މަސްވެރިކަމާއި ގުޅޭ

B8E4FDA0-104B-4496-A859-BD54E494FD1A

ކަނޑުމަހުގެ މަސްވެރިކަން ހަރުދަނާކުރުމަށް ރާއްޖެއިން 3 ޤަރާރެއް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް

އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ރާވައި، ހިންގައި، ބެލެހެއްޓުމަށްޓަކައި މިހާރު އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން 3 ޤަރާރެއް ތައްޔާރުކޮށް، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 26 ވަނަ ބައްދަލުވުމުގައި ހުށަހަޅައިފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ 26 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ އެންމެ މުހިންމު ހުށަހެޅުމަކީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، މިހާރު އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވައިލައި، ތައްޔާރުކޮށްފައިވާ ހުށަހެޅުން ކަމަށެވެ.
އިންޑިއާ ކަނޑުގައި ކުރެވޭ ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަން ކުރެވެމުންދަނީ އާބާދީއަށް ގެއްލުންވާނޭ މިންވަރަކަށް ކަމަށާއި، އިތުރު ފިޔަވަޅެއް ނާޅައިފިނަމަ މުސްތަޤުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ އާބާދީ ދަށްވެފައިވާ ކަމަށް އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީ ލަފާ ދެއްވާފައިވާ މި ދަނޑިވަޅުގައި މެންބަރު ގައުމުތަކުން ގުޅިގެން ވީހާ ވެސް އަވަސް ފުރުސަތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ވަނީ ގޮވައިލައިފައިވެއެވެ.

ރާއްޖޭގެ ހުށަހެޅުމުގައި އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީގެ ލަފަޔާ އެއްގޮތަށް، 2020 ވަނަ އަހަރު މެންބަރު ގައުމުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވާ މިންވަރަށްވުރެ ކުރިއަށް އޮތް އަހަރުތަކުގައި ބާނާ ކަންނެލީގެ މިންވަރު %22 އަށް މަދުކުރުމަށް ހިމަނައިފައިވެއެވެ. އަދި ވަކިވަކި ގައުމުތަކަށް މަސް ބޭނޭނެ ކަމަށް ކަނޑައަޅާފައިވާ މިންވަރުތަކަށްވުރެ އިތުރަށް ބާނާ ގައުމުތަކާމެދު އަމަލުކުރާނެ އުސޫލުތައްވެސް މި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ ބޭނުމަކީ، ރީނދޫއުރަހަ ކަންނެލީގެ އާބާދީ އަލުން އާލާކުރުމަށް ކުރާ މަސައްކަތުގައި ދެފުށްފެންނަ، އިންސާފުވެރި ހަމަތަކެއް ގާއިމުކޮށް، ބޭނުންކުރުމެވެ. އަދި، މީގެ އިތުރުން، އޮޔާދާ ކަނދުފަތި (ޑްރިފްޓިންގ ފެޑް) ބޭނުންކޮށްގެން ކުރާ މަސްވެރިކަމުން ރީނދޫއުރަހަ ކަންނެލީގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވައިލައި، މި ބާވަތުގެ މަސްވެރިކަން ކުރުން ވަކި މުއްދަތަކަށް މަނާކޮށް، މި މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫއުރަހަ ކަންނެލީގެ މިންވަރު މަދުކުރުމަށްވެސް ރާއްޖޭގެ ހުށަހެޅުމުގައި ހިމަނައިފައިވެއެވެ.
ރާއްޖެއިން ދެވަނައަށް ހުށަހަޅައިފައިވަނީ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ މެނޭޖްކޮށް، ބެލެހެއްޓުމާބެހޭގޮތުން އެކުލަވައިލައިފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީން ހުށަހަޅާފައިވާ [ކެޗް ލިމިޓާއި] އެއް ހަމައެއްގައި ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް ރާއްޖެއިން ގޮވައިލައިފައިވެއެވެ.

ރާއްޖެއިން ހުށަހަޅައިފައިވާ ތިންވަނަ ހުށަހެޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވައިލައިފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމުގެގޮތުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވައިލައިފައިވެއެވެ. އަދި އައި.އޯ.ޓީ.ސީގެ މެންބަރު ގައުމުތަކުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ދިރާސާތައް ކުރުމުގެ އަހުލިއްޔަތު އިތުރުކޮށް، ހާއްސަގޮތެއްގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި މިފަދަ ދިރާސާތައް ކުރުމަށް ކުރެވޭ މަސަކަތް ކުރިއެރުވުމަށް މި ހުށަހެޅުމުގައި ވަރަށް ބޮޑަށް ބާރު އަޅައިފައިވެއެވެ.

މޭ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭ އިތުރުން އައި.އޯ.ޓީ.ސީ 23 މެންބަރު ގައުމަކުން ބައިވެރިވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!