މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން 2018 އިން 2020 އަށް ކުރިއަށް ގެންގޮސްފައިވާ ސާމްޕްލިންގ ދަތުރުތަކުގައި ނަގައިފައިވާ މަޢުލޫމާތަށާއި އެހެނިހެން ގޮތްގޮތުން އެއްކުރެވިފައިވާ މަޢުލޫމާތަށް ބިނާކޮށް ރާއްޖެއިން މިހާތަނަށް ރިކޯޑުކުރެވިފައިވާ ފާނައިގެ ބާވަތްތަކުގެ ލިސްޓެއް ވަނީ އެކުލަވާލާގައެވެ.
މި ލިސްޓް ވަނީ ފާނަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންގެ ޖަދުވަލު 2 ގައި ހިމަނައިފައިވާނެއެވެ. މި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ބާނާފައިވާ ފާނައިގެ %90 ނިސްބަތްވަނީ 10 ބާވަތެއްގެ ފާނައަށެވެ. މިބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ބާނާފައިވަނީ މަސް ފާނައެވެ. އެއީ 22 އިންސައްތަ އެވެ. ދެވަނަ އަށް އެންމެ ގިނައިން ބާނާފައިވަނީ ގިނިމަސް ފާނައެވެ. އެއީ 20 އިންސައްތައެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ބާނާފައިވަނީ ބޯޅަ ޖެހި ފާނައެވެ. އެއީ 10 އިންސައްތައެވެ. މި ދިރާސާއިން ދައްކާ ގޮތުން 4 ވަނައަށް އެންމެ ގިނައިން ބާނާފައިވަނީ ކަނޑުހާލެވެ. އެއީ 9 އިންސައްތަ އެވެ.
މަސްވެރިކަން ކުރުމުގައި ބޮޑު އަގު ލިބޭ ވަކި ޚާއްޞަ ބާވަތްތަކަށް މަސްވެރިން އިސްކަންދިން ނަމަވެސް، ބާނާ މަހުގެ ބާވަތްތަކަށް ބަދަލު އައިސްފައިވާތީ އެކަމުން ދޭހަވަނީ، ފާނައިގެ އެކި ބާވަތްތަކުގެ އާބާދީއަށް ބަދަލުތަކެއް އައިސްފައިވާކަމެވެ. އާންމުކޮށް ބާނާ ފާނައިގެ ބާވަތްތަކުގެ އިތުރުން، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ޖިގު ބޭނުންކޮށްގެން ފުނުގައި އުޅޭ ފާނައިގެ ބާވަތްތައްވެސް ފަހަކަށް އައިސް
ބާނަމުންދާ ކަން ފާހަގަކުރެވިފައިވެއެވެ.