މަސްވެރިކަމާއި ގުޅޭ

285670036_383649477128769_7558129751684305173_n

މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ބޯބޮޑު ވެލައަކަށް ފަރުވާދޭން ފަށައިފި

މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ބޯބޮޑު ވެލައަކަށް ފަރުވާދޭން ފަށައިފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި ހިނގި މި ހާދިސާގައި ވެލައަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެގޮތުން ކުރިމަތީ ފިޔަގަނޑު ވަރަށް ބޮޑަށް ކާލާފައިވުމުން ކަށިތައް ހުރީ ފެންނަންށެވެ.

މި ވެލާ ސަލާމަތްކޮށްފައިވަނީ ޕޯޓު ސެއިންޓު ލޫސީ ޕަވަރ ޕްލާންޓު ކައިރިންނެވެ. އެ ވެލާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައިވަނީ ފްލޮރިޑާ ފިޝް އެންޑު ވައިލްޑުލައިފް ކޮންޒަރވޭޝަން ކޮމިޝަންގެ ފަރާތުންނެވެ.

އަދި އެ ކޮމިޝަނުން މި ވެލާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ މަޔާމީ ޒޫއަށެވެ. އެ ޒޫގައި ދާދިފަހުންވަނީ ވެލައަށް ހާއްސަ ހޮސްޕިޓަލެއް ޤާއިމްކޮށްފައެވެ.

މަޔާމީ ޒޫއިން މައުލޫމާތުދޭގޮތުގައި މި ވެލާއަށް 50 އަހަރުވެދާނެއެވެ. ބަރުދަނުގައި 175.9 ކިލޯހުރި މި ވެލާ އޮތީ ބިސް އަޅަން ކައިރިވެފައިކަމުން، ހޮސްޕިޓަލުންވަނީ އޭތި ބިސް އެޅޭނެ ގޮތް ހޯދައިދީފައެވެ.

އެގޮތުން ވެލާ ވަނީ 100 ބިސް އަޅާފައެވެ. އެހެންނަމަވެސް އޭގެ ބަނޑުގައި އިތުރަށް ބިސް ހުރުމުން ހޮސްޕިޓަލުންވަނީ އެ ބިސްތައް އޭގެ ބަނޑުން ނަގާފައެވެ.

ވެލައަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފެން ގަނޑުތެރޭ ހަރަކާތްތެރިވުމުގައި ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ފާރުގަނޑު ރަނގަޅަށް ފަސޭހަވާނެ ގޮތެއް ހޯދުމަށް ވެލާވަނީ ސަރޖަރީއެއް ހަދާފައެވެ.

މަޔާމީ ޒޫއިން ދެކޭގޮތުން ރަނގަޅު ފަރުވާއާއި ރިހެބިލިޓޭޝަނަށްފަހު މި ވެލާއަށް އަމިއްލައަށް މޫދުގައި އުޅެވޭނެއެވެ. އެހެންނަމަވެސް އަދި އެކަމަށް ދުވަސް ނަގާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!