މަސްވެރިކަމާއި ގުޅޭ

Uligan

1990ގެ އަހަރުތަކުގައި މަސްވެރިން ގިނަ އުލިގަމުން މިހާރު އެ ތަސްވީރު ފަނޑު

1990ގެ އަހަރުތަކުގައި މަސްވެރިން ގިނަ ހއ. އުލިގަމުން މިހާރު އެ ތަސްވީރު ފަނޑުވެގެން ގޮސްފިއެވެ.

546 މީހުންގެ އާބާދިއެއް އޮންނަ އުލިގަމަކީ ތަންކޮޅެއް ކުރިން ވަރަށް ގިނަ މަސްވެރިން އުޅުނު ރަށެއް ނަމަވެސް މިހާރު ސީދާ މަހަށްދާ މަސްވެރިން ތަންކޮޅެއް މަދުވާނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދު ވިދާޅުވިއެވެ.

މަސްވެރިކަމަށް ހާއްސަ ދޯންޏެއް ނެތް ނަމަވެސް އެރަށަށް ނިސްބަތްވާ ކަންނެލި ދެ ދޯނި އެބަ އޮތް ކަމަށް މުއާޒް ވިދާޅުވިއެވެ. އެ ދޯނިތަކުގައި ގިނައިން މަސައްކަތް ކުރަނީ ރަށުން ބޭރު މީހުނެވެ. އަދި އުލިގަމަށް ނިސްބަވްތާ ބައެއް މަސްވެރިން، ތުރާކުނު ނުވަތަ އިހަވަންދޫ ދޯނިތަކުން މަހަށް ދެއެވެ. ނަމަވެސް އާބާދީ މަދުވުމާއި، ރަށު ވަޒީފާގައި ގިނަމީހުން އުޅޭތީ، ކުރިއާ އަޅައި ބަލާއިރު މިހާރު މަސްވެރިކަމުގައި އުޅޭ މީހުން އެރަށުގައި މަދެވެ.

ހއ އުލިގަމު ބަނދަރު - ފޮޓޯ: މުއާޒް

"ސަރުކާރުގެ މުއައްސަސާތަކުގައި ގިނަ މީހުން އުޅެނީ. ޒުވާނުންގެ ގިނަ އަދަދެއް އުޅެނީ ރަށުގައި އަދާކުރާ ވަޒީފާތަކުގައި، ދެން ތިބި މީހުން ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާ ކުރަނީ. ހީވާގޮތުން މުސާރައަށް ބެލުމަށްފަހު އެ ދާއިރާއިން ކުރިއަށް ދަނީ،" މުއާޒަ ވިދާޅުވިއެވެ.

އުލިގަމުގައި މަސްވެރިކަން ކުރަނީ މޫސުމީ ކަމެއް ގޮތުގައެވެ. މަސްވެރިކަން ރަނގަޅުއިރު ރާއްޖޭގެ އެކި ސަރަހައްދުން އެ ހިސާބަށް ދޯނިތައް ދަތުރު ކުރާކަމަށް މުއާޒް ފާހަގަ ކުރެއްވިއެވެ.

އެ ދުވަސްވަރު އުލިގަން ސަރަހައްދުގައި ތޮށިން ބޭރުގައި ގިނަ ދޯނިތައް މަޑުކުރެއެވެ. އެއީ ދެކުނާއި އަދި އެކި ހިސާބުތަކުން އެ ސަރަހައްދަށް ދާ އުޅަނދުފަހަރެވެ.

އުލިގަމުގައި ކޮންމެވެސް ވަރަަކަށް ރިހާކުރު ކެއްކުންވެސް ކުރިއަށް ދެއެވެ. ނަމަވެސް އުލިގަމަކީ ސީދާ މަސްވެރި ރަށެއް ކަމަށް ނުވާތީ، މީހުން ރިހާކުރު ކައްކަނީ އެހެން ހިސާބުތަކުގެ ދޯނިތަކުން މަސް ގަނެގެންނެވެ. ކައްކާ ރިހާކުރު ހަމައެކަނި ރަށަށް ވިއްކަނީ، އެވަރަށް ރިހާކުރު ނުކެއްކޭތީ ކަމަށް މުއާޒު ވިދާޅުވިއެވެ.

ސީދާ މަސްވެރިކަން ކުރުމުގެ އަމާޒުގައި، އެރަށުގައި ޒުވާނުން މަސްވެރިކަމެއް ނުކުރެއެވެ. ނަމަވެސް ހުޅަނގު މޫސުމުގައި ކޮންމެވެސް ވަރަކަށް ފަރުމަހުގެ މަސްވެރިކަން ކުރެއެވެ.

ހއ އުލިގަމުގައި ފަރުމަހަށްދާ މަސްވެރިން - ފޮޓޯ: ޕީއެސްއެމް

އެގޮތުން ހުޅަނގު މޫސުމުގައި ހިބަރު ބާނައިގެން އިހަވަންދޫ އަށް ވިއްކާ ކަމަށް މުއާޒު ވިދާޅުވިއެވެ.

އުލިގަމަކީ މަސްވެރިން ނެތް ރަށެކޭ ނުބުނެވޭނެކަން ފާހަގަ ކުރަމުން މުއާޒް ވިދާޅުވީ މީގެ ކުރިން، ފިރިހެނުން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށެވެ. ނަމަވެސް ޒަމާނާ އެއްގޮތަށް އެކަން ބަދަލުވީ ކަމަށެވެ.

މީގެ ކުރިން އުލިގަމުގައި މަސް ކައްކައިގެން ވަޅޯމަހާއި ހިކި ކަނޑުމަހުގެ ގޮތުގައި މާލެ ވެސް ފޮނުވިއެވެ. އެކަމު މިހާރު ސީދާ މަސްވެރިކަމަށް ހުސްވެގެން އާމްދަނީ ހޯދާ މީހުން މަދުވުމުން އެފަދަ ކަންކަން ނުކުރެވެނީއެވެ.

އިތުރަށް ކިޔާލުމަށް: މޮޅަދޫގައި އާމްދަނީ ހޯދަން މަސްވެރިކަމެއް ނުކުރޭ، އުޅަނދެއްވެސް ނެތް | Masverin

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!