މަސްވެރިކަމާއި ގުޅޭ

Anna

ކަނޑުއަޑި ރަނގަޅަށް ބަލައިލުމުން، ހިމާޔަތް ކުރަން މިއުޅެނީ ކޮންފަދަ ޒީނަތްތެރި ތަނެއްކަން އެނގޭނެ!

ޑައިވިންގެ ކޯސް ޑައިރެކްޓަރުން އިންސްޓްރަކްޓާ ޓްރެއިނަރެއް ކަމުގައިވާ ޑރ ޝަމްޢާ އަބްދުلله ޙަމީދް (އަންނަ) އެންމެ ކުޑައިރުން ފެށިގެން މޫދާ ވަރަށް ދޯޅެވެ.

ޑައިވިން އާއިލާއަކަށް ނިސްބަތްވާ އަންނަ، އާއިލާތެރެއިން ޝައުވެރިކަން އުފެދި، މިހާރު ޑައިވިނާއި ކަނޑުފަޅުގެ ރައްކާތެރި ކަމަށް ޓަކައި މަސައްކަތް ކުރެއެވެ.

އަބަދުވެސް މޫދަށް އެރި، ޑައިވިން ކުރުމުގައި އުޅޭ އަންނަ، އާމްދަނީ ހޯދުމަށް މި މަސައްކަތް ކުރާތާ 25 ވަރަކަށް އަހަރު ވެދާނެ ކަމަށް އޭނާ ބުންޏެވެ. ކުޑައިރުން ފެށިގެން ވެސް އާއްމުކޮށް މޫދަށް އެރި އުޅޭ އަންނަ ބުނާ ގޮތުގައި އެއީ ދިރިއުޅުމެ އެއްބައެވެ.

ޓޫރިޒަމް އިންޑަސްޓްރީވެސް މަސްވެރިކަން ވެސް އެންމެ ބޮޑަށް ބަރޯސާވާ އެއްކަމަކީ ކަނޑުފަޅުތަކާއި އެތަނުގެ ދިރުންތައް ކަމަށްވާއިރު، އެ ދެ ސިނާއަތު ކުރިއެރުވުމަށް ވެސް ކަނޑުފަޅު ހިމާޔަތް ކޮށް، އެ ތަންތަން ގުދުރަތީ ރިތިކަމުގައި ބަހައްޓަން މުހިންމުކަމަށް އަންނަ ބުންޏެވެ.

އަހަރެމެން ދިވެހިންނަށް ލިބޭ މަންފާއާއި ފާއިދާ ލިބެން ހުންނާނީ ކަނޑުފަޅު ހިމާޔަތް ކުރެވިގެން ކަމަށް އަންނަ ބުނެއެވެ.

އަންނަ ބުނި ގޮތުގައި، ރާއްޖޭގެ ކަނޑުފަޅު ހިމާޔަތް ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެއެވެ. ނަމަވެސް ކޮންމެ ތަނެއްގައިވެސް ކަންކަން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި، އެގޮތުން، ރާއްޖޭގައިވެސް ކުރަންވާ ހުރިހާ ކަމެއް އަދި ނުކުރެވޭ ކަމަށް އަންނަ ބުންޏެވެ.

އަންނަ ބުނީ، ކަނޑުފަރު ހިމާޔަތް ކުރުމަށްތަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، އިތުރަށް މީހުން ހޭލުންތެރިކުރުން ކަމަށެވެ. އާއްމު ރައްޔިތުންގެ މެދުގައިވެސް އަދި ޒުވާނުންގެ މެދުގައިވެސް ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ކޮންމެ މީހަކު ވެސް އެމީހަކަށް ވީ ވަރަކުން ހިމާޔަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވާން ޖެހޭކަމަށް އަންނަ ދެކެއެވެ.

އެހެންކަމުން، ކުރާ ކޮންމެ ކަމަކުން ވެސް ފަރުތަކާ ކަނޑުތަކަށް ލިބޭ ގެއްލުން ތަކާ މެދު ވިސްނައި، ކަނޑުތަކުގެ މަންފާ ހޯދާއިރުވެސް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުން ނުދިނުމަށް އަންނަ ހަނދާންކޮށްދިނެވެ. އަދި ކަނޑުފަޅުން ފައިދާ ނަގާއިރު، އެތަންތަނަށް ދެވޭ ގެއްލުންތަކާ މެދު ވިސްނާ ފިކުރު ކުރުމަށް އަންނަ ބުންޏެވެ.

މިހާތަނަށް ޑައިވް ނުކުރާ ހުރިހާ މީހުން، އެންމެ ފަހަރަކު ނަމަވެސް ކަނޑުއަޑި ރަނގަޅަށް ބަލައިލުމަށް އެދޭކަމަށް އޭނާ ބުންޏެވެ. އޭރުން، ހިމާޔަތް ކުރަން މިއުޅެނީ ކޮންފަހަ ޒީނަތްތެރި ތަނެއްކަން އެނގޭނެ ކަމަށް އޭނާ ބުންޏެވެ.

ކަނޑުފަޅުތަކަށް ހިމާޔަތް ކުރަން އިތުރަށް މަސައްކަތް ކޮށް، އެތަންތަނަށް ގެއްލުން ނުލިބޭ ގޮތަށް ޑައިވިން ކުރުމަށް އަންނަ ވަނީ ޑައިވަރުންނަށް ވެސް ހަނދާން ކޮށްދީފައެވެ.

އަންނަ ބުނީ، ޑައިވިން ކުރާ ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއް ކަމަށެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ފެނި، އެ ރީތި މާހައުލުގައި އުޅެލުމަށް ފުރުސަތު ލިބި، އެ ޒީނަތްތެރިކަމާއި ރީތިކަން ފެންނަ ކޮންމެ ދުވަހަކުވެސް އުފާވާކަމަށް އޭނާ ފާހަގަ ކުރިއެވެ.

ދިވެއްސަކަށް އަދި އަންހެން ކޯސް ޑައިރެކްޓަރަކަށް ވީތީ އަންނަ ފަޚުރުވެރިވެއެވެ.

އަދި ވަރަށް ގިނަ ޑައިވިން އިންސްޓްރަކްޓަރުންނަށް ޓްރެއިނިން ދީފައި ވާކަން ފާހަގަކޮށް ލިބުނު އިނާމަކީ މިފަހުން އޭނާ ވަރަށް އުފާވި ދުވަހެއް ކަމަށް އަންނަ ބުންޏެވެ.

ދާއިރާގައި އުޅޭ ކޮންމެ ކުއްކަޖަކަށް ލިބޭ ކޮންމެ ގެއްލުމަކާ މެދު ވެސް އަންނަ ހިތާމަކުރެއެވެ. އެހެންކަމުން ޑައިވިންގައާއި ކަނޑުފަޅު ހިމާޔަތް ކުރުމުގައި އުޅޭއިރު، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށް އޭނާ އިލްތިމާސް ކުރިއެވެ.

އަންނަގެ އެދުމަކީ، ދިވެހިންނަށް ލިބިފައި މިވާ އަގުބޮޑު ނިއުމަތް، ރައްކާތެރި ކަމާއެކު އަންނަން އޮތް ޖީލަށް ފޯރުކޮށް ދިނުން އެންމެން މަސައްކަތް ކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!