މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 541 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް މިފްކޯއަށް މުޅި ޖުމްލަ 35،203 މެޓްރިކް ޓަނުގެ މަސްވަނީ ކިރުވާފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް 541 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއް މަހެއްގައި އެންމެ ގިނަ މަސް މިފްކޯއަށް ކިރާފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެމަހުގެ ތެރޭގައި 6490 މެޓްރިކް ޓަނުގެ މަސްވަނީ ކިރާފައެވެ.
މިއަހަރަކީ މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސްކިރާނެ އަހަރުކަމަށް ވަނީ ލަފާކޮށްފައެވެ. ފާއިތުވެދިޔަ 2 އަހަރާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހުގެނިޔަލަށް މިފްކޯއަށް ކިރާފައިވާ މަހުގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.
2020ވަނަ އަހަރުގެ ޖރނުއަރީ މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް މިފްކޯއަށް ކިރާފައިވަނީ 49،392 މެޓްރިކް ޓަނުގެ މަހެވެ. އަދި އެއަހަރުގެ ތެރޭގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ޢަދަދަކީ 879 މިލިއަން ރުފިޔާއެވެ.
2019ވަނަ އަހަރަށް ބަލާއިރު އެއަހަރުގެ ތެރޭގައި 48،495 މެޓްރިކް ޓަނުގެ މަސްވަނީ ކިރާފައެވެ. އަދި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު އުޅެނީ 903 މިލިއަން ރުފިޔާގައެވެ.
ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ވަގުތުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ނުވަތަ ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ހަވާލުކުރުމެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ހަފްތާއަކު 1 ފަހަރު ފައިސާދެވޭގޮތައް މިހާރު ވާނީ ހަމަޖެހިފައިކަމަށްވެސް ފިޝަރީޒް އެމިނިސްޓްރީން ވިދާޅުވެއެވެ.