންކް ތަކަށް މަހަކު 5.5 މިލިއަން ރުފިޔާ ވަރު ދައްކަން. މި ހުރިހާ ލޯނެއް 2021 ވަނަ އަހަރު އެއްކޮށް ދައްކާ ނިމޭނެ. އެހެންވެ ކުރިއަށް އޮތް ތާނގައި މަސް ގަންނަން ފަންޑެއް އޮންނާނެ،" ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ މިފްކޯއިން މިދިޔަ އަހަރު އެކަނިވެސް 48،000 ޓަނުގެ މަސް ކިރުވާފައިވާކަމަށެވެ. އަދި މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތް ނިމުމުން މަސްވެރިންގެ ޝަކުވާތަކަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފައުޒީ ވަނީ މިދިޔަ އަހަރު
މަސްވެރިންނަށް 908 މިލިއަން ރުފިޔާ ދޫކޮށްފައިވާކަންވެސް ފާހަގަ ކުރައްވާފައެވެ.
"މިހާރު 300 ޓަނުގެ މަސް ކިރާނެ ކަމަށް ބެލެވޭ. މިހާރުގެ މި މުއްދަތުގައި 18،000 ޓަނު ކަލެކްޓް ކުރެވި، ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައި. މި ފެށޭ މަސްވެރި ކަމަށް ވެސް އަޅުގަނޑުމެން މިދަނީ ތައްޔާރު ވަމުން،" ފައުޒީ ވިދާޅުވި އެވެ.
މިފްކޯ އިން މިހާރުވަނީ ކޫއްޑޫ އާއި ފެލިވަރުގައި ބާވެފައި ހުރި ވަސީލަތް ޒަމާނީ ވަސީލަތްތަކަށް ބަދަލު ކުރުމަށްޓަކައި ޚާއްޞަ މަޝްރޫއެއްވެސް ފަށާފައެވެ.