ބޮޑުކަންނެލީގެ މަސްވެރިންނަށް ޚާއްޞަކޮށްގެން ކަނދުފަތި އަޅައިފި ނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދިޔަ މަސްވެރިންގެ ފޯރަމްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިނަށް ޚާއްޞަކޮށްގެން ކަނދުފަތި އަޅައިފި ނަމަ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިންނަށް ކަނދުފަތިތަކެއް ޚާއްޞަކޮށްފިނަމަ ރާއްޖެއިން ބާނާ ކަންނެއްޔަށް ބޭރުގެ މާރކެޓުތަކުން ލިބޭ އަގު ދަށްވެގެންދާނެކަމަށެވެ.
ބޭރުގެ މާރކެޓްތަކުގައި ބޮޑު އަގު ލިބެނީ ކަނޑު ހިނގާ އައިން އައިނުން ބާނާ ކަންނެއްޔަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ.
"ބޮޑުކަންނެލީގެ މަސްވެރިންނަށް ޚާއްޞަކޮށްގެން ކަނދުފަތި އެޅުމަށް ވަރަށް ގިނައިން ރިކުއެސްޓް އާދޭ. މިކަމަކީ ރާއްޖޭން ބޭރުގައި ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަމަށް ނުރަނގަޅު އަސަރު ކޮށްފާނެކަމެއް. މިހާރުވެސް ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އޮތީ ރަތް ޒޯންގައި. މާނައަކީ ކަންނެލީގެ ސްޓޮކްގެ ހާލަތު ރަނގަޅެއް ނޫނޭ. ކަން މިހެން އޮތް އިރު ކަނދުފަތިކައިރިން ކަންނެލި ބޭނުން ހުއްދަކޮށްފިނަމަ ބޮޑުކަންނެލީގެ މަސްވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ." ޒިޔާދު ވިދާޅުވިއެވެ
ޒިޔާދު ވިދާޅުވީ، މިހާރު ދިވެހިރާއްޖެއިން ބޭރުކުރާ ބޮޑުކަންނެެއްޔަށް ބޮޑު އަގެއް ލިބޭކަމަށާއި އެ އަގު އެ ލިބެނީ ކަނދުފަތި ކައިރިން ބޮޑު ކަންނެލި ނުބާނާ ކަމުގެ ޔަޤީންކަން ރާއްޖެއިން މާރކެޓްތަކަށް ދެވޭތީކަމަށެވެ.
"މިދޭތެރެއިން ކަނދުފަތި ކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބައެއް ދޯނިފަހަރަށް ފިޔަވަޅުވެސް އަޅައިފިން. މިކަން ކުރާ އެއް ސަބަބަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކަނދުފަތީގައި ނުހިނގާކަން މާކެޓްތަކަށް ސާބިތުކޮށްދިނުން. މިކަން ނުކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް ބުނެވޭކަށް ނޯވޭ ދިވެހިރާއްޖޭގައި މި ބާނާ ބޮޑުކަންނެއްޔަކީ ފެޓް ފްރީ މަހެކޭ." ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ނެރެނަލް އާދަމް ޒިޔާދު ވިދާޅުވިއެވެ.