މަސްވެރިކަމާއި ގުޅޭ

ހދ. ކުޅުދުއްފުށި - ފޮޓޯ: މިހާޒް

މަސް ވިއްކޭނެ އިންތިޒާމް ނެތުމަކީ ކުޅުދުއްފުށީ މަސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން

ހދ. ކުޅުދުއްފުށީގައި މަސްވެރިކަމަށް ދާ އުޅަނދުތައް ފުރަނީ އާއްމުކޮށް ދަންވަރުގެ ވަގުތުގައެވެ. އަދި އެނބުރި އަންނަނީ އަނެއް ދުވަހުގެ މެންދުރުގައެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް މި ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ، އެރަށުގެ ދޯނިތަކުން މަސް ބާނަނީ އެރަށަށް ބޭނުންވާ ވަރަށް ކަމަށެވެ. އެރަށުގެ މީހުން ކެއުމާއި ވިއްކުމަށް ބޭނުންވާ ވަރަށެވެ.

ކުޅުދުއްފުށީގައި ވަދު މަސްވެރިކަމާއި ކަނޑުމަހާއި ކަންނެލި އަދި ފަރުމަހުގެ މަސްވެރިކަން ވެސް ކުރެއެވެ. އެންމެ ގިނައީ ވަދާދާ ކުދި ޑިންގީތަކެވެ. އެއީ ހިބަރާއި ކުރުމަހުގެ މަސްވެރިކަން ކުރުމަށެވެ.

އެކި ކަހަލަ މަސްވެރިކަން ކުރާ ކުޅުދުއްފުށީގައި ފަރުމަހުގެ މަސްވެރިކަން ކުރާ މީހުނަށް މާކެޓް ހޯދުމަކީ އުނދަގޫކަމެއް ކަމަށް އާތިފް ވިދާޅުވިއެވެ. ސަބަބަކީ ހދ އަތޮޅަކީ އަދި މިހާތަނަށް ފަތުރުވެރިކަން ތައާރަފް ވެފައިނުވާ އަތޮޅަކަށް ވުމުން، ފަރުމަހުގެ މަސްވެރިކަމަށް މާކެޓް ކުޑައީއެވެ. އެހެންކަމުން އެރަށު މީހުން ހުރިހާ މަހެއްވެސް ވިއްކަނީ އެރަށަށެވެ.

ހދ. ގައި އެއްވެސް ރިސޯޓެއް ނެތް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވީއިރު އެ އަތޮޅަށް އަދި ފަތުރުވެރިކަން ނުދާކަމަށް އާތިފް ވިދާޅުވިއެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދެ ދޯނި ކުޅުދުއްފުށީގައި އޮންނައިރު، ކަނޑުމަހުގެ މަސްވެރިކަން ކުރާ ހަތް ދޯނި އަދި ވަދާ ދާ ދޯނިތަކާއި ފަރުމަހުގެ މަސްވެރިކަން ކުރާ 43 އުޅަނދު ކުޅުދުއްފުށީގައި އޮންނަ ކަމަށް އާތިފް ވިދާޅުވިއެވެ.

ހއ. އަދި ހދ. އަތޮޅުގައިވެސް މަސް ކިރާނެ ވަސީލަތްތަކެއް ނުހުރެއެވެ. ރާއްޖޭގެ އުތުރުގައި އާންމުކޮށް ކަނޑުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ މަސް މިފްކޯގެ ބޯޓުފަހަރުތަކަށް ކިރައެވެ. މިއީވެސް ވަރަށް މަދުން ލިބޭ ފުރުސަތުތަކެކެވެ. އުތުރުގެ މަސްވެރިންނަށް މިވަގުތު މަސްކިރުމަށް ހުރި ހަމައެކަނި ތަނަކީ ޅ. އަތޮޅު މިފްކޯގެ ފެލިވަރު މަސްކާރުޚާނާއެވެ.

އެހެން ސަރަހައްދުތަކުގެ ދޯނިތައް ކޮންމެވެސް ވަރަކަށް އެރަށާ ކައިރިކުރާ ކަމަށާއި، މަސް ވިއްކާ ދޯނިފަހަރު ވެސް އެރަށުގައި ބަނދަރު ކުރާކަމަށް އާތިފް ވިދާޅުވިއެވެ.

"ތަންކޮޅެއް ދުރު ހިސާބުތަކުގެ ދޯނިތައް ވެސް މި ރަށަށް ވަންނާނެ ބައެއް ކަހަލަ ކަންކަމުގަ. ވިޔަފާރި ކުރާށާ، ދޯންޏަށް ބޭނުންވާ ކާބޯތަކެތި ހޯދުމަށް ވެސް"

ކުޅުދުއްފުށީގައި އަދި އައިސްޕްލާންޓެއް ނެތެވެ. ނަމަވެސް އެރަށުގައި އައިސްޕްލާންޓެއް އެޅުމަށް ފެނަކައާއެކު މަސައްކަތް ކުރަމުން ދާކަމަށް އާތިފް ވިދާޅުވިއެވެ. މިދިޔަ އަހަރު އެކަމުގެ އެއްބަސްވުމަކަށް އާދެވިފައި ވާއިރު، އެކަމުގެ އަމަލީ މަސައްކަތް އަދި ނުފެށެއެވެ.

އާތިފް ވިދާޅުވީ، އައިސްޕްލާންޓަށް ބޭނުންވާ ބިން ކައުންސިލްގެ ފަރާތުން ކަނޑައަޅާފައި ވާކަމަށެވެ. އައިސްޕްލާންޓް އެޅުމަށް ހަރަދު ކުރާނީ ފެނަކައިންނެވެ. އައިސްޕްލާންޓް އޮޕަރޭޓް ކުރާނީވެސް ފެނަކައިންނެވެ.

އެރަށުގައި މަސް ކިރުމުގެ ނިޒާމުތައް މަދުކަމަށް ވުމާއެކު، މަސް ކިރުމަށް މަހަށް ދާ ދޯނިތައް މަދެވެ.

މީގެ ކުރިން ކުޅުދުއްފުށީގައި ތަފާތު މަސްވެރިކަމަށް ކުރީ، އެކަމަކަށް އެރަށުގެ އިގްތިސޯދު ބިނާވެފައި އޮތް، މިޔަރުގެ މަސްވެރިކަމެވެ. ނަމަވެސް މިޔަރުގެ މަސްވެރިކަން މަނާކުރި ހިސާބުން ކުޅުދުއްފުށީގައި އެކަން ހުއްޓާލީއެވެ. އޭގެ ނޭދެވޭ އަސަރު އެރަށުގެ މަސްވެރިކަމުން ފެނުނު ކަމަށް އާތިފް ވިދާޅުވިއެވެ. އާއްމު ހާލަތުވެސް އޭރު ދަށަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުގެ ޒުވާނުންވެސް މަޑުމަޑުން މަސްވެރިކަމަށް ނުކުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިިލްގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައިވެސް، ޒުވާނުން މަސްވެރިކަމަށް ނުކުތުން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަން ރާވާފައި ވާނެކަމަށް އާތިފް ވިދާޅުވިއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!