މަސްވެރިކަމާއި ގުޅޭ

DCIM100MEDIADJI_0073.JPG

ކެނދިކުޅުދޫގައި ކަންނެލީގެ މަސްވެރިކަން ތަރައްގީ ނުވަނީ، ބޭނޭއިރު އަގު ނުހުންނާތީ!

ނ. ކެނދިކުޅުދޫގައި ކުރީގައި، ކަންނެލީގެ މަސްވެރިކަން ކުރާ ނުވަ ދޯނި އޮވެއެވެ.

އޭގެ އިތުރުން، ކެއުމަށްޓަކައި މަަސް ބޭނުމަށް، ރަށުގެ ކުދި ދޯނިފަހަރު ފުރައެވެ. ކަންނެއްޔަށް ފުރާ ދޯނިތައް މަދުވާން ފެށީ މީގެ ހައެއްކަ މަސް ކުރިންނެވެ.

އެގޮތުން ދޯނިތައް މަދުވަމުން ގޮސް، ރޯދައިގެ ކުރިން، ކަންނެއްޔަށް ދާ ދޯނީގެ އަދަދު ހަތަރަކަށް މަދުވިއެވެ. ރޯދައަށް ކަންނެއްޔަށް ދިއުން މެދުކަނޑާލުމުން، ރަށުގައިވެސް ވަޒީފާ ހުރުމާއެކު، މީހުން މަހަށް ދާން ބޭނުމެއް ނުވިއެވެ. ޒުވާނުންވެސް އެހެން ވަޒީފާއެއް ލިބޭނަމަ މަހަށް ދާކަށް ބޭނުމެއް ނުވެއެވެ.

މި ހުރިހާ ކަމަކާއެކު ދެން ކުރިމަތިވާން ފެށި މައްސަލައަކީ، މަސްވެރިކަމަށް އައި ބަދަލުތަކާ ގުޅިން، ކަންނެލި ކިރިޔާވެސް ބޭނޭނަމަ، ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށުގައި އޮވެގެން ކަންނެލި ގަތުމުގެ ކަންތައް ކުރިއަށް ދިއުމެވެ.

އެހެންކަމުން، ކަންނެލީގެ އަގު ދަށްވުމާއި، ކިރިޔާވެސް ކަންނެކި ބޭނޭ އިރަކު ނަމަ ހަމަ އަގު ނުލިބުމުގެ ސަބަބުން، ކަންނެލީގެ މަސްވެރިކަމަށްދާ ކެޔޮޅުންނަށާއި ފަޅުވެރިންނަށް އެކަމުގެ ދަތިކަން ކުރިމަތި ވަމުން އައިސް، މިވަގުތު ކެނދިކުޅުދޫގައި ކަންނެލީގެ މަސްވެރިކަން ކުރަން އޮންނަނީ ދެ ދޯންޏެވެ. އެއީ 'ފިޝަމޭން' ނަމަކަށް ކިޔާ ދޯންޏަކާއި 'އުއްމީދު' ނަމަކަށް ކިޔާ ދޯންޏެކެވެ.

އެހެން ދޯނިތަކުގައި ކަންނެލީގެ މަސްވެރިކަން ކުރުން ހުއްޓި، ބައެއް ދޯނިފަހަރު މާލެ ދަތުރު ކުރާ ދޯނިތަކަށް ވަނީ ބަދަލުވެފައެވެ. އެހެން ރައްރަށުން ގެނެސްގެން ދުއްވި ދޯނިތައް އެ ރައްރަށަށް އަނބުރާ ގެންދިޔައީއެވެ.

މިހާރު ކެއުމަށްވެސް މަސް ލިބޭނީ، ރަށަށް މަސް ވިއްކަން ބަޔަކު އައުމުންނެވެ. ސަބަބަކީ ކެއުމަށް މަސް ބޭނުމަށް ވެސް މަހަށް ދަނީ ކުޑަ ދެ ދޯނި ކަމުގައި ވާތީއެވެ.

ކެނދިކުޅުދޫ ކައުންސިލް މެމްބަހު ހަސަން މުހައްމަދު މަސްވެރިން އެމްވީއާ ވާހަކަ ދައްކަމުން ވިދާޅުވީ، މަސްވެރިކަން ތަރައްގީ ވާ މިންވަރަކަށް މެދުރާއްޖެތެރޭގެ މީހުންނަށް މަސްވެރިކަމަކަށް ބަދަލެއް ނުވެވޭ ކަމަށެވެ. މާލެއިން ދެކުނުގެ މީހުން އެ ކުރާ މަސްވެރިކަމާއި، އެ ތަރައްގީއާއި ވިސްނުމަކަށް ނުދެވޭ ކަމަށެވެ.

މާލެއިން ދެކުނުގައި ހުވަދޫ ކަނޑުގައި އާއްމުކޮށް، ކޮންމެ ހިސާބެއްގައި ވެސް މަސްވެރިކަން އޮންނަ ކަމަށް ހަސަން ވިދާޅުވިއެވެ. ނަމަވެސް މާލޭން އުތުރު ސަރަހައްދުތަކުގައި މަސްވެރިކަން އޮންނަނީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ހުޅަނގު މޫސުމުގައި ގަދަވާނީ މާލޭން އުތުރަށް ކަމަށް ވާތީއެވެ.

ހަސަން ވިދާޅުވީ، ކެނދިކުޅުދޫގައި ކަންނެލީގެ މަސްވެރިކަން، އެހެން ހިސާބުތަކުގައި މަސްވެރިކަން ކުރާ ގޮތަށް ނުކުރެވޭތީ ފަޅުވެރިންގެ ޝަކުވާ އިންތިހާއަށް ބޮޑުވުމާއި ކެޔޮޅުންނަށް އަމިއްލައަށް ކަންކަން ނިންމުމަށް އުނދަގޫވުމަކީވެސް ކަންނެލީގެ މަސްވެރިކަން ކުރިއަށް ގެންދިއުމަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ.

ކަންނެލި ރަނގަޅަށް ބޭނޭ ދުވަސްވަރެއްގައި ކަންނެލީގެ އަގު ނުހުރުމަކީ، ކަންނެއްޔަށް ދާ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބުމަށް އެޅޭ ހުރަހަކަށް ވުމުން، ގިނަ މީހުން އެހެން ވަޒީފާތައް ހޯދަނީއެވެ.

މަސް ބޭނުނަސް ނުބޭނުނަސް ތެލުގެ ހަރަދާއި، ކޮއްތާއި އިންޖީނު ހިންގުމުގެ ހަރަދުތައް ބަރާބަރަށް ހިނގައެވެ. މޫސުން ގޯސްވެގެން ތަނެއްގައި ދުވަސްކޮޅަކު މަޑުކޮށްފިނަމަ ދޯނީގައި ހުރި އައިސްއަށްވެސް އޭގެ ނޭދެވޭ އަސަރު ކުރަނީއެވެ. ރަށުގައި ކަންނެލީގެ މަސްވެރިކަން މަދުވި ސަބަބުތައް ކަމަށް ހަސަން ވިދާޅުވީ މިފަދަ ސަބަބުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އަހަރުން ނުދެނަހުރިން ކެނދިކުޅުދޫގަ ކަނޑުމައްޗައްއަރާ މަސްވެރިންއުޅޭކަމެއް. ގިނަވާނީ އެއްގަމު މަސްވެރިން

Comments are closed.