މަސްވެރިކަމާއި ގުޅޭ

Master Plan

މަސްވެރިކަމަކީ ހަޑި މަސައްކަތެއް ނޫން، މިކަން ކުރިއަރާނީ ޒުވާނުން މިކަމުގެ ތެރެއަށް ވަދެގެން: ކޮލަމާފުށީ ރައީސް

ގއ. ކޮލަމާފުއްޓަކީ މީގެ ކުރިން ކުރިން، މަހަށް ނުކުންނަ އެންމެ ގިނަ ދޯނިފަހަރު ދުއްވި އެއް ރަށެވެ. ނަމަވެސް ޒުވާނުންނާއި އަލަށް ވަންނަ މީހުން މަސްވެރިކަމުގައި ނޫޅޭތީ، ރަށުގައި މަހަށް ނުކުންނަ ދޯނީގެ އަދަދު މަދުވީއެވެ. އެހެންކަމުން މިހާރު ކޮލަމާފުށީގައި އޮންނަނީ ދޮށީގެ މަސްވެރިކަން ކުރާ ފަސް ދޯންޏެވެ.

ދޮށީ މަސްވެރިކަމުގެ އިތުރުން ދެން ކޮލަމާފުށީގައި ކުރަނީ ފަރުމަހުގެ މަސްވެރިކަމެވެ. އާބާދީގައި 1685 މީހުން އުޅޭ ކޮލަމާފުށީގައި މަސްވެރިކަމުން ނަފާ ހޯދާ މީހުންގެ 40 އިންސައްތަ އުޅޭނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

"ގިނަ ފަހަރަށް ވާ ގޮތަކީ އާއިލާގެ އެކަކު، ދެމީހަކު ނުވަތަ އިސް މީހަކު، މަހަށްދާ މީހަކަށް އުޅެނީ. އެހެންމަ ވާގޮތަކީ އެމީހެއްގެ ފެމެލީގެ ހުރިހާ ހަރަދުތަކެއް މި ކުރަނީ އެ ލިބޭ ފައިސާއިން"

ރަށުގެ އާބާދީގެ ގިނަ ބަޔަކު، މަސްވެރިކަމުން ލިބޭ ނަފާއިން ދިރިއުޅޭގޮތް ކިޔައިދެމުން ވަހީދު ވިދާޅުވިއެވެ.

ގއ. ކޮލަމާފުށި -- ފޮޓޯ/ އަބްދުﷲ އަބީދު

ކޮލަމާފުށީގައި މަސް ކެއްކުމާއި ރިހާކުރު ކައްކާ މީހުންވެސް އުޅެއެވެ. ނަމަވެސް ވަހީދު ވިދާޅުވާ ގޮތުގައި، ކުރިއެކޭ އެއްގޮތަށް ދެތިން ޓަނު އެއްކޮށް ގަނެގެން މަސް ކެއްކުމެއް މިހާރަކު ނޯވެއެވެ. މިހާރު އެރަށު މީހުން މަސް ކައްކަނީ ގޭގޭދޮށުގައި، ކުދި މަސްކޮޅު ކައްކައިގެން، ލޯކަލް ވިޔަފާރިއެއް ގޮތަށެވެ.

މަސްވެރިކަމުގައި ރަށުގެ މުސްތަގުބަލަށް ވިސްނާއިރު، ކަންބޮޑުވާން ޖެހޭ ކަމަކީ މަހަށް ނުކުންނަ ޒުވާނުން މަދުވުމެވެ. މަސްވެރިކަމުގައި ޒުވާނުން ހަރަކާތްތެރިވާ މިންވަރު މަދުކަން ވަހީދު ފާހަގަ ކުރެއްވިއެވެ.

ވަހީދު ވިދާޅުވި ގޮތުގައި، އޭގެ ސަބަބެއް ކަމަށް ގަބޫލު ކުރެވެނީ، ތައުލީމީ ޒުވާނުން ގިނަވުމާއެކު، ބުރަ މަސައްކަތް ކޮށްގެން ފައިސާ ހޯދުމުގެ ވިސްނުން ނުހުންނަނީ ކަމުގައި ވެދާނެއެވެ.

އެހެން ނަމަވެސް ޒުވާނުން މަސްވެރިކަމަށް އިތުރަށް ޝައުގުވެރި ކުރުވުމަށް މަސައްކަތް ކުރަމުން ދާކަމަށް ވަހީދު ވިދާޅުވިއެވެ. ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނުވަނުަމކީ މަސްވެރިކަމަށް އަންނާނެ ހީނަރުކަމެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

"ޒުވާނުން މިކަމުގެ ތެރެއަށް ވަދެގެން ނޫނިއްޔާ މިކަން ކުރިއަރާ ފުޅާވެގެން ދާނެ ތަނެއް ނުފެނޭ،" ވަހީދު ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ، މަސްވެރިކަމަކީ ހަޑި މަސައްކަތެއް ނޫންކަމަށާއި މިއީ އާމްދަނީ ހޯދަން ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި މިކަމުން ރަނގަޅު ނަފާ ލިބޭކަމަށެވެ.

ހުރިހާ ރިސޯސްއެއް ހުއްޓުނަސް ރާއްޖޭގައި ރަނގަޅަށް ކުރެވެން އޮތް ކަމަކީ މިއީކަން ފާހަގަ ކުރަމުން ވަހީދު ވިދާޅުވީ، ވީހާވެސް ގިނަ ޒުވާނުން މަސްވެރިކަމަށް ނުކުތުމަށް ގޮވާލާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ވާހަކަ ވަރަށް ރީތި.ރައީސް ކުރެން އައްސަވާ ކޮންކަމެއްތޯ މަސްވެރިކަން ކުރިއަރުވަންކުރެއްވީ.ކައުންސިލްގަ އެވަރުގެ ކެޕޭސިޓީ އެބަހުރިތޯ؟އެއްވެސް ބޭނުމެއްނެތް ކައުންސިލެއް.އެވަރުގެ ގާބިލްކަމެއް ހުރެގެންތާ ކަމެއްވާނީ.ދައުލަތުންކުރާ ވަރަށްބޮޑު ހޭދައެއް.ރަނގަޅުތާ ކައުންސިލަށް ކުރިމަތިލެވޭ މީހުންގެ ތައުލީމީ ޝަރުތެއް ހިމަނާލަން.އަސާސީ ފެންވަރުނެތެސް އޯކޭ.ދިޔަ ހުރި އެއްޗަކުން ދިޔަ ފެލޭނީ.

  2. މުސްކުޅިކެޔޮޅުން ދޯނިތަކުގެ ކެޔޮޅުންބަދަލުނުވެ ޒަމާންވީ ޓެކްނޮލެޗީ މަސްވެރިކަމެއް ކޮލަމާފުށީގައި ނުކުރެވެނީ

Comments are closed.