މަސްވެރިކަމާއި ގުޅޭ

viber_image_2022-05-18_23-51-51-293

މަސްވެރިކަމުގައި ފައިތިލަ ސާބިތުކޮށްލި ޝިނާނު: "މިއީ ވަރަށް ސަޅި ކަމެއް"

ޒުވާނުން މަސްވެރިކަމަށް ނުކުންނަ ވާހަކައަކީ މިހާރު ރާއްޖޭގައި އާ ވާހަކަ އަކަށް ނުވާނެއެވެ. އިރެއްގައި އެއީ ޒުވާނުން ކުރަން 'ކަޓު' މަސައްކަތެއް ގޮތަށް ދެކުނު ނަމަވެސް، ޒަމާނައެކު އެ ވިސްނުންވެސް ބަދަލު ވެއްޖެއެވެ.

'ޒުވާން މަސްވެރިޔާ'ގެ ނަމުން މަޝްހޫރުވެފައި ވަނީ ހަސަން ސާޖިން ކަމަށް ވިޔަސް، މިހާރު މުޅި ރާއްޖޭގައި ޒުވާން މަސްވެރިން އުޅޭކަމީ މުޅި ގައުމު ފަޚުރުވެރިވާ ކަމެކެވެ.

އދ. ކުނބުރުދޫ އަށް އުފަން، އިބްރާހިމް ޝިނާނު، 19، އަކީވެސް ޒުވާން މަސްވެރިއެއް ގޮތުގައި ފާހަގަ ކުރެވޭ ޒުވާނެކެވެ. ސްކޫލު ދައުރުވެސް، ބޯވަ ނެގުމާއި މަސް މަރަން ދިއުމަކީ ޝިނާނުގެ ހޮބީއެވެ. ސްކޫލު ދައުރު ނިންމައި، އެންމެ ފުރަތަމަ އޭނާ ޚިޔާރު ކުރީ ފަތުރުވެރިކަމެވެ. ވަޒީފާ އަދާކުރީ ރިސޯޓެއްގެ ޑައިވިން ދޯންޏެއްގައެވެ. އެ ވަޒީފާގައި ކުޑަ ދުވަސްކޮޅަކު އުޅުމަށްފަހު، ރަންބިސްއަޅާ ކުކުޅު ދޫކޮށް، ދިވެހިންގެ ލޭނާރާ ދިމާއަށް ދަތުރު ކުރިއެވެ. އާދެ! މަސްވެރިއެއްގެ ގޮތުގައިި ފަޚުރުވެރިކަމާއެކު މަސައްކަތް ކުރަން ފެށިއެވެ.

އުމުރުން 18 އަހަރުގައި މަސްވެރިކަމަށް ނުކުތް ޝިނާނު މަހަށް ދަނީ ކުނބުރުދޫގައި މިހާރު އޮތް އެންމެ ބޮޑު ކަންނެލި ދޯނި ކަމުގައިވާ 'ޒިކުރާ 3' އިންނެވެ. އދ. މަންދޫގައި ބަނދެގެން 'ޒިކުރާ 3' ކަންނެލީގެ މަސްވެރިކަމަށް ފަށައިގަތުން އެއީ ޝިނާނުގެ މަސްވެރިކަން ރަސްމީކޮށް ފެށުމެވެ. 22 މީހުން މަސައްކަތް ކުރާ އެ ދޯނީގައި އޭނާ ހިމެނެނީ ކަންނެލި ބާނާ މީހުންގެ ލިސްޓުގައެވެ. ކޮންމެ މީހަކަށް ނިދުމަށް ވަކި އެނދެއް ހުންނައިރު، ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ދޯނީގައި ދެ ކައްކާ ތިބޭކަމަށާއި، މަސްވެރިކަން ކުރަނީ ވަރަށް ޝައުގުވެރިކަމާއެކުގައިކަން އޭނާ ފާހަގަ ކުރިއެވެ.

ދެ ވަޒީފާގެ ތަފާތު ހިއްސާ ކުރަމުން ޝިނާނު ބުނީ، ރިސޯޓު ވަޒީފާގައި، ހައި ސީޒަން ތެރޭގައި ޖުމުލަ މުސާރައަކަށް ލިބުނީ 10 ހާސް ކަމަށެވެ. ނަމަވެސް ބޮޑުކަންނެލީގެ މަސްވެރިކަމުގައި، އެންމެ މަދުން ލިބޭ މަސްމަހުވެސް 12،000 ލިބޭކަމަށް ޝިނާނު ފާހަގަ ކުރިއެވެ. އާއްމުގޮތެއްގައި 15،000 ރުފިޔާއަށްވުރެ ގިނައިން ލިބޭ ކަމަށާއި، މިހާތަނަށް އެންމެ ގިނައިން ލިބުނު މަހު 41 ހާސް ލިބުނު ކަމަށް އޭނާ ބުންޏެވެ.

މަސްވެރިކަމުގައި އެއް އަހަރާ ބައި ހޭދަވިއިރު، ރިސޯޓު ވަޒީފާއަށްވުރެ މާ ބޮޑަށްވެސް މަސްވެރިކަން ޝިނާނަށް ކަމުދާކަން އޭނާގެ ވާހަކަތަކުން ވަރަށް ރަނގަޅަށް އެނގެއެވެ. ވޮލީކުޅުމަށް ލޯބި ހުންނަ، މޫދާ ދޯޅު ޝިނާނު، އޭނާއަކީ މަސްވެރިއެކޭ ބުނަން ލަދެއް ނުގަނެއެވެ. އަދި ޖެހިލުމެއްވެސް ނުވެއެވެ.

ރިސޯޓު ވަޒީފާގައި އުޅޭއިރު އުފަން ރަށަށް، އާއިލާ ކައިރިއަށްވެސް ދެވޭނީ މަދުންކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެޔާ އަޅައި ބަލާއިރު މިހާރު ރަށަށް ދެވޭ ވަރުވެސް އިތުރު ކަމަށެވެ. އޭގެ ސަބަބުން އާއިލާއާއެކު ހޭދަކުރެވޭ ވަގުތުވެސް ގިނަ ކަމަށެވެ.

އޭނާ ބުނިގޮތުގައު މަސްވެރިކަމުން ލިބޭ އާމްދަނީއިން، ފަހަށް ފައިސާ ރައްކާ ކުރުމަށްފަހު، ބޭނުންވާ ތަކެތި ހޯދުމާއި ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސެއެވެ.

ޝިނާނު ބުނީ ފަތުރުވެރިކަމަކީވެސް ކުރިއަށްދާން ރަނގަޅު ދާއިރާއެއް ކަމަށާއި ނަމަވެސް އޭނާ މިހާރު ބޮޑަށް ބޭނުމީ މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ކަމަށެވެ. ޝިނާނުއަކީ ކުނބުރުދޫގައި މަހަށްދާ އެންމެ ޒުވާން އުމުރުގެ އެކެކެވެ. އެހެން ގޮތަކަށް ބުނާނަމަ ކުނބުރުދޫގެ ޒުވާން މަސްވެރިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!