މަސްވެރިކަމާއި ގުޅޭ

Fahd

ހުސްވަގުތު މޫދުގައި ހޭދަކުރާ ފަހުދުގެ މިސްރާބު އާ ރިކޯޑަކާ ދިމާއަށް

ބޭސިކް ފްރީ ޑައިވިން ކޯހާ ހިސާބުން ފެށިގެން އިންސްޓްރަކްޓާ ލެވެލްއަށް ކިޔަވައިދޭ 'ފްރީ ޑައިވް މޯލްޑިވްސް' އަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި ޕެޑީ ފްރީ ޑައިވިން އިންސްޓަރަކްޓަރ ސެންޓަރެވެ.

ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޕްރޮޖެކްޓް އޮފިސަރެއްގެ ވަޒީފާ އަދާކުރައްވަމުން ފަހުދު ފާއިޒް ފްރީ ޑައިިވިންގެ ކަންކަން ކުރިއަށް ގެންދަނީ ހަފްތާ ބަންދުތަކުގައާއި ޗުއްޓީ ދުވަސްތަކުގައެވެ.

ފަހުދު ވިދާޅުވި ގޮތުގައި، މިކަމުގެ ތެރެއަށް ވަދެވުނީ، ރައްޓެހިންނާއެކު މޫދަށް އެރުމުގެ ތެރޭގައި، އެކަކަށް ވުރެ އަޑިއަށް އަނެކަކަށް ދެވޭތޯ ބަލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެގޮތަށް މަސައްކަތް ކުރަމުން ގޮސް، ތަންކޮޅެއް އަޑިއަށް ދާން ބޭނުންވެގެން، އެގޮތަށް ކަން ވާނީ ކިހިނެއްތޯ އޮންލައިންކޮށް ބެލިއިރު، ފްރީ ޑައިވިން އަކީ ކުޅިވަރެއްގެ ގޮތުގައި ދުނިޔޭގައި ވަރަށް މަޝްހޫރު ކުޅިވަރެއް ކަމާއި ސަރަހައްދީ އަދި އިންޓަނޭޝަނަލް ފެންވަރުގައި ވެސް ބައިވަރު މުބާރާތްތައް ބާއްވާކަން ފަހުދަށް އެނގިގެން ދިޔައެވެ.

އޭރު ރާއްޖޭގައި ފްރީ ޑައިވިން ކިޔަވައިގެން އިންސްޓަރަކްޓަރ ލެވެލްގައި ހުރި ދިވެއްސެއް ނެތެވެ. ފްރީ ޑައިވިން ސެންޓަރެއް ވެސް ނެތެވެ. ހީވާގޮތުން އޭރު ރާއްޖޭގައި ފްރީ ޑައިވިން އިންސްޓްރަކްޓަރެއް ހުރީ ވެސް އެންމެ ރިސޯޓެއްގައެވެ.

އެހެންކަމުން، މިކަން ކުރަން ވެއްޖެއޭ ހިތައި ފަހުދުގެ މަސައްކަތް ފަށައިގަތެވެ. އެގޮތުން، ރާއްޖެއިން ބޭރަށް ގޮސް ފްރީ ޑައިވިން ދަސްކުރުމަށް ފަހު ބޭރުގެ މުބާރާތެއްގައި ވާދަ ކުރުމަށްފަހު ރާއްޖެ އައިސްފައި އެހެން މީހުނަށް ފްރީ ޑައިވިން ދަސްކޮށްދޭން ފަހުދު ބޭނުންވީއެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ގައުމަކަށް ވެފައި، ގިނަ ދިވެހިން މޫދާ ރައްޓެހިވުމުން، ފަހުދު ވެގެން ދިޔަވީ ވަރަށް ވަރުގަދަ ކެންޑިޑޭޓަކަށެވެ.

އަލަށް ބައިވެރިވާ މީހުންގެ ތެރެއިން ފަހުދު ގައިގައި ބޭސިކް ފަންޑަމެންޓަލް ހުރިލެއް ރަނގަޅުކަން ފާހަގަ ވެގެން ދިޔައެވެ.

އޭގެފަހުން ރާއްޖެ އެނބުރި އައިސް، ސަރުކާރުގެ އެހީތެރިކަމާއެކު ވަރަށް ފަސޭހައިން ޑައިވިން ސެންޓަރެއް ފަހުދަށް ރާއްޖޭގައި ހެދުނެވެ.

ފްރީ ޑައިވް މޯލްޑިވްސް އަކީ އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވުނު ލޯކަލް ފްރީ ޑައިވިން ސެންޓަރެވެ. 2014 ވަނަ އަހަރު ހުޅުވި، މިއަދާ ހަމައަށް ވެސް އެތަން ދަނީ ހިންގަމުންނެވެ.

ފްރީ ޑައިވިން ދަސްކުރަން ބޭނުންވާ ކުދިންނަށް ފްރީ ޑައިވިން ދަސްކޮށްދިނުމާއި މޫދުގެ ސޭފްޓީ ކަންތައްތަކަށް އަހުލުވެރި ކުރުވުމުގެ އިތުރުން ޕްލާސްޓިކު މޫދަށް އެޅުން ރައްކާތެރި ކުރެވިފައިވާ، ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމަކީ އެ ސެންޓަރުގެ އަމާޒެވެ.

ފްރީ ޑައިވް މޯލްޑިވްސްގެ ބޭސް ސެންޓަރު މާލޭގައި ހިންގަމުން ދާއިރު، އެކި ރައްރަށުގައި ފްރީ ޑައިވިން ކިޔަވަން ބޭނުން ކުދިން ތިބިނަމަ އެ ރަށްރަށަށް ގޮސްވެސް ކޯސް ހިންގާކަމަށް ފަހުދު ވިދާޅުވިއެވެ. މީގެ އިތުރުން ރިސޯޓްތަކުގައި ވެސް ފްރީ ޑައިވް މޯލްޑިވްސް އިން ކޯސް ހިންގައެވެ.

ފްރީ ޑައިވިން ކިޔަވައިދިނުމުގައި އުނދަގޫ ކަމަކަށް ކުރިމަތިވަނީ، ކިޔަވައިދޭން ޕޫލް ނެތުމެވެ. ފްރީ ޑައިވިން ކޯހުގެ ބޮޑު ތަމްރީނުތަކެއްް ޕޫލެއްގައި ނަގައިދޭން ޖެހޭއިރު، އެބައިތައް މިހާރު ނަގައިދެނީ ރަސްފަންނުގައި ނުވަތަ ސުއިމިން ޓްރެކް ނޫނީ އާޓިފިޝަލް ބީޗް ގައި ކަން ފަހުދު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެއީ ފްރީ ޑައިވިން ރާއްޖޭގައި އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ ހުރަހެއް ކަމަށް ފަހުދު ވިދާޅުވިއެވެ.

އެ ގޮންޖެހުން ނައްތާލެވިއްޖެނަމަ، ރާއްޖޭގައި ފްރީ ޑައިވިންގެ މުބާރާތްތައް ބޭއްވުން ވެސް ވަރަށް ގާތް ވާނެ ކަމަށް ފަހުދު ވިިދާޅުވިއެވެ.

2019 ވަނަ އަހަރު ރާއްޖޭގައި ޓޫރިޒަމް ދުވަސް ފާހަގަ ކުރި އިރު، ބޭއްވި "ނޭވާ" ހަރަކާތުގައި އިޓަލީގެ ވޯލްޑް ރެކޯޑް މުގުރާލައި ފްރީ ޑައިވިންގައި ރާއްޖެއިން ރެކޯޑެއް ވަނީ ހަދާފައެވެ.

މި އަހަރު "ނޭވާ"ގެ ރިކޯޑުގެ އިތުރު ހަރުފަތެއް ގިރާ ކުރުމަށް މަސައްކަތް ކުރަމުން ދެއެވެ. އެއީ މި އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ބައިނަލް އަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އަދި ރާއްޖޭގެ ފަތުރުވެރި ކަމަށް 50 އަހަރު ވުމާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

އާ ރެކޯޑެއް ހެދުމަށް ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ދާއިރު، ބައިވެރިވާ އެންމެން ވެސް ދެ މިނިޓް ވަންދެން މޫދުގައި ނޭވާ ހިފަހައްޓަގެން އޮންނަން ޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!