މަސްވެރިކަމާއި ގުޅޭ

Imadh

ޕޮލިސް ސާޖަންޓްކަން ދޫކޮށް ސްޕޯޓްސް ފިޝިންއަށް، މިހާރު އެއީ އިމާދުގެ ވިންދު

ކުޑައިރުވެސް މަސްވެރިކަމަށް ލޯބިކުރާ މުހައްމަދު ޢިމާދު ސްކޫލް ނިންމާފައި އުފަން ރަށް ދ. ކުޑަހުވަދޫއަށް ގޮސް ދޮއްޓަކާއި ރީލެއް ހިފައިގެން މަސްވެރިކަން ކުރަން އުޅުނީ، ކުރިމަގުގައި މިއީ އޭނާގެ ދިރިއުޅުމުގެ އެއްބައި ކަމަށް ވެދާނެ ކަމެއް ނޭނގި އެވެ. 2006 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް ގައި ވަޒީފާ އަދާ ކުރުމަށް ފަހު 2007 ވަނަ އަހަރު ޕޮލިސް ވަޒީފާއަށް ވަތް ނަމަވެސް ހުސް ވަގުތުގައި ކޮންމެވެސް ވަރަކަށް ޢިމާދު މަސްވެރިކަން ކުރި އެވެ.

ފޮލިހުގައި އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި 'ސާޖަންޓް މުހައްމަދު ޢިމާދު'، އެ މަގާމުގައި މަސައްކަތް ކުރި އިރު ޢިމާދު ވަނީ މ އަތޮޅާއި ދ އަތޮޅުގެ ސްޓޭޝަން ތަކުގައި އިންޗާޖެއްގެ ގޮތުން ވެސް މަސައްކަތް ކޮށްފައެވެ.

މީގެ ފަސް އަހަރު ކުރިން، ރަސްމީކޮށް ލޯންޗެއް ހޯދައިގެން ޢިމާދު މަސްވެރިކަން އިތުރު ހަރުފަތަކަށް ކުރިއަށް ޖައްސާލި އެވެ. 2016 ވަނަ އަހަރު ފުލުސް ވަޒީފާއިން ޢިމާދު ކެނޑުނީ، ދާއިރާއެއްގޮތަށް ސްޕޯޓްސް ފިޝިންއިން ކުރިއަށް ދާށެވެ.

ވަޒީފާއިން ކެނޑުނުއިރު އިމާދު ވަޒީފާ އަދާ ކުރަމުން ދިޔައީ ސެންޓަރަލް ޕޮލިސް ޑިވިޝަން (މ، ފ ދ) ގައެވެ. ފުލުސް ވަޒީފާގައި އުޅެމުން، މީހެއްގެ ފުރާނަ ސަލާމަތް ކުރުން ވެގެން ދިޔައީ ޢިިމާދަށް އެންމެ ހިތްހަމަޖެހުން ގެނުވި ކަމެވެ. ފަހުރުވެރިކަމާއެކު އެ މެޑަލް މާޒީގައި ރައްކާ ކުރަމުން އޭނާ އެއްކޮށް ސްޕޯޓްސް މަސްވެރިކަމަށް އެނބުރުނެވެ.

ރިސްކެއް ނަގައި، ވަޒީފާއިން ކެނޑުނީވެސް ސްޕޯޓްސް ފިޝިންގެ ދާއިރާއިން ކުރިއަށް ދެވޭތޯ އެވެ. މައިންބަފައިންނާ ބޭބެގެވެސް އެއްބާރުލުމާ އެކު، ސްޕޯޓްސް ފިޝިންއިން ކުރިއަށް ދާން ނިންމީ، ވަޒީފާއިން ކެނޑުމުން އާއިލާގެ އެއްވެސް ޕްރެޝަރެއް ނެތި އެވެ.

"އޭރު މާގިނަ މީހުނެއް ނުވެސް އުޅޭ ރާއްޖޭގަ، ސްޕޯޓްސް ފިޝިންގެ ތެރޭގައެއް. ދެތިން މީހަކު އުޅޭނީ. އެހެންވެ އެގޮތަށް ފެށިގެން އައިއިރު ހިއެއް ނުކުރަން މިކަން މިހާ ފުޅާ ވާނެ ކަމަކަށް" މިހާރު ފަތުރުވެރިން ސްޕޯޓްސް ފިޝިންއަށް ގެންދިއުމުގައި އަވަދިނެތި އުޅޭ ޢިމާދު ކިޔައިދިނެވެ.

އަމިއްލައަށް ސާމާނު ހޯދައިގެން ސްޕޯޓްސް ފިޝިން ފެށި ޢިމާދުގެ ހިތްވަރާއެކު ކޮޅަށް ޖެހުނު މި މަސައްކަތް އޭނާގެ ކައިރިން މި މަސައްކަތް ދަސްކުރަން މިހާރު ބައެއް މީހުން ކުޑަހުވަދޫއަށް ވެސް ދެއެވެ.

ޢިމާދު މަސައްކަތް ފަށައިގެން ކުރިއަށް ދިޔަ ވަރަކަށް ސޯޝަލް މީޑީޔާގައި އޭނާގެ މަސައްކަތް ދިޔައީ ހިއްސާ ކުރަމުންނެވެ. އެހެންކަމަށް ވުމާއެކު ބައެއް ފަރާތްތަކަށް އޭނާގެ މަސައްކަތް ފެނި، މާކެޓް ކުރުމުގައި އެހީވެދިނެވެ.

ސްޕޯޓްސް ފިޝިންއަށް އެއްކޮށް ހުސްވެގެން އެ މަސައްކަތް ފެށި ފުރަތަމަ ދެ އަހަރު ޢިމާދު ސިފަކުރީ 'ވަރަށް ދަށްކޮށް' ދިޔަ ދުވަސްތަކެއްގެ ގޮތުގަ އެވެ.

ނަމަވެސް އޭގެ ފަހުން، ކޮވިޑް-19 ގެ ބަލިމަޑުކަން އައުމާ ހަމައަށް ސްޕޯޓްސް ފިޝިންއިން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބުނެވެ. އެހެން ހުރިހާ ކަމެކޭ އެއްގޮތަށް ޢިމާދުގެ މަސައްކަތަށް ވެސް ކޮވިޑްގެ އަނދިރި ހިޔަނި އެޅުމުން އޭރު މާލީގޮތުން ދަތިވިއެވެ. ނަމަވެސް އަލުން ބަލުން ފަށައި، މިހާރު އަނެއްކާވެސް މަސައްކަތް މަޑުމަޑުން ކޮޅަށް ޖެހޭކަމަށް އޭނާ ބުންޏެވެ.

ޢިމާދު މިހާރު މަސައްކަތް ކުރަނީ އެރަށަށް ދާ ގްރޫޕްތަކާއި ކައިރި ރިސޯޓްތަކަށް ދާ ފަތުރުވެރިން ގޮވައިގެން ސްޕޯޓްސް ފިޝިންއަށް ގޮސްގެންނެވެ.

ސަލާމަތީ ކަންކަން ފުރިހަމަކޮށްގެން މި މަސައްކަތް ކުރާ ޢިމާދުއަށް ގޮންޖެހުމަކީ، ސްޕޯޓްސް ފިޝިންއަށް ދިއުމަށް ބައެއް ފަހަރު ރިސޯޓްތަކުން ފަތުރުވެރިން ދޫ ނުކުރާތީއާއި މިޔަރުގެ އުނދަގޫ އިންތިހާއަށް ބޮޑުވާާތީ އެވެ. ޢިމާދު ބުނާގޮތުން އިތުރު ކަމެއް ބޮޑު ގޮންޖެހުމަކަށް އޭނާއަކަށް ކުރިމައްޗެއް ނުވެ އެވެ.

ޢިމާދުއާއެކު ސްޕޯޓްސް ފިޝިންއަށް ދާން ގްރޫޕެއް އެރަށަށް ދިއުމުން އިމާދު މުޅި ދުވަސް ހުސްކުރަނީ އެކަމަށެވެ. އެގޮތުން ފަތިހު 4:30 ގައި އޭނާ ދުވަސް ފަށައެވެ. އަދި އިރުއޮއްސި، ފަތުރުވެރިން ނިދަންދެން އެމީހުނާއެކު ވަގުތު ހޭދަ ކުރާ ކަމަށް ޢިމާދު ބުންޏެވެ.

ޢިމާދުގެ މަސައްކަތް އޭނާގެ އިންސްޓަރގްރާމުން ފެނުމުން އެކަމަށް ޝައިގުވެރިވާ މީހުން މެސެޖު ކުރާކަމަށް އޭނާ ބުންޏެވެ. އަދި އެއްޗެހި އޮޅުން ފިލުވަން ބޭނުންވެގެން އަހާ އެންމެނަށް، އޭނާއަށް ވީ ވަރަކުން އެއްޗެހި ކިޔައިވެސް ދެއެވެ. އޭނާ ބުނީ އެކަން ދަސްކުރަން ބަޔަކު އެރަށަށް ވެސް ދިޔަ ކަމަށެވެ.

ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިވާ ކުދިންނަށް ޢިމާދުގެ ނަސޭހަތަކީ، ޝައުގުވެރި ކަމާއެކު ސްޕޯޓްސް ފިޝިންގައި އުޅެން ބޭނުންނަމަ މި ދާއިރާއިން ކުރިއަށް ދެވޭނެ ކަމަށެވެ.

ޢިމާދުގެ އުންމީދަކީ ރާއްޖޭގެ ސްޕޯޓްސް ފިޝިން ކޮމިއުނިޓީ ބޮޑުވެ، ރަނގަޅު ގޮތުގައި މި މަސައްކަތް ކުރާ މީހުން މިހާރަށްވުރެ އިތުރުވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!