ކަނޑުމަހުގައި ހުންނަ ހުދު ކުލައިގެ ތިކި ތަކަކީ އޭގެ ތެރޭގައި ހުދު ކުލައިގެ ދިޔާ ފެން ކަހަލަ އެއްޗެއް އުފައްދާ ނުރައްކާތެރި ފަނި/ ޕެރަސައިޓް ތަކެކެވެ.
"ކުޑޯއާ" ކިޔާ މި ސިސްޓްތަކެއް ހުންނަ ފަނި ތަކުގެ ސަބަބުން މަރުނުވާހާ ހިނދު މަހުގެ ސިއްޙަތަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.
މިފަދަ ފަނިތަކެއް އަޅާފައިވާ މަހެއް ކައިގެން ސިއްހަތަށް ގެއްލުންވާން އެކްކުވެސް ނޭދޭނެކަން ޔަގީނެވެ.
ފުރާނަ ހުރި ކޮންމެ ޖަނަވާރެއްގައިވެސް އިންފެންޝަން ނުވަތަ ފަނި އަޅައިފާނެއެވެ. އެއީ ގުދުރަތީ ކަމެކެވެ. މާހައުލު ތަޢައްޔަރުވުމުގެ ސަބަބުން މިފަދަ ކަމެއް ދިމާވާނީ މަދު ފަހަރެއްގައެވެ. މަހުގައި މިފަދަ ފަނި އެޅުމަކީ މޭވާގައި ފަނި އެޅުން ފަދަ އާންމު ކަމެކެވެ. ބައެއް ފަންޏަކީ ކައްކައިގެން މަސް ކައިފި ނަމަ އެއްވެސް ވަރަކަށް ހަށިގަނޑަށް ގެއްލުން ނުވާނެ ފަދަ ފަންޏެވެ.
"މިކްސޮޒޯއަން" ކިޔާ ފަންޏަކީ ކޯރު ފެނުގަޔާއި، ލޮނު ފެނުގައި ދިރިއުޅޭ މަސްމަހާ މެހީގައިވެސް އަޅާ ފަންޏެކެވެ. އާންމުކޮށް މި ފަނި ފެންނާނީ މަހުގެ މަސްގަނޑުންނާއި، ސިކުނޑި އަދި ފިތް ( ގޯލްބްލެޑާ) އިންނެވެ. މިކްސޮޒޯއަންގައި ވެސް ބައިވަރު ވައްތަރުގެ ފަނި ހިމެނެއެވެ. މީގެއިން ބައެއް ވައްތަރުގެ ފަންޏަކީ އޭގެ ސަބަބުން މަސްތައް މަރުވެގެންދާހާ ނުރައްކާތެރި ފަންޏެކެވެ.
ލޮލަށް ނުފެންނަ ވަރުގެ ކުދި ފަނިތަކެއް ހުރެއްޖެނަމަ އެންމެ އެކަށީގެން ނުވިޔަސް ވިޔަފާރީގެ ގޮތުގައި އެ މަސްކިބަތައް ވިއްކިދާނެއެވެ. ނަމަވެސް ހުދު ކުލައިގެ ސިސްޓުތަކެއް ހުރުމުގެ ސަބަބުން އެ މަސްކިބަ ވިއްކަންވެސް އުނދަގޫވެ އެ ކާނި މީހަކުވެސް ނުވާނެއެވެ.
މަހުގައި އަޅާ ފަންޏެއް ކެވިއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
މަހުގައި އަޅާ ފަންޏެއް ކެވިއްޖެ ނަމަ މައްސަލަ ނިކުންނާނީ ރޮލާ އެމަސް ކެވިއްޖެ ނަމައެވެ. މިސާލަކަށް ބުނާނަމަ ކުޑަކޮށް ރޯފިލުވާލައިގެން ކާ ސުޝީ ނުވަތަ ސުޝިމީ ފަދަ އެއްޗެއް ކެވިއްޖެނަމަ މައްސަލަ ނިކުމެދާނެއެވެ.
ފަންޏެއް ނެތްނަމަވެސް ސުޝީ ފަދަ ރަނގަޅަށް ރޯނުފިލުވާ އެއްޗެއް ކެވިއްޖެ ނަމަ ބަނޑު ސަކަރާތްވެ ބަނޑަށް އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ.
ބައެއް ފަންޏަކީ އިންސާނާގެ ބަނޑުތެރޭގައިވާ މައްދާއެއްގެ ސަބަބުން މަރުވެދާނެ ފަދަ ފަންޏެވެ. ނަމަވެސް އަނެއްބައިވައްތަރުގެ ފަންޏަކީ ކޮންމެ ދިރޭ އެއްޗެއްގައި ފެތުރިގެންދާ ފަދަ ފަންޏެވެ. މީގެ ސަބަބުން އިންސާނާއަށް ތަފާތު އެތައް އުނދަގޫތަކެއް ކުރިމަތިވެއެވެ. ސިއްހީ ހާލަތު މަޑު މަޑުން ދަށްވެ މީހާ ބަލިކޮށްލައެވެ.
ދާދިފަހުން ސްޕޯޓްސް ފިޝިންގ ގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިޔަކު ވަނީ މިފަދަ ސިސްޓްތަކެއް ހުރި ކަންނެއްޔެއް ބާނާފައެވެ.