މަސްވެރިކަމާއި ގުޅޭ

އެއްރޮނގު ބޯދި

މިއީ ރާއްޖޭގެ ތިލަފަޅުތަކުގެ ބޭރުގައްޔާއި ވިލުވިލުގައި ހެދިފައިހުންނަ މުރަކަތަކުގެ މާޙައުލުގައި ގިނައިންއުޅޭ ކުޑަ އިސްކޮޅެއްގެ މަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 10 ސެންޓިމީޓަރަށް ކަމުގައިވިޔަސް ގިނައިން ފެނިފައި ހުންނަނީ 1 ސެންޓިމީޓަރަށްވުރެ ކުދިމަހެވެ. ބޯދި އާއިލާގެ މިމަހަކީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. ދިވެހި އެންވެރިކަމުގައި މިބާވަތުގެ މަސް ބޭނުންކުރެއެވެ. ކަނޑުގައި އުޅޭ އެހެނިހެން ގިނަ މަސްމަހާ ޚިލާފަށް ބޯދިޢާއިލާގެ މަސް ބިސް އެޅުމަށްފަހު، ބިސް ދަރިމައިކުރަނީ އަނގައިގެތެރޭގައި ބަހައްޓައިގެންނެވެ.

މަހުގެ ކުލައަކީ ފަނޑު މުށިކުލައެވެ. މަހުގެ ތުނބުން ފެށިގެން ލޯހުރަސްކޮށް ނިގޫފަތާ ހަމައަށް ކަޅުކުލައިގެ ރޮނގެއް މަހުގެ ދިގަށް ދެމިފައިހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައި ފެށޭ ހިސާބުގެ ކައިރިފަށާއި ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅުކުލައެއްގައެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 3 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 6 މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތްގަޑުގެ ކުރީބައިގައި ރާޅުކަމެއް ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ޢާއްމު ސިފައަށް ވިސްނާ "އެއްރޮނގު ބޯދި" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަަން: Fainstripe cardinalfish
ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!