މަސްވެރިކަމާއި ގުޅޭ

ގަރަހިތަމުގުރާން -- ފޮޓޯ/ ޑައިވް ކްލަބް މޯލްޑިވްސް

ގަރަހިތަމުގުރާން

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އައިންހަދައިގެން އުޅޭ މުގުރާމެކެވެ. މިބާވަތުގެ މުގުރާމަކީ ދިވެހި މަސްވެރިންގެ ތެރޭގައި މަޝްހޫރު އެންމަހެކެވެ. ޢާއްމުކޮށް ދޮށީގެ މަސްވެރިކަމުގައި ދިރޭއެމުގެ ގޮތުގައި ގިނައިން ބޭނުންކޮށްއުޅެނީ މިބާވަތުގެ މުގުރާމުގެ ކުދި މަހެވެ. ދިރޭ އެންޖަހައިގެން މަސްބާނާ ފަރާތްތަކުން މިބާވަތުގެ މުގުރާން ބުޅީގައި އަޅާފައި ދޫކުރުމަށް ލޯބިކުރެއެވެ. މިއީ ގަދައެމެކެވެ. މިބާވަތުގެ ބޮޑެތި މުގުރާމުގެ ބޮޑެތި އައިންތަކަކީ އަޑިއަށް ފީނާއުޅޭމީހުން ދުށުމަށް ލޯބިކުރާ މަންޒަރެކެވެ. މިމަހުގެ ކާނާއަކީ އޮޔާދާ ފަނިފަކުސައެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ނުވަތަ 12 ހަރުކަށްޓާއެކު 19 އާއި 22 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 13 މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ނޫފެހިކުލައެކެވެ. މަހުގެ ދިގަށް ހުންނަ ހުޅުނބު ރޮނގުގެ މަތީން ކަޅުކުލައިގެ ރޮނގެއް މަހުގެ ދިގަށްހުރެއެވެ. އަދި މިރޮނގުގެ ތިރީގައި ދިހުން ކުލައަރާ ނޫކުލައިގެ ފުޅާރޮނގެއް މަހުގެ ދިގަށްހުރެއެވެ. މަހުގެ ބަނޑުދަށްހުންނަނީ ހުދު ފިޔާތޮށިކުލައެއްގައެވެ. ނިގޫފަތުގެ ދެކޮޅުގައި ދިގަށް ހުންނަ ކަޅުކުލައިގެ ފުޅާ ރޮނގެއްހުރެއެވެ.

އިނގިރޭސި ނަން: Dark-banded fusilier

މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!