މަސްވެރިކަމާއި ގުޅޭ

aaaaa

ރިސޯޓެއްގައި ހުރި ޒުވާން މަސްވެރިޔާގެ ފޮޓޯއަށް ފަތުރުވެރިންގެ ޝައުގުވެރިކަން

ކޮންސްޓަންޓް ހަލަވެލި ރިސޯޓްގެ ބުފޭގައި ބަހައްޓާފައި ހުރި 'ޒުވާން މަސްވެރިޔާ' ހަސަން ސާޖިންގެ ފޮޓޯއަކަށް ފަތުރުވެރިންގެ ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ،

ހަލަވެލި ރިސޯޓުގެ ޕޭސްޓްރީ ޝެފް، އަހުމަދު ޖަބީން މި ނޫހަށް ކިޔައިދިން ގޮތުގައި، އޭނާ އެ ކުރެހުން ބެހެއްޓީ ދެތިން ކުރެހުމެއްގެ ތެރެއިން ކަމަށެވެ. އަދި އެއީ އާ އަހަރުގެ ތީމް 'މޯލްޑިވިއަން' އަށް ހާއްސަކޮށްގެން  ބުފޭގައި ބެހެއްޓި ކުރެހުން ތަކުގެ ތެރެއިން ކުރެހުމެއް ކަމަށް އޭނާ ބުންޏެވެ.

ދިވެހިންގެ ދިރިއުޅުމުގެ އެކި ކަންކަން ފަތުރުވެރިންނަށް ކިޔައިދިނުމަށްޓަކައި މޯލްޑިވިއަން ތީމާ ބެހޭ މައުލޫމާތު ފަތުރުވެރިންނަށް ދިން އިރު، ޒުވާން މަސްވެރިޔާގެ ކުރެހުމެއް ބެހެއްޓީ، ރާއްޖޭގެ މަސްވެރިކަމުގެ ތެރޭގައި އުޅޭ ޒުވާނުންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށް ކަމަށް ޖަބީން ބުންޏެވެ،

އަދި ޒުވާން މަސްވެރިޔާގެ ފޮޓޯއާ ބެހޭގޮތުން ފަތުރުވެރިން ވަރަށް ގިނަ ސުވާލުތައް ކޮށް، މައުލޫމާތު އޮޅުންފިލުވި ކަމަށް ޖަބީން ބުންޏެވެ.

"ގެސްޓުންވެސް ވަރަށް ހިތްހަމަ ޖެހިފަ ތިބީ. ވަރަށް ބައިވަރު ފޮޓޯތައްވެސް ނެގި"

ޖަބީން ބުނީ އޭނާއަށް ކުރެވުނު މަސައްކަތާ، ކުރެވުނު ޑެކޮރޭޝަންއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އުޅުނު ނަމަވެސް، އެ ދާއިރާއަށް ވުރެ ބޮޑަށް މަސްވެރިކަމަށް އަހައްމިއްޔަތުކަން ދޭންޖެހޭކަން ގަބޫލު ކުރާކަމަށް ޖަބީން ބުންޏެވެ.

"ޓޫރިޒަމަށްވުރެ ވެސް ބޮޑަށް މަސްވެރިކަމަށް އެއްބާރުލުން ދޭން ޖެހޭ، ޖަބީންއާއެކު ޓޫރިޒަމްގަ ވޯކް ކުރި ކުދިން، އެބަހުރި މަސްވެރިކަމަށް ވެސް ގޮސްފަ. އަސްލު އިތުރަށް އެއްބާރުލުން ދޭންވީ މަސްވެރިކަން ކުރިއަރުވަން"

މަސްވެރިކަން ކުރިއަރުވަންވީ، އެކަމުގެ ސަބަބުން ފަތުރުވެރި ކަމަށް ވެސް ފައިދާތަކެއް ކުރާނެތީ ކަމަށް ޖަބީން ބުންޏެވެ.

އެގޮތުން، ފަތުރުވެރިކަގެ ދާއިރާގައި 14 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، ރިސޯޓަށް ތާޒާ މަސް ލިބުން އަދިވެއް އުނދަގޫ ކަމަށް ޖަބީން ބުންޏެވެ. ތާޒާ މަސް ފަތުރުވެރިންނަށް މުހިންމު ވާއިރު، މަސް ގަނޑުކޮށްގެން ގެންދަން ޖެހޭތީ ޖަބީން ކަންބޮޑުވުން ފާޅުކުރިއެވެ.

ޖަބީން ބުނީ، ރާއްޖެއިން ކަނޑުމަސް ތާޒާ ކަމާއެކު ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ވަނީ ޖޯކަކަށް ކަމަށެވެ.

ފަތުރުވެރިން މަސްވެރިކަމާ ބެހޭގޮތުން ވަރަށް ގިނައިން ސުވާލު ކުރާކަން ފާހަގަކޮށް ޖަބީން ބުނީ މަސްވެރިކަމާ ބެހޭގޮތުން ފަތުރުވެރިން ގިނައިން ކިޔައިދިން ވަރަކަށް އެމީހުން ހިތްހަމަޖެހޭ ކަމަށެވެ.

އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ބަލާއިރުވެސް މަސްވެރިކަން ދިރުވާ އާލާވާ ވަރަކަށް ފަތުރުވެރިކަމަށް ލިބޭނީ އިތުރު ކުރިއެރުމެއް ކަމަށް ޖަބީން ބުންޏެވެ.

އެހެންކަމުން މަތީ ތައުލީމު ހާސިލު ކޮއްގެން ތިބި މީހުން ވެސް މަސްވެރިކަމަށް ނުކުތުމަށް ޖަބީން އެދެއެވެ.

އަދި ރާއްޖޭގެ ބޯޑަރުގެ ތެރޭގައި ވީހާވެސް ދުރަށް މަސްވެރިކަމުގައި ގޮސް، އައިސް ޕްލާންޓްތައް ދޯނިތަކުގައި ގާއިމު ކުރެވި، މަސްވެރިކަން ކުރިއަރާ ދުވަހެއް ދެކެން ބޭނުން ކަމަށް ޖަބީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!