މަސްވެރިކަމާއި ގުޅޭ

Kooddoo 2

ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭނެ ގޮތް ހަދަނީ

ކޫއްޑު އަށް ދުވާލަކު 800 ޓަނުގެ މަސް ގަނެވޭނެ ވަރަށް އެ ތަނުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މިނިސްޓްރީން ކުރަމުން އަންނަނީ ކޮން ކަމެއްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

މަސްވެރިން ބާނާ މިންވަރަށް މަސް ނުކިރުވޭތީ އެކަން ހައްލުކުރަން މިހާރު ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން މިނިސްޓަރާ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ކޫއްޑޫއިން ގަނެވެނީ ދުވާލަކު 400 އެއްހާ ޓަނުގެ މަސް ކަމަށެވެ.

އަދި އަމާޒަކީ ކުރިއަށް އޮތް މޫސުމުގައި މަސްވެރިކަން ތިޔާގިވުމުގެ ކުރިން މަސްވެރިން ބާނާ މަސް ގަތުމުގެ ގާބިލުކަން ދެގުނަ އިތުރުކުރުން ކަމަށެވެ. އަދި އެކަމަށް ޓަކައި އުޅަނދުތައް ވެސް ގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާބިލްކަން ގާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ މަސްގަނޑުކޮށް ފިނި ކުރާ ފްރީޒާ ވެސެލްސް ގަތުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަދަ ފްރީޒާ ވެސެލްސް ގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށާއި އޭގެ ދެ ބޯޓު ނުވަތަ ތިން ބޯޓު ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ކުރު މުއްދަތެއްގައި މިކަމަށް ހޯދެން އޮތް ހަމައެކަނި ހައްލަކީ މިއީ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުވުމަށް ދަތިވެ ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ. ދާދި ފަހުން ވެސް އެ މައްސަލަ ބޮޑުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ކޫއްޑޫގައި މިހާރު ހުރި ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 240 ޓަނެވެ. މިހާރު ބޭނުންކުރަމުން އަންނަ ކަލިމިންޖާ ބޯޓާއެކު ގަނެވޭނީ ދުވާލަކު 400 ވަރަކަށް ޓަނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކަނޑުމަހުގެ އަގުކިހާވަރަކަށްތަ ބޮނޑުކުރަނާ؟

Comments are closed.